Advertisement

އައިއޯއައިޖީ 2023: ސާއިދު، މިންހާލް އަދި ލަޔާނާ 200 މީޓަރު ދުވުމުގެ ފައިނަލަށް

31 އޮގަސްޓު 2023 - 18:29 0

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު، މިއަދު ކުރިއަށްދިޔަ 200 މީޓަރު ދުވުމުގެ ރޭސް ނިންމަނީ--- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އައިއޯއައިޖީ 2023: ސާއިދު، މިންހާލް އަދި ލަޔާނާ 200 މީޓަރު ދުވުމުގެ ފައިނަލަށް

31 އޮގަސްޓު 2023 - 18:29 0

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 200 މީޓަރު ދުވުމުގެ ފައިނަލަށް ހަސަން ސާއިދު، މުހައްމަދު މިންހާލް ޝާމިން އަދި އާމިނަތު ލަޔާނާ މުހައްމަދު ދަތުރުކޮށްފި އެވެ.

މަޑަގަސްކަރާގެ އަލަރާބިއާ ސްޓޭޑިއަމްގައި މިއަދު މެންދުރު ފަހު ކުރިއަށްދިޔަ 200 މީޓަރު ހީޓުތަކަށް ބަލާއިރު، ފިރިހެނުންގެ ހީޓު ދޭއްގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ރޭސް ނިންމީ ތިން ދުވުންތެރިންގެ ތެރެއިން ދެ ވަނައިގަ އެވެ. ސާއިދުގެ ޓައިމިން އަކީ 21.64 ސިކުންތެވެ.

ސާއިދު ވާދަކުރި ހީޓުގެ އެއް ވަނަ ހޯދީ މޮރިޝަސްގެ ޖޯޝަން ރޯއި އެވެ. އޭނާގެ ޓައިމިން އަކީ 21.57 ސިކުންތެވެ.

މިއަދުގެ 200 މީޓަރު ދުވުމުގެ ތެރެއިން ރާއްޖޭގެ މިންހާލް ރޭސް ނިންމަނީ.---- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ރާއްޖޭން ދެން ފައިނަލަށް ދަތުރުކުރީ މި ވަގުތު ޖޫނިއާ އެންމެ ބާރު ދުވުންތެރިޔާ މިންހާލް އެވެ. މިންހާލްގެ ވާދަކުރީ ހީޓު އެކެއްގަ އެވެ. މިންހާލް ރޭސް ނިންމީ 22.41 ސިކުންތުންނެވެ. މިންހާލް ދިޔައީ ހަތް އެތުލީޓުން ވާދަކުރި އެ ހީޓުގެ ހަތަރު ވަނަ އެވެ. އެ ހީޓުގެ އެއް ވަނަ އަށް ދިޔައީ މޮރިޝަސްގެ ބީބީ ގެރީ ޖެރެލް އެވެ. އޭނާގެ ޓައިމިން އަކީ 21.31 ސިކުންތެެވެ.

ރާއްޖޭގެ ސްޕްރިންޓަރު، އިބްރާހިމް ނާހިލް ނިޒާރު ވަނީ 200 މީޓަރު ދުވުމުގެ ހީޓު ތިނެއްގައި ވާދަކޮށް ފަސް ވަނައިގައި ނިންމައިލައިފަ އެވެ. ނާހިލް ރޭސް ނިންމީ 22.75 ސިކުންތުންނެވެ. އެ ހީޓުގެ އެއް ވަނަ އަށް ދިޔައީ ކޮމޮރޯސްގެ މާރޫފޫ ހަކީމް އެވެ. އޭނާގެ ޓައިމިން އަކީ 21.51 ސިކުންތެވެ.

ލަޔާނާ ފައިނަލަށް ދަތުރުކުރީ ހީޓު އެކެއްގައި ވާދަކޮށް، ހަތް ދުވުންތެރިންގެ ތެރެއިން ހަތަރު ވަނަ އަށް ނިންމައިގެންނެވެ. ލަޔާނާގެ ޓައިމިން އަކީ 25.93 ސިކުންތެވެ. އެ ހީޓުގެ އެއް ވަނަ ހޯދީ މަޑަގަސްކަރާގެ އެންޖަރޯސޮއާ ކްލޯޑިން އެވެ. އޭނާގެ ޓައިމިން އަކީ 23.90 ސިކުންތެވެ.

އަންހެނުންގެ 200 މީޓަރު ދުވުމުގެ ހީޓުގައި ލަޔާނާ ދުވަނީ: ލަޔާނާ ވަނީ މިއަދު މެންދުރު ފަހު ސެޝަންގައި 200 މީޓަރު ހީޓާއި 400 މީޓަރު ދުވުމުގެ ފައިނަލުގައި ދުވެފައި.--- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އަންހެނުންގެ 200 މީޓަރު ދުވުމުގައި ރާއްޖޭގެ އައިޝަތު ޝަބާ ސަލީމް ވެސް ވާދަކުރި އެވެ. ހީޓު ދޭއްގައި ވާދަކުރި ޝަބާ ނިންމީ ހަ ވަނައިގަ އެވެ. އޭނާގެ ޓައިމިން އަކީ 27.56 ސިކުންތެވެ.

ރާއްޖޭގެ ތިން ދުވުންތެރިން ވަނީ އަންހެނުންގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެކަމަކު، ރާއްޖޭގެ އެތުލީޓުންނަށް ރޭހުގެ ފަހު 100 ވަރަކަށް މީޓަރުގައި ޕޭސް ނުހިފެހެއްޓި ނިންމާލަން ޖެހުނީ މެޑަލް ހޯދި މަޑަގަސްކަރާގެ ތިން އެތުލީޓުން ފަހަތުންނެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ 55.76 ސިކުންތުން ރޭސް ނިންމި މަޑަގަސްކަރާގެ ސިންތިއާ ޖޯޖް އެވެ. ރިހި މެޑަލް ހޯދީ 56.65 ސިކުންތުން ރޭސް ނިންމި މަޑަގަސްކަރާގެ ކޮލޯއިނާ އެވެ. އަދި ލޯ މެޑަލް ހޯދީ 56.77 އިން ރޭސް ނިންމި މަޑަކަސްގަރާގެ އައިނާ އަނާ އެވެ. ހަތަރެއްގައި ނިންމީ ރީޔޫނިއަންގެ އަލީސާ ހަމިލްކާރޯ އެވެ. އޭނާގެ ޓައިމިން އަކީ 57.58 ސިކުންތެވެ.

ރާއްޖޭން އެންމެ ޓައިމިން ރަނގަޅީ ރޭހުގެ ފަސް ވަނަ އަށް ނިންމި އައިޝަތު ހިމްނާ ހަސަން އެވެ. ހިމްނާގެ ޓައިމިން އަކީ 58.13 ސިކުންތެވެ. ހިމްނާގެ ފަހަތުން ރޭހުގެ ހަ ވަނަ އަށް ދިޔަ ޒިވާ މޫސާ ޝަފީއުގެ ޓައިމިން އަކީ 58.21 ސިކުންތެެވެ. އަދި އޭގެ ފަހުން ނިންމި ރާއްޖޭގެ ލަޔާނާގެ ޓައިމިން އަކީ 58.46 ސިކުންތެވެ. މި ރޭހުގެ އެންމެ ފުލަށް ދިޔައީ ރީޔޫނިއަންގެ ލެއާ މިތީރާ އެެވެ. އޭނާގެ ޓައިމިން އަކީ 59.40 ސިކުންތެވެ.