Advertisement

ޓެކްސީ ޑްރައިވަރުންނާއި ފަންނުވެރިންނަށް ލޯނު ސްކީމްތަކެއް އެސްޑީއެފްސީން ތައާރަފްކުރަނީ

31 އޮގަސްޓު 2023 - 14:46 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލެ މަގުމަތި -- ފޮޓޯ: އިޔާން/އަދަދު


ޓެކްސީ ޑްރައިވަރުންނާއި ފަންނުވެރިންނަށް ލޯނު ސްކީމްތަކެއް އެސްޑީއެފްސީން ތައާރަފްކުރަނީ

31 އޮގަސްޓު 2023 - 14:46 0

ޓެކްސީ ޑްރައިވަރުންނާއި ފަންނުވެރިންނަށް ހާއްސަ ލޯން ސްކީމެއް ތައާރަފުކުރަން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ބޭންކް (އެސްޑީއެފްސީ)އިން ނިންމައިފި އެވެ.

އެސްޑީއެފްސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކް ޗީފް އޮޕަރޭޓިން އޮފިސަރު ނާޒިމް ހަބީބު ވިދާޅުވި ގޮތުގައި، ޓެކްސީ ޑްރައިވަރުން އަދި ކްރިއޭޓިވް އާޓިސްޓުންނަށް ހާއްސަ މި ދެ ލޯނު ތައާރަފުކުރުމުގެ މަސައްކަތް އެ ބޭންކުން ފެށީ މީގެ ދެ އަހަރު ކުރިންނެވެ.

ނާޒިމް ވިދާޅުވީ ކްރިއޭޓިވް އާޓިސްޓުންނަށް ހާއްސަ ލޯނެއް ތައާފުކުރަން ނިންމީ، އެފަދަ ފަންނުވެރިންނާއި އެކި ފަހަރުމަތިން ބައްދަލުކޮށް، ވާހަކަދެއްކުމަށްފަހުކަމުގަ އެވެ.

"މި ލޯނުގެ ބޭނުމަކީ އެ ބޭފުޅުން މިހާރުވެސް ކުރިއަށްގެންދާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިކުރުން. ކްރިއޭޓިވް އާޓްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ އެކީ ވަރަށް ގިނަ ބައްދަލުވުންތައް އެކި މަންޒިލްތަކުގައި ބޭއްވިން. ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް އެނގުނު އެ މީހުންނަށް ދިމާވާ ދަތިތައް. އެ ދަތިތަކަށް ހައްލެއް ހޯދައިދޭން ތައާރަފްކުރާ ލޯނެއް މި ލޯނަކީ،" ނާޒިމް ފާހަގަކުރެއްވި އެވެ.

ކްރިއޭޓިވް އާޓިސްޓް ލޯނު

އެސްޑީއެފްސީން މި ލޯނު ހާއްސަކޮށްފައިވަނީ މިއުޒިކް އިންޓްސްޓްރަކްޓަރުންނާއި މިއުޒީޝަނުން އަދި ފޮތް ލިޔުންތެރިންނާއި އެނިމޭޓަރުންގެ އިތުރުން ޑިޒައިނަރުން އަދި ލަވާ ކިޔާ މީހުން ފަދަ ފަންނުވެރި އެކި މަސައްކަތް ކުރާ މީހުންނަށެވެ.

ފަންނުވެރިންނަށް ލޯނު ދޭން ނިންމާފައިވަނީ އަށް ނުވަތަ ހަ ފަސަންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. އެގޮތުން 50،000 އާއި 250،000ރ. ލޯނު މި ސްކީމުގެ ދަށުން ލިބޭނެ އެވެ.

އެސްޑީއެފްސީން ބުނީ ލޯނުގެ ގޮތުގައި ނެގޭ އަދަދު ކަނޑައަޅާނީ ހުށަހަޅާ މީހާގެ އާމްދަނީއަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި ކޯ-ބޮރޮވާއެއް ހުށަހެޅުމުން ކަނޑައެޅިފައިވާ ލިމިޓަށް ވުރެ ބޮޑު އަދަދެއް ލޯނުގެ ގޮތުގައި ނެގޭނެކަމަށް ބޭންކުން މައުލޫމާދު ދިނެވެ.

މީގެ އިތުރުން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް އަދި ލޯނު އަނބުރާ ދައްކަން ފަސް އަހަރު ދުވަހުގެ މުއްދަތެއް ފަންނުވެރިޔާއަށް ލިބޭނެ އެވެ.

މި ލޯނަށް އެދި ހުށަހެޅޭނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުގައި އާޓިސްޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ އަދި ފަންނުވެރިކަމުގެ ދާއިރާގައި މަދުވެގެން އެއް އަހަރު މަސައްކަތް ކޮށްފައިވާ އާޓިސްޓުންނަށެވެ.

ކްރިއޭޓިވް އާޓްސް ލޯނު ދިނުމުގައި މަސައްކަތް ކުރާކަން ކަށަވަރު ކުރުމުގެ ގޮތުން ތަޖުރިބާ، ސޯޝަލް މީޑިއާ ޕްރެސެންސް އަދި ޕްރޮޖެކްޓްތަކުގެ ލިޔެކިޔުންތަކަށް ބަލާނެކަމަށް ވެސް އެސްޑީއެފްސީން ބުނެ އެވެ.

ޓެކްސީ ޑްރައިވާސް ލޯން

އެސްޑީއެފްސީން މި ލޯނު ދޫކުރުމަށް ނިންމާފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ:

  1. މިހާރު އޮތް ޓެކްސީ ބާވެގެން، އާ ޓެކްސީއެއް ހޯދުމަށް ނަގާ ލޯނު
  2. އަމިއްލަ ޓެކްސީއެއް ނެތް ޓެކްސީ ޑްރައިވަރުންގެ ލޯނު

ޓެކްސީ އައު ކުރުމަށް ލޯނަށް އެދެވޭނީ ބޭނުންކުރާތާ 10 އަހަރު ވެފައި ހުންނަ ޓެކްސީތަކަށެވެ. އަދި އަމިއްލަ ޓެކްސީއެއް ނެތް ޑްރައިވަރުން، މަދުވެގެން ފާއިތުވެ ދިޔަ އެއް އަހަރު ޓެކްސީގެ ހިދުމަތްދިނުމުގައި މަސައްކަތް ކުރާކަން ސާބިތުކޮށްދޭން ޖެހޭނެ ކަމުގައި އެސްޑީްއެފްސީން ބުނެ އެވެ.

މި ލޯނު ނެގުމަށްޓަކައި އެއްވެސް އިކުއިޓީއެއް ބޭނުމެއް ނުވާނެ އެވެ. އަދި ކޮލެޓްރަލްއެއް ވެސް ހުށަހަޅަން ނުޖެހޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ. ނަމަވެސް، ލޯނު ފައިސާއަށް ގަންނަ ޓެކްސީ އެސްޑީއެފްސީއިން މޯގޭޖު ކުރާނެ އެވެ.

ޓެކްސީ ޑްރައިވަރުންނަށް ލޯނު ދޭން ނިންމާފައިވަނީ އަށް ނުވަތަ ހަ ފަސަންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. އެގޮތުން އެންމެ ގިނަވެގެން 300،000ރ. ލޯނު މި ސްކީމުގެ ދަށުން ލިބޭނެ އެވެ.

ޓެކްސީ ޑްރައިވަރުންގެ ލޯނަށް ވެސް އެސްޑީއެފްސީން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް އަދި ލޯނު އަނބުރާ ދައްކަން ފަސް އަހަރު ދުވަހުގެ މުއްދަތެއް ދޭނެ އެވެ.

މި ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓެކްސީ ކުރަން ކާރު ގަތުމަށެވެ.

މި ދެލޯނަށް އެދި ހުށަހެޅޭނީ ސެޕްޓެމްބަރު ތިން ވަނަ ދުވަހުން ފަށައިގެނެވެ. މި ލޯނު ސްކީމުތަކާއި ބެހޭ އިތުރު މައުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓާއި ޕޯޓަލްގައި އެ ދުވަހު އާންމުކުރާނެ އެވެ.