Advertisement

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފި

30 އޮގަސްޓު 2023 - 10:29 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފި

30 އޮގަސްޓު 2023 - 10:29 0

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އިއްޔެ ބަދަލު ގެނެސް އިސްލާމިކް މިނިސްޓަރީން މިއަދު އެކަން އިއުލާނުކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރީން ކުރި އިއުލާނުގައި ބުނެފައި ވަނީ އިއްޔެއިން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ ގޮތުގައި 7151.90ރ. (ހަތްހާސް އެއްސަތޭކަ ފަންސާސް އެއް ރުފިޔާ ނުވަދިހަ ލާރި) ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ނިސާބަކީ މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ވާޖިބުވާ މިންވަރެވެ. އެ މިންވަރަށްވުރެ މަދުވެއްޖެ ނަމަ ޒަކާތް ވާޖިބެއްނުވާނެ އެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތަކާ ގުޅޭގޮތުން އެ މިންވަރު ތަފާތުވާނެ އެވެ.

މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީއިން ބަލަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުގެ ސަބަބުން މުދަލު ޒަކާތުގެ ނިސާބަށް އެކި ފަހަރުމަތިން ބަދަލު އާދެ އެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލު އާންމުކުރަނީ ރާއްޖޭގެ މައި މަރުކަޒީ ބޭންކު، އެމްއެމްއޭއިންނެވެ. ރިހީގެ ނިސާބު ކަމުގައި އިލްމުވެރިން ކަނޑައަޅުއްވާފައި ވަނީ 595 ގުރާމެވެ. މި އަހަރުގެ ޖެނުއަރީ، 1 ގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7062.65ރ. އެވެ.

އިސްލާމިކް މިނިސްޓަރީން މިއަދު ކުރި އިއުލާނުގައި ވަނީ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއް ކަން ފާހަގަކޮށް، މިލްކިއްޔާތުގައި ނިސާބު ހަމަވެ އަހަރެއް ވުމުން، ޝަރުއީ ހަމަތަކުގެ މަތިން ޒަކާތް ނެރުމަށް ނަސޭހަތްތެރިވެފަ އެވެ. މުދަލު ޒަކާތުގެ އަދަދަކީ ނިސާބުގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވެގެން ވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ:

  • ރަނާއި ރިހި އަދި ފައިސާ
  • ބިމުގެ ތެރެއިން ނެގޭ މައުދަންތަކާއި ރިކާޒު
  • ވިޔަފާރި މުދާ
  • ގޮވާމާއި މޭވާގެ ތެރޭގައި ހިމެނޭ ގިނަދުވަހު ހަލާކުނުވެ ހުންނަ ތެކެތި
  • ގެރި، ބަކަރި އަދި ޖަމަލު

އޭގެ ތެރެއިން ރާއްޖޭގައި އާންމުކޮށް ޒަކާތް ނެގެންހުރި ތަކެއްޗަކީ ރަނާއި ރިއްސާއި ގޮވާމުގެ އިތުރުން ވިޔަފާރި މުދަލެވެ. ނިސާބު ހަމަވާ މީހާގެ މައްޗަށް އަހަރަކު އެއްފަހަރު ނެރުން ވާޖިބުވާ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ތިން ވަނަ ރުކުނެވެ.