ބުރުގެ ދެ ކުޅުންތެރިން ކައިރިން ޓީސީގެ ޒަޔާން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބް އަތުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
މި މެޗުގެ ތިން ޕޮއިންޓާ އެކު، ޓީސީން ވަނީ ހަތަރު ވަނައިގައި ހަމަޖެހިލައިފަ އެވެ. ލީގު ތާވަލަށް ބަލާއިރު، އެއް ވަނައިގައި އީގަލްސް އޮތީ ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް އަށް މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އޮތީ 10 މެޗުން 21 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ޓީސީން ރޭގެ މޮޅާ އެކު، 10 މެޗުން ވަނީ 19 ޕޮއިންޓް ހޯދައިފަ އެވެ. ބުރު ފަސް ވަނައިގައި އޮތީ 10 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ހަ ވަނައިގައި އޮތީ 10 މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. ހަތް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް 10 މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް 10 މެޗު ކުޅުނުއިރު، މޮޅެއް ލިބިފައިނުވާއިރު، އެ ޓީމުގެ އޮތީ ދެ ޕޮއިންޓެވެ.
ޓީސީގެ އައިހަމް (ކ) ބުރުގެ ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތް ކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ބުރު ކޮޅަށް ޓީސީގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 32 ވަނަ މިނިޓްގައި ޒަޔާން ނަސީރު އެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފޮނުވާލައި ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ފުރުސަތުތައް ދިޔައީ ބޭނުންނުހިފި އެވެ. ޓީސީގެ ގޯލުގައި ހުރި ސުޖަން ޕެރޭރާ ކައިރިން ގޯލެއް ނުޖެހި ބުރު ވަނީ ބަލިވެފަ އެވެ.
ލީގުގެ ފުރަތަމަ ބުރުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ބުރު ވަނީ 1-0 އިން މޮޅުވެފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި މުހައްމަދު ނިޒާމް (ނިޒާމްބެ) ކޯޗުކޮށްދޭ ބުރުގެ ފަރާތުން ރަނގަޅު ނަތީޖާތަކެއް ފެނުނު ކަމުގައި ވިޔަސް ދެ ވަނަ ބުރުގައި ގިނަ މެޗުތަކަކުން ބުރު ވަނީ ބަލިވެފަ އެވެ.
ލީގުގެ މެޗުތައް ދެން އޮންނާނީ 28 އޮކްޓޫބަރުގަ އެވެ. ސެޕްޓެމްބަރު މަހު، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ މެޗުތަކަށާއި އޮކްޓޫބަރު މަަހު އޮތް އޭޝިއަން ކަޕް/ ފީފާ ވޯލްޑް ކަޕް ޖޮއިންޓް ކޮލިފައިންގެ އިތުރުން ކުރިއަށް އޮތް މާޒިޔާގެ އޭއެފްސީ ކަޕްގެ މެޗުތަކަށް ދެ މަހެއްހާ ދުވަހަށް ލީގު މެދުކަނޑާލާ ގޮތަށް ޝެޑިއުލް ވަނީ ރާވައިފަ އެވެ.
Comment