Advertisement

ރަފާ އާއި ދީމާ އަށް ރަން، މުންސިފް އާއި ޝައްފާން އަށް ރިހި މެޑަލް

30 އޮގަސްޓު 2023 - 01:03 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ރަފާ އާއި ދީމާ ރަން މެޑަލް ހިފައިގެން.---- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ރަފާ އާއި ދީމާ އަށް ރަން، މުންސިފް އާއި ޝައްފާން އަށް ރިހި މެޑަލް

30 އޮގަސްޓު 2023 - 01:03 0

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ އިވެންޓުން އާއިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދިއިރު، ފިރިހެން ޑަބަލްސް އިވެންޓުން މޫސާ މުންސިފް އަހުމަދު އާއި މުހައްމަދު ޝައްފާން އިސްމާއިލް ރިހި މެޑަލް ހޯދައިފިއެވެ.

މިއަދު ހޯދި ދެ މެޑައްޔާ އެކު މި އަހަރުގެ އައިއޯއައިޖީގައި ޓޭބަލް ޓެނިހުން ހޯދި މެޑަލްތަކުގެ އަދަދުވަނީ ހަޔަކަށް އަރައިފަ އެވެ. މިހާތަނަށް ތިން ރަން މެޑައްޔާއި ދެ ރިހި މެޑަލް އަދި އެއް ލޯ މެޑަލް ގައުމީ ޓީޓީ ޓީމުން ވަނީ ހޯދައިފަ އެވެ.

މިއަދު ރަން މެޑަލް ރަފާ އާއި ދީމާގެ ޕެއާ ހޯދީ އަންހެން ޑަބަލްސް އިވެންޓުންނެވެ. މި އިވެންޓުގެ 2019 ގެ ރަން މެޑަލްވެސް ހޯދީ މި ދެ ކުޅުންތެރިންނެވެ.

އަންހެން ޑަބަލްސް ފައިނަލުގައި ރަފާ އާއި ދީމާ މޮޅުވީ މޮރިޝަސްގެ ހުސޭނައްލީ އޮމޭމާ އާއި ޖާލިމް ނަދޭޝްވަރީ އަތުންނެވެ. މެޗު ސީދާ ތިން ސެޓުން ރާއްޖޭގެ ޕެއާ ހޯދިއިރު، ސެޓުތައް ނިމުނީ 11-5، 11-8 އަދި 11-6 އިންނެވެ.

އަންހެން ޑަބަލްސްގައި ރާއްޖެއިން ވާދަކުރި އެހެން ޕެއާތަކަށް ބަލާއިރު، މިޝްކާ މުހައްމަދު އިބްރާހިމް އާއި ލައިސާ ފަތުހުﷲ އިސްމާއިލް ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެވެ. މޮރިޝަސްގެ އޮމޭމާ އާއި ޖާލިމް އަތުން ސެމީގައި ބަލިވިއިރު، ތިން ވަނަ ހޮވި މެޗުގައި މޮރިޝަސްގެ ރުގިއްޔާ ކިނޫ އާއި އިވާނާ ޑެސްކަން އަތުނަ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 1-11، 8-11 އަދި 9-11 އިންނެވެ.

އަންހެން ޑަބަލްސްގައި ރާއްޖޭގެ އާމިނަތު ޝިއުރާ ޝަރީފް އާއި ފާތިމަތު ޖުމާނާ ނިމާލް ވެސް ވާދަކުރި އެވެ. މި ދެ ކުޅުންތެރިން ކުއާޓާ ފައިނަލުގައި ކަޓުވާލީ މޮރިޝަސްގެ އޮމޭމާ އާއި ޖާލިމްގެ ޕެއާ އިންނެވެ.

ޓީޓީގެ ފިރިހެން ޑަބަލްސް އިން ރިހި މެޑަލް ހޯދި ޝައްފާން އާއި މުންސިފް.--- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ޝައްފާން އާއި މުންސިފް އަށް ރިހި މެޑަލް

ފިރިހެން ޑަބަލްސް އިވެންޓަށް ބަލާއިރު، ޝައްފާން މުންސިފްވަނީ ފުރަތަމަ ފަހަރަށް ގޭމްސްގެ ފިރިހެން އިންޑިވިޖުއަލް އިވެންޓެއްގެ ފައިނަލެއްގައި ވާދަކޮށްފަ އެވެ.

ފައިނަލުގައި ރާއްޖޭގެ ޕެއާ ބަލިވީ މަޑަގަސްކަރައިގެ ނަޓިވެލް ޖޮނަތަލް އާއި މަހެފާ ލޫސިއާނޯ އަތުން ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް މަޑަގަސްކަރައިގެ ޕެއާއިން ގެންދިޔައީ 9-11، 8-11 އަދި 4-11 އިންނެވެ.

ފިރިހެން ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލާ ހަމައަށް ރާއްޖޭގެ ޒީސްތު ނަސީމް އާއި އަޚްޔަރު މުހައްމަދު ހާލިދުގެ ޕެއާވެސް ދަތުރުކުރި އެވެ. މި ދެ ކުޅުންތެރިންވެސް ބަލިވީ ޗެމްޕިއަންކަން ހޯދީ މަޑަގަސްކަރައިގެ ޕެއާ އަތުންނެވެ.

ތިން ވަނަ ހޮވި މެޗުގައިވެސް އަޚްޔަރު އާއި ޒީސްތަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ. މިފަހަރު ދެ ކުޅުންތެރިން ބަލިވީ މޮރީޝަސްގެ ހުސައިން ޒައްޔާން އާއި ޔޯގަރާޖާ އަކިލޭން އަތުން ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 11-8، 5-11، 14-12، 4-11 އަދި 9-11 އިންނެވެ.

ފިރިހެން ޑަބަލްސްގައި ވާދަކުރި ރާއްޖޭގެ ތިން ވަނަ ޕެއާ ކަމަށްވާ ޒީކް ހަސަން ލަތީފް އާއި އަހުމަދު ތާބިން ސުޖާއުގެ ޕެއާ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ޓޭބަލް ޓެނިސް ޓީމަކީ މިހާތަނަށް މި މުބާރާތުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދީފައިވާ ޓީމެވެ. މިއަދު ހޯދި ދެ މެޑަލްގެ ކުރިން ޓީޓީ ޓީމުން ވަނީ އަންހެން ޓީމް އިވެންޓުން ރަން މެޑައްޔާއި ފިރިހެން ޓީމް އިވެންޓުން ރިހި މެޑަލް އަދި މިކްސް ޑަބަލްސް އިން ރަން މެޑައްޔާއި ލޯ މެޑަލް ހޯދާފައެވެ.