Advertisement

ސިންގަލްސްގެ ގަދަ 32 އިން ޝައްފާން ޖާގަ ހޯދައިފި

27 ސެޕްޓެންބަރު 2023 - 12:41 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ޝައްފާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ސިންގަލްސްގެ ގަދަ 32 އިން ޝައްފާން ޖާގަ ހޯދައިފި

27 ސެޕްޓެންބަރު 2023 - 12:41 0

ޗައިނާގެ ހަންޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސްގެ ފިރިހެން ސިންގަލްސް އިވެންޓުގެ ގަދަ 32 އިން މުހައްމަދު ޝައްފާން އިސްމާއިލް ޖާގަ ހޯދައިފި އެވެ.

މިމަހުގެ 23ގައި ފެށި އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިހުގައި މިހާރުކުރިއަށްދަނީ އިންޑިވިޖުއަލް އިވެންޓުގެ މެޗުތަކެވެ.

މިގޮތުން ފިރިހެން ސިންގަލްސްގައި މިއަދު ހެނދުނު ޝައްފާން ވަނީ އޭނާ ކުޅުނު މެޗު ކާމިޔާބުކޮށް ގަދަ ދެ ވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ. ޝައްފާން މޮޅުވީ ނޭޕާލްގެ ރުބިން މަހާރްޖަން އަތުން 4-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 11-6 އިން ޝައްފާން ހޯދިއިރު، ދެ ވަނަ ސެޓު ރުބިން ހޯދީ 3-11 އިންނެވެ. ދެވަނަ ސެޓު ގެއްލުނު ނަމަވެސް އާ ހިތްވަރަކާއިއެކު ނިކުމެ ޝައްފާން ވަނީ ޖެހިގެން އައި ތިން ސެޓު 11-8، 11-6 އަދި 11-8 އިން ހޯދައި މެޗު ކާމިޔާބުކޮށްފަ އެވެ.

މިއީ މިފަހަރުގެ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގައި ރާއްޖެއަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިން ޓީމް އިވެންޓުގައި ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ ބަލިވެފަ އެވެ.

ރަފާ، މިއަދު ކުޅުނު މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ޝައްފާންގެ އިތުރުން މޫސާ މުންސިފް އަހުމަދު އަދި އައިޝަތު ރަފާ ނާޒިމް ވެސް ސިންގަލްސް އިވެންޓުގައި މިއަދު ކުޅުނެވެެ. ނަމަވެސް ދެ ކުޅުންތެރިންވެސް ކުޅުނު މެޗުން ވަނީ ވާދަވެރި ކުޅުމަކަށްފަހު ބަލިވެފަ އެވެ.

ފިރިހެން ސިންގަލްސްގައި މުންސިފް ނުކުތީ ބުރުނާއީގެ އަލްޔަސީ އަލްޔާސް އަހުމަދު މުހައްމަދު ޖާސިމްއާ ދެކޮޅަށެވެ. މި މެޗުން މުންސިފް ބަލިވީ 1-4 ސެޓުން އިންނެވެ. މެޗުގެ ފުރަތަމަ ސެޓު 6-11 އިން ޖާސިމް ކާމިޔާބުކުރިއިރު، ޖެހިގެން އައި ސެޓު 11-4 އިން މުންސިފް ކާމިޔާބުކުރި އެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓުވެސް ވާދަވެރި ކުޅުމަކަށްފަހު 13-15، 11-13 އަދި 7-11 އިން ޖާސިމް ކާމިޔާބުކުރި އެވެ.

އަންހެން ސިންގަލްސްގައި ރަފާ ބަލިވީ މަކާއޯގެ ޗިއޮން ޗީ ހުން އަތުން 1-4 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 5-11 އިން ޗީ ހުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު 11-8 އިން ހޯދައި ރަފާ އުއްމީދު އާކުރި އެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު 9-11، 4-11 އަދި 9-11 އިން ކާމިޔާބުކޮށް މަކާއޯ ކުޅުންތެރިޔާ މެޗުން މޮޅުވި އެވެ.

މުބާރާތުގައި މިއަދު ޓޭބަލް ޓެނިސް ޓީމަށް އޮތީ މިކްސް ޑަބަލްސްގައި މުންސިފް އާއި ރަފާގެ ޕެއާ ވާދަކުރާ މެޗެވެ. ދެ ކުޅުންތެރިން ނުކުންނާނީ ޕާކިސްތާންގެ ޕެއާއަކާ ދެކޮޅަށެވެ.