Advertisement

ވަގު ޓީޓީ ހެދި މައްސަލާގައި ދައުވާލިބޭ ޝިފާއު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

29 އޮގަސްޓު 2023 - 14:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވަގު ޓީޓީ ފޮނުވައިގެން މުދާ ގަތް މައްސަލައިގައި ދައުވާކުރި ހުސައިން ޝިފާއު: އޭނާ ހޯދުމަށް އިންޓަޕޯލްއިން ވަނީ ރެޑް ނޯޓިސް ނެރެފައި -


ވަގު ޓީޓީ ހެދި މައްސަލާގައި ދައުވާލިބޭ ޝިފާއު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

29 އޮގަސްޓު 2023 - 14:57 0

ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ދައްކައިގެން ބޭރު ކުންފުނިތަކުން މުދާ ގަނެ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރުމުގައި ހަރަކާތްތެރިވަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއުގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލާފައިވަނިކޮށް ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާތީ އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި އެވެ.

ޝިފާއު ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ޖޫން މަހުގެ ތެރޭގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ، އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ އުފުލައިފަ އެވެ.

އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ފެންނަން ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ މެއި 25، ގަ އެވެ. އޭގެ ދެ ދުވަސް ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެހެންކަމުން އޭނާ ހާޒިރުކުރުމަށް ދިރިއުޅޭ އެޑްރެސް ސާފުކުރުމަށް ހައި ކޯޓުން ޕީޖީ އޮފީހުގައި އެދުނެވެ. ޝިފާއު މިހާރު މެއި 29، ގައި ރާއްޖޭން ބޭރަށް ގޮސްފައިވާ ކަން އެނގިފައިވާ ކަމަށް އެ އޮފީހުން ހައި ކޯޓަށް އެންގީ މިއަދުގަ އެވެ

އެހެންކަމުން ހައި ކޯޓުން މިއަދު ނެރުނު ހުކުމެއްގައި ވަނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ އެޑްރެސް ޕީޖީ އޮފީހަށް ނޭނގޭތީ، އެ އެޑްރެސް ސާފުކުރުމަށް ފަހު މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް މައްސަލަ ނިންމީ ކަމަށެވެ.

އުމުރުން 37 އަހަރުގެ ހުސައިން ޝިފާއު، ފޭކް ޓީޓީ ދައްކައިގެން ރާއްޖެ އެތެރެކޮށް ވިޔަފާރިކުރަމުން ދިޔައީ މޭވާ އާއި ތަކުރާރީ އެވެ.

އެ މައްސަލާގައި ހިމެނޭ ފައިސާގެ ޖުމުލަ އަދަދު 123،844.54 އެމެރިކާ ޑޮލަރަކަށް އަރަ އެވެ. އެއީ 1،909،682ރ. އެވެ. އެ ފައިސާ ދައުލަތަށް ނެގުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ.

ޝިފާއުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.