29 އޮގަސްޓު 2023 - 17:12 0
އިސްމާއީލް އަޒްމީން
އައިއޯއައިޖީގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށްފަހު ރާއްޖޭގެ އަންހެން ޓީމް އުފާފާޅުކުރަނީ - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން
29 އޮގަސްޓު 2023 - 17:12 0
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބާސްކެޓްބޯޅަ އިވެންޓުގެ ސެމީ ފައިނަލުން ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމް ޖާގަ ހޯދައިފި އެވެ.
ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމް އަންހެން ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި މިއަދު މެންދުރު ކުޅުނު މެޗު ސީޝެލްސްއާ ވާދަކޮށް 82-27 އިން ކާމިޔާބުކޮށްގެންނެވެ. ރާއްޖެއަށް ސެމީގެ ޖާގަ ލިބުނީ ގްރޫޕްގެ ދެ ވަނަ ޓީމްގެ ގޮތުގަ އެވެ. މި ގްރޫޕުން އެއް ވަނަ ހޯދީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާ ރިޔޫނިއަން އެވެ.
މިއަދު ރާއްޖޭގެ އަންހެން ޓީމުން ސީޝެލްސްއާ ދެކޮޅަށް ނުކުމެ މޮޅުވީ މުޅި މެޗު އެއްކޮށް ޑޮމިނޭޓް ކޮށްގެންނެވެ. ހުރިހާ ކުއާޓާއެއްގައި ވެސް ލީޑުގައި އޮވެ ކުޅުނީ ރާއްޖެ އެވެ.
އައިއޯއައިޖީގައި މިއަދު އަންހެން ބާސްކެޓްބޯޅަ ޓީމް ކުޅުނު މެޗުގެ ތެރެއިން، ރާއްޖޭގެ އިނާޝާ ބާސްކެޓެއް ކުރަން ތައްޔާރުވަނީ - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން
ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 25 ޕޮއިންޓް ހޯދައިދިން އައިޝަތު އިނާޝާ އެވެ. އިނާޝާގެ އިތުރުން އާމިނަތު އިސްރާއު (އިއްކޮ) މި މެޗުގައި ރާއްޖޭގެ ޓީމަށް 22 ޕޮއިންޓް ހޯދައިދިނެވެ.
މުޅި މެޗަށް ބަލާއިރު ރާއްޖޭގެ ހުރިހާ ކުޅުންތެރިންވެސް މި މެޗުގައި ކޯޗު ބޭނުން ކުރި އެވެ. ފަހު ކުއާޓާގައި ޓީމްގައި ތިބި ޒުވާން ގިނަ ކުޅުންތެރިން ކުޅެން ނެރުނެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ރިޔޫނިއަން އަތުންނެވެ. އެ މެޗު ރިޔޫނިއަން ކާމިޔާބުކުރީ 85-32 އިންނެވެ.
ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment