Advertisement

ސިޓީ އާއި ޓޮޓެންހަމް ކުރިއަށް، ޗެލްސީ އަށް އަދި މިކަމެއް ނުވޭ

3 ސެޕްޓެންބަރު 2023 - 07:24 0

ހާލަންޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ސިޓީ އާއި ޓޮޓެންހަމް ކުރިއަށް، ޗެލްސީ އަށް އަދި މިކަމެއް ނުވޭ

3 ސެޕްޓެންބަރު 2023 - 07:24 0

ލަންޑަން (ސެޕްޓެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުތަކުން މޮޅުވެ، ލީގު ތާވަލުގެ ގަދަ ދެ ޓީމުގެ މަގާމަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން ބަލިވި މެޗަަށް ފަހު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ސިޓީން ވަނީ އަމިއްލަ ދަނޑުގައި 5-1 އިން ފުލަމް ބަލިކޮށްފަ އެވެ. ބާންލީ ދަނޑުގައި ޓޮޓެންހަމް މޮޅުވީ 5-2 އިންނެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ސިޓީ އެވެ. އެ ޓީމު ތާވަލުގެ ކުރީގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ވެސްޓް ހޭމް އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވި، ބްރައިޓަން އޮތީ ހަތަރެއްގަ އެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

ރޭ ސިޓީ އަށް ހޫލިއަން އަލްވަރޭޒް ލީޑުނަގައިދިންތާ މިނިޓެއް ތެރޭ ފުލަމްގެ ޑިފެންޑަރު، ޓިމް ރީމް ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ނޭތަން އަކޭ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ޖެހި ގޯލުން ސިޓީން އަނެއްކާ ވެސް ލީޑުނެގި އެވެ. ދެ ވަނަ ހާފުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މިދިޔަ ހަފްތާގައި ހާލަންޑް ވަނީ ޕްރިމިއާ ލީގާއި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ޓޮޓެންހަމްގެ ކެޕްޓަން ސޮން ރޭގެ މެޗުގެ ތެރެއިން ބާންލީ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ


އަމިއްލަ ދަނޑުގައި ކުޅުނު ބާންލީން ވަނީ ހަތަރު ވަނަ މިނިޓްގައި ލައިލް ފޯސްޓާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ޓޮޓެންހަމް އިން ފަަހަތުން އަރައި، ފަސް ގޯލު ޖެހިއިރު، އެ ޓީމުގެ ކެޕްޓަން، ސޮން ހެއުން މިން ހެޓްރިކެއް ހެދި އެވެ. އަނެއް ދެ ގޯލު ޖެހީ ކްރިސްޓިއަން ރޮމޭރޯގެ އިތުރުން މި ސީޒަނުގައި ޓޮޓެންހަމްއާ ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޭމްސް މެޑިސަން އެވެ. އިތުރު ވަގުތުގައި ބާންލީގެ ޖޯޝް ބްރައުންހިލް އެ ޓީމުގެ ދެ ވަނަ ގޯލު ޖެހި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި ނޮޓިންހަމް މޮޅުވީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިން ވަަނަ މިނިޓްގައި އެންތަނީ އެލަންގާ ޖެހި ގޯލުންނެވެ. ޗެލްސީ އަށް މި މެޗުގައި ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވެ، ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވީ އެވެ.

ރޭގެ މެޗުގެ ތެރެއިން ޗެލްސީގެ ކޯޗު ޕޮޮޗެޓީނޯ (ވ) އެ ޓީމުގެ ގަލަގާ އަށް ބުނެދެނީ.


ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު ޕޮޗެޓީނޯ ބުނީ ސީޒަން ފަށައިގެން މިހާތަނަށް ކުޅުނު މެޗުތަކުގައި ޖުމްލަކޮށް ބަލާއިރު، "އަދި އޭނާ ބޭނުންވާވަރުގެ ކުޅުމެއް ނުފެންނަ" ކަމަށެެވެ. ޗެލްސީން ގިނަ ޓްރާންސްފާތަކެއް ކޮށްފައިވާތީ އެކުގައި ބޭނުންވާ ސިސްޓަމަށް ރަނގަޅަށް ކުޅެން ވަގުތު ނަގާނެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ޗެލްސީގެ ވެރިޔަކަށް އެމެރިކާގެ ޓޮޑް ބޯލީ އައި ފަހުން އެ ޓީމުން އާ ކުޅުންތެރިންނަށް އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ވަނީ ހަރަދުކޮށްފަ އެވެ. އެ މުއްދަތުގައި ޗެލްސީން ގެނައި ކުޅުންތެރިންގެ އަދަަދަށް ވުރެން ލީގުގައި މޮޅުވި މެޗުގެ އަދަދު މަދެވެ.

ބްރައިޓަންގެ ފޯވާޑް އިވާން ފާގަސަން ވަނީ ރޭ ނިއުކާސަލް ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑު ޖެހީ އިތުރު ވަގުުތުގައި ކަލުމް ވިލްސަން އެވެ.