3 ސެޕްޓެންބަރު 2023 - 19:26 0
3 ސެޕްޓެންބަރު 2023 - 19:26 0
ބާސެލޯނާ (ސެޕްޓެމްބަރު 3) - ސްޕެނިޝް ލަލީގާގެ ފެންވަރު ދަށްވަނީ ރެފްރީންގެ ސަބަބުން ކަމަށް ބުނެ ބާސެލޯނާގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ރެފްރީންނަށް ފާޑުކިޔައިފި އެވެ.
މިިދިޔަ އަހަރު ބާސެލޯނާއަށް ބަދަލުވި ފޯވާޑް ލެވަންޑޯސްކީ ރެފްރީންނަށް ފާޑުކިޔާފައި މި ވަނީ ލީގުގައި އެ ޓީމް ކުޅުނު ތިން މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެންނެވެ. ތިން މެޗުގައި ލެވަންޑޯސްކީ އަށް ޖެހުނީ އެންމެ ގޯލެކެވެ.
ލެވަންޑޯސްކީ ބުނީ ބާސެލޯނާ އަށް ބަދަލުވިއިރު ލީގުގެ ފެންވަރު މި އަށް ވުރެ ރަނގަޅުވާނެ ކަމަށް އުއްމީދުކުރި ކަމަށާއި އަހަރެއްހާ ދުވަހު އެކުލަބުގައި ހޭދަކުރެވުނުއިރު، ހާލަތު ވަރަށް ރަނގަޅަށް ފެންނަ ކަމަށެވެ.
ކުރިން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެދިން ލެވަންޑޯސްކީ ބުނީ ހަގީގަތަށް ބުނާނަމަ މެޗުތަކުގައި ރެފްރީން ކުޅުން ހުއްޓުވަނީ މާ ގިނައިން ކަމަށެވެ. މިއީ މެޗުތަކުގެ ފޯރި ދަށްވެ ޓީމްތަކުގެ ކުޅުމަށް ނޭދެވޭ އަސަރު ކުރާކަމެއް ގޮތުގައި ލެވަންޑޯސްކީ ފާހަގަކުރި އެވެ.
ބެލޮންޑިއޯ އާއި ފީފާގެ ބެސްޓް އެވޯޑްސް ހޯދާފައިވާ ލެވަންޑޯސްކީ ބުނީ ރެފްރީންގެ ސަބަބުން ލަލީގާގެ ފެންވަރު ވަރަށް ބޮޑަށް ދަށްވަމުން އަންނަކަން ގިނަ ބަޔަކު ގަބޫލުކުރާނެ ކަމަށެވެ.
ސްޕެނިޝް ލީގަށް މީހުން މިހާރު ޝައުގުވެރިނުވާ އެއް ސަބަަބަކީ އެޓޭކިން ފުޓްބޯޅައެއް ނުފެނުން ކަމަށާއި، ރެފްރީންގެ ސަބަބުން އެޓޭކިން ސިސްޓަމަށް ކުޅޭ ޓީމްތަކުގެ ކުޅުމަށް ބޮޑެތި އަސަރުކުރާ ކަމަށެވެ.
މިދިޔަ ސީޒަންގައި ރެފްރީންނަށް ފާޑުކިޔައިގެން ބައެއް ކުޅުންތެރިން މެޗުތަކަށް ސަސްޕެންޑް ކުރި އެވެ. އެ ގޮތުން ވެލެންސިއާގެ ހޯސޭ ގާޔާ އާއި ރެއާލް ބެޓިސް އަށް ކުޅުނު ސާޖިއޯ ކަނަލޭސް، މެޗުތަކަށް ފަހު ރެފްރިީންނަށް ފާޑުކީ މައްސަލައިގައި ދެ ކުޅުންތެރިން ހަތަރު މެޗަށް ސަސްޕެންޑުކުރި އެވެ.
ބާސެލޯނާއިން މިހާތަނަށް ލީގުގައި ތިން މެޗު ކުޅުނުއިރު ދެ މެޗުން މޮޅުވި އެވެ. އެއް މެޗު އެއްވަރުވެ ހަތް ޕޮއިންޓާ އެކު، ބާސެލޯނާ އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ލީގުގައި މިރޭ ބާސެލޯނާ ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ.
Comment