Advertisement

އެމްޕީއެލް ފްލެޓްތަކަށް އަގު ދެއްކުމުގެ މުއްދަތު އިތުރުކޮށް، މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކޮށްފި

31 އޮގަސްޓު 2023 - 21:27 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޕީއެލް އިން އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް އަޅާފައިވާ ފްލެޓް އިމާރާތެއް. ފޮޓޯ:މުހައްމަދު ޝާބިން/އަަދަދު


އެމްޕީއެލް ފްލެޓްތަކަށް އަގު ދެއްކުމުގެ މުއްދަތު އިތުރުކޮށް، މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކޮށްފި

31 އޮގަސްޓު 2023 - 21:27 1

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކުންފުނީގެ މުވައްޒަފުންނަށް ދޫކޮށްފައިވާ ފްލެޓުތަކަށް ފައިސާ ދެއްކުމުގެ މުއްދަތު 20 އަހަރުން 25 އަހަރަށް ބަދަލުކޮށް، މަހަކު ދައްކަން ޖެހޭ ފަައިސާގެ އަދަދު މަދުކޮށްފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ "ޕޯޓް ރެސިޑެންސް" އެޕާޓުމަންޓުތަކަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރަން އެކުންފުނީގެ ބޯޑުން ނިންމީ މުވައްޒަފުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު ފްލެޓަށް ފައިސާ ދެއްކުމުގެ އޮޕްޝަން އެކެއްގެ ދަށުން ޑައުން ޕޭމަންޓު ދައްކާފައިވާ މުވައްޒަފުންގެ ތެރެއިން އެއް ކޮޓަރީގެ "ސްޓޫޑިއޯ އެޕާޓުމަންޓު ޓައިޕް އޭ" އަށް ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި މަހަަކަށް ދައްކަން ޖެހޭނީ 3،741.38.ރ އެވެ. އަދި އެއް ކޮޓަރީގެ "ޓައިޕް ބީ" އެޕާޓުމަންޓު ތަކަށް މަހަކު ދައްކަން ޖެހޭނީ 3،872.94.ރ އެވެ.

ފުރަތަމަ ފަސް އަހަރު ދުވަހަށް ފަހު "ޓައިޕް އޭ" އެޕާޓްމަންޓްތަކަށް މަހަކު ދައްކަން ޖެހޭނީ 4،061.54.ރ ކަމަށާއި "ޓައިޕް ބީ" އަށް މަހަކު 4،204.37.ރ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރިން އޮތް ގޮތުންނަމަ، 20 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ނަމަ "ޓައިޕް އޭ" އަށް 4،585.16 އަދި "ޓައިޕް ބީ" އަށް 4،746.ރ މަހަކު ދައްކަން ޖެހެ އެވެ.

"އޮޕްޝަން 1" ގެ ދަށުން ތިން ކޮޓަރީގެ "ޓައިޕް އޭ" އެޕާޓްމަންޓް ތަކަށް ފައިސާ ދައްކާ މުވައްޒަފުން ފުރަތަމަ ފަސް އަހަރު ދުވަހު މަހަކަށް ދައްކަން ޖެހޭނީ 7،015.08.ރ ކަމަށާއި ތިން ކޮޓަރީގެ "ޓައިޕް ބީ" ދައްކަން ޖެހޭނީ މަހަކު 7،182.60.ރ ކަމަށް ވެސް އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެއިތުރުން ތިން ކޮޓަރީގެ "ޓައިޕް އޭ" އަށް ބާކީ 20 އަހަރު ވެސް ދައްކަން ޖެހޭނީ މަހަކު 8،073.56.ރ ކަމަށާއި "ޓައިޕް ބީ" އަށް ދައްކަން ޖެހޭނީ މަހަކު 8،260.45.ރ ކަމަށް ވެސް އެމްޕީއެލްގެ ބަޔާނުގައި ބުންޏެވެ.

އެކުންފުނިން ބުނި ގޮތުގައި ފައިސާ ދެއްކުމުގެ އޮޕްޝަން 2، 3 ގެ ދަށުން ފައިސާ ދަައްކާފައިވާ މުވައްޒަފުންނަށް ވެސް ލުއިދޭނެ އެވެ. އަދި އެ މުވައްޒަފުން އޮޕްޝަން އެކަކަށް ބަދަލުވާން ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ވެސް އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.