Advertisement

ރައީސް ސޯލިހުގެ ފާދިއްޕޮޅު ދަތުރު: އަމިއްލަ އަތޮޅުން އެއް ބުރުން ކާމިޔާބު ވުމުގެ ޔަގީންކަން

1 ސެޕްޓެންބަރު 2023 - 09:55 0

ޅ. ހިންނަވަރުން

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާދިއްޕޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރައީސް ސޯލިހުގެ ފާދިއްޕޮޅު ދަތުރު: އަމިއްލަ އަތޮޅުން އެއް ބުރުން ކާމިޔާބު ވުމުގެ ޔަގީންކަން

1 ސެޕްޓެންބަރު 2023 - 09:55 0

ޅ. ހިންނަވަރުން

ރިޔާސީ އިންތިހާބަށް ހަފުތާއަކަށް ވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ކެމްޕޭނުގައި ފަސް ރަށަކަށް ވަޑައިގެންފަ އެވެ.

ރައީސް އިއްޔެގެ ދަތުރު ފެށްޓެވީ އއ. އަތޮޅުން މިހާތަނަށް އެމަނިކުފާނު ކެމްޕޭނުގައި ވަޑައިނުގެންނެވި އޮތް ހިމަންދޫއިންނެވެ. އެއަށްފަހު އެމަނިކުފާނު ވަޑައިގެންނެވީ ޅ. އަތޮޅަށެވެ. އުފަން ރަށް ކަމަށްވާ ހިންނަވަރު ހިމެނޭހެން މިދަތުރުފުޅުގައި ރައީސް ވަނީ ފާދިއްޕޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ޅ. އަތޮޅު ނަތީޖާ


1. އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 3،465 2. އިބްރާހިމް މުހައްމަދު ސޯލިހު: 4،632

ފާދިއްޕޮޅުގެ ހަތަރު ރަށުގެ ތެރެއިން ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު އޮޅުވެލިފުށްޓަށެވެ.

އޮޅުވެލިފުށި

އާބާދީ: 801 - ދިރިއުޅޭ އާބާދީ: 635 - ވޯޓުލެވޭ އާބާދީ: 517

ރައީސް ވަނީ އޮޅުވެލިފުށީގައި މި ސަރުކާރުން އެޅި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފަ އެވެ.

އެ ރަށުގައި ހުންނަވާ ވާހަކަދައްކަވަމުން ރައީސް ވަނީ އޮޅުވެލިފުށްޓަކީ މި އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން އެންމެ ރަނގަޅު ރަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނިފައިވާ ލޯކަލް ޓޫރިޒަމަށް ހާއްސަ ލޯން ސްކީމުން އެ ރަށަށް ކުރާނެ ފައިދާތައް ފާހަގަކުރައްވާފަ އެވެ.

ވައުދުތައް:

  • ބިން ހިއްކުން
  • ހައުސިން ޔުނިޓު އެޅުން
  • މަގުތައް ޒަމާނީ ފެންވަރަށް އެޅުން
  • ހެލްތު ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން
  • އޭޓީއެމް
  • އާ ކައުންސިލްގެ އިދާރާގެ އިމާރާތް
  • އިތުރު މިސްކިތެއް
  • ޕިކްނިކް އައިލެންޑެއް

ރައީސް ސޯލިހު ޅ. އޮޅުވެލިފުށީގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އޮޅުވެލިފުށްޓަށް މި ވެރިކަމުގައި 46 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. އެގޮތުން މި ސަރުކާރުން އެ ރަށުގައި ފެށި ފަސް މަޝްރޫއެއް ނިންމާފައިވެ އެވެ. އޭގެތެރޭގައި އެ ރަށުގެ ފުޓްބޯޅަ އަދި ފުޓްސަލް ދަނޑު ހިމެނެ އެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި އޮޅުވެލިފުށިން ރައީސަށް ލިބިވަޑައިގަތީ 58 އިންސައްތަ ވޯޓެވެ.

ކުރެންދޫ

އާބާދީ: 2،073 - ދިރިއުޅޭ އާބާދީ: 1،029 - ވޯޓުލެވޭ އާބާދީ: 1,565

ކުރެންދޫގައި ހުންނަވާ ރައީސް ވިދާޅުވީ އެ ރަށަކީ އަބަދުވެސް އެމްޑީޕީއަށް 'ބޯކޮށް ވޯޓު އަޅާ' ރަށެއް ކަމަށާއި އެ މަންޒަރު ބަދަލުނުވާކަން މިއަދު އިނގިވަޑައިގެންފި ކަމަށެވެ. އަދި ކުރިއެކޭ އެއްފަދައިން އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް ކުރެންދޫގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންނެވި އެވެ.

ކުރެންދޫ ވެގެންދިޔައީ މި ރިޔާސީ ކެމްޕޭނުގައި ފާހަގަކޮށްލެވުނު ރަށަކަށެވެ. ސަބަބަކީ ރައީސް ސޯލިހު އެ ރަށުގައި ހުންނަވަނިކޮށް، އެންމެ ވާދަވެރިކޮށް ފެންނަ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުވެސް ރިޔާސީ ކެމްޕޭނުގައި އެ ރަށަށް ވަޑައިގަތުމެވެ.

ޅ. ކުރެންދޫއިން ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން ބަނދަރުމަތީގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދެ ކެންޑިޑޭޓުން ރަށުގެ ކައިރި ސަރަހައްދުތަކުގައި ކެމްޕޭން ކުރެއްވި ނަމަވެސް ދިމާވެފައިނުވެ އެވެ. ކުރެންދޫގެ ދެ ޕާޓީގެ ސަޕޯޓަރުންވެސް މިއަދު ދެއްކީ އެކުވެރިކަމާއި ސުލްހައިގައި ކެމްޕޭން ކުރުމުގެ މިސާލެކެވެ.

ކުރެންދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި މި ސަރުކާރުން އެޅި ފެނަކަ އޮފީސް އިމާރާތް ހުޅުވަދެއްވާފަ އެވެ.

ވައުދުތައް:

  • އިތުރު 50 ހައުސިން ޔުނިޓު
  • މަގުތައް ޒަމާނީ ފެންވަރަކަށް ހަދާ ފެން ހިންދާ ނިޒާމު ގާއިމުކުރުން
  • ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމް
  • ސްޕޯޓްސް ކޮމްޕްލެކްސް
  • ވޭސްޓު މެނޭޖްމަންޓު އަޕްގްރޭޑްކުރުން
  • ޕިކްނިކް އައިލެންޑެއް

މި ވެރިކަމުގައި ކުރެންދޫއަށް 133 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. އެގޮތުން ރައީސް ސޯލިހުގެ ފުރަތަމަ ދައުރުގައި އެ ރަށުގެ ނިންމި މަޝްރޫއުތަކުގެ ތެރޭގައި ނަރުދަމާ ނިޒާމް ގާއިމުކުރުން ހިމެނެ އެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި ރައީސަށް ކުރެންދޫއިން 63 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ.

ނައިފަރު

އާބާދީ: 5،783 - ދިރިއުޅޭ އާބާދީ: 4،089 - ވޯޓުލެވޭ އާބާދީ: 4,067

ނައިފަރުގައި ހުންނަވާ ރައީސް ވިދާޅުވީ މިހާތަނަށް އެމަނިކުފާނަށް ވަޑައިގެންނެވުނު ހުރިހާ ރަށަކުންވެސް ފެންނަނީ އެއް ބުރުން މި އިންތިހާބު ކާމިޔާބު ކުރެވޭ މަންޒަރު ކަމަށެވެ.

އޭގެއިތުރުން، ރައީސް ވަނީ ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މި ވެރިކަމުގައި ކުޑަ ނަމަވެސް ތަސައްލީއެއް ހޯދިފައިވާކަމަށް ވިދާޅުވެ ނައިފަރުގައި އެމަނިކުފާނު އެޅުއްވި 100 ހައުސިން ޔުނިޓުގެ ވާހަކަ ފާހަގަކުރައްވާފަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު ނައިފަރަށް ވަޑައިގަންނަވަނީ : ރައީސް ސޯލިހާއި މުއިއްޒު ދެ ރަށެއްގައި އެއް ވަގުތެއްގައި ކެމްޕޭން ކުރެއްވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނައިފަރުގައިވެސް ރައީސް ސޯލިހު އަދި ޑރ. މުހައްމަދު މުއިއްޒު އެއް ވަގުތެއްގައި، ދެ ސަރަހައްދެއްގައި ކެމްޕޭން ކުރިއަށް ގެންދެވި އެވެ.

ވައުދުތައް:

  • އިތުރަށް ބިން ހިއްކުން
  • 200 ހައުސިން ޔުނިޓު
  • ހުރިހާ ގެއަކަށް ނަރުދަމާގެ ހިދުމަތް
  • މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން
  • އުތުރު ބަނދަރުގެ ނެރުގެ މައްސަލަ ހައްލުކޮށްދީ ކުދި އުޅަނދުތަކަށް ބޭނުންކުރެވޭ ގޮތް ހެދުން

މި ސަރުކާރުން އަންދާޒާކުރާ ގޮތުން ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ހިންނަވަރަށް 125 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވެ އެވެ. ނައިފަރުގައި ނިމުނު މަޝްރޫއުތަކުގެ ތެރޭގައި 100 ހައުސިން ޔުނިޓު އެޅުން ހިމެނެ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސަށް ނައިފަރުން ލިބުނީ 50.4 ޕަސެންޓު ވޯޓުގެ އަގުލަބިއްޔަތެކެވެ.

ހިންނަވަރު

އާބާދީ: 5،020 - ދިރިއުޅޭ އާބާދީ: 2,149 - ވޯޓުލެވޭ އާބާދީ: 3,789

އުފަން ރަށް ކަމަށްވާ ހިންނަވަރުގައި ހުންނަވާ ރައީސް ވަނީ ކުޑައިރުގެ ހަދާންތައް އާކުރައްވާ މިއަދު ރަށުން އެމަނިކުފާނަށް ކީ އާދަޔާހިލާފު މަރުހަބާއަށް ޝުކުރު ދަންނަވާފަ އެވެ. އަދި އެންމެ ފަހުރުވެރިވާ ކަމަކީ ހިންނަވަރަށް އުފަންވުން ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ރައީސް ވަނީ ހިންނަވަރު، ނައިފަރު ފަދަ ބޮޑެތި އާބާދީތަކުގެ މީހުން ރަށުގައި ނޫޅޭ ސަބަބަށް އަލިއަޅުވާލާ، އެއީ ކުރީގެ ސަރުކާރުތަކުން އިހުމާލުވުމުގެ ސަބަބުން ދިމާވި ކަންކަން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު، އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރުގައި : ރަށުން ރައީސަށް ދެންނެވީ އާދަޔާހިލާފު ހޫނު މަރުހަބާއެއް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވައުދުތައް:

  • ސްޕޯޓްސް ކޮމްޕްލެކްސް އެއް
  • ބިން އިތުރަށް ހިއްކުން
  • ފުރަތަމަ ބުރުގައި މަދުވެގެން 200 ހައުސިން ޔުނިޓު
  • މިހާރު ހިއްކާފައި އޮތް ސަރަހައްދަށް ފެނާއި ނަރުދަމާ އެޅުން
  • ސްކޫލަށް ބޭނުންވާ އާ އިމާރަތްތަކާއި ކްލާސްރޫމްތަކާއި އެޑްމިން ބްލޮކު އެޅުން
  • ކޮމާޝަލް ޕޯޓެއް
  • ފުޓްސަލް ދަނޑެއް

ރައީސް ސޯލިހުގެ ފުރަތަމަ ދައުރުގައި އުފަން ރަށަށް 148 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. މި ވެރިކަމުގައި މަޝްރޫއުތަކުގެ ތެރޭގައި ހިންނަވަރުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުން ހިމެނެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރައީސް ސޯލިހަށް އުފަން ރަށުން ލިބިވަޑައިގަތީ 56 ޕަސެންޓު ވޯޓެވެ.

ކެމްޕޭންގެ މި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަތީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މިރޭ މާލޭގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާއެއް އޮންނާނެ އެވެ.