Advertisement

ރެކޯޑު މުސާރައެއްގައި މަންޗިނީ ސައުދީ އަރަބިއްޔާ ކޯޗަކަށް

29 އޮގަސްޓު 2023 - 13:24 0


ރެކޯޑު މުސާރައެއްގައި މަންޗިނީ ސައުދީ އަރަބިއްޔާ ކޯޗަކަށް

29 އޮގަސްޓު 2023 - 13:24 0

ރިޔާދް (އޮގަސްޓް 29) - ރެކޯޑު މުސާރަ އަކަށް ސައުދީ އަރަބިއްޔާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ރޮބާޓޯ މަންޗިނީ ހަމަޖައްސައިފި އެވެ.

ރޮބާޓޯ މަންޗިނީ ސައުދީގެ ކޯޗުކަމާ ހަވާލުމިވީ ކުރިން އޭނާ މަސައްކަތްކުރި އީޓަލީގެ ގައުމީ ޓީމްގެ ކޯޗުކަން ދޫކޮށްލިތާ ދެ ހަފްތާ ފަހުންނެވެ.

މަންޗިނީގެ ބަދަލުގައި އިޓަލީގެ ގައުމީ ކޯޗަކަށް މިހާރު ވަނީ ނަޕޯލީ އާއި ރޯމާގެ ކުރީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ހަމަޖައްސައިފަ އެވެ.

މަންޗިނީ، 58، ސައުދީގެ ގައުމީ ޓީމާއިއެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު، އޭނާ އަށް އަހަރެއްގެ މައްޗަށް 25 މިލިއަން ޕައުންޑް ލިބޭނެ އެވެ. މިއީ ގައުމީ ޓީމްތަކަށް ކޯޗުކަންކޮށްދޭ ކޯޗުންނާ ބަލާއިރު ރެކޯޑު އަދަދެކެވެ. ވޯލްޑް ކަޕްތަކުގައި ވާދަކުރާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކޯޗުންނަށް އަހަރެއްގެ މައްޗަށް އެވަރެޖްކޮށް ލިބޭނީ 8 މިލިއަން ޑޮލަރެވެ.

ކުލަބު ކޯޗުންނަށް ބަލާއިރު އެންމެ ބޮޑު މުސާރައެއް ލިބޭ އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް ލިބެނީ 37 މިލިއަން ޑޮލަރެވެ. އޭނާ އަށްފަހު އެންމެ ބޮޑު މުސާރައެއް ލިބެނީ އަހަރަކު 20 މިލިއަން ޑޮލަރު ލިބޭ ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށެވެ.

ސައުދީގެ ކޯޗުކަމާ ހަވާލުވުމަށްފަހު އޭނާ އެޓީމަށް އިރުޝާދުދޭނެ ފުރަތަމަ މެޗަކީ އަންނަ މަހުގެ އަށްވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.

ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަނުން މަންޗިނީއާ ހަވާލުކުރި މައިގަނޑު ދެ ޓާގެޓަކީ އަންނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކުރުމާއި 2026ގެ ވޯލްޑް ކަޕަށް އެޓީމް ކޮލިފައިކޮށްދިނުމެވެ.

ކޯޗިން ކެރިއަރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ މަންޗިނީ ވަނީ 2020ގެ ޔޫރޯ އިޓަލީއަށް ހޯދައިދީފަ އެވެ. ދުނިޔޭގެ ރެކޯޑު އަަދަދެއްކަމަށްވާ 37 މެޗު އިޓަލީ އިން ބަލިނުވެ ހަމަކުރި ނަމަވެސް އޭނާ އަށް އެޓީމް 2022ގެ ވޯލްޑް ކަޕަށް ކޮލިފައިކޮށް ނުދެވުނެވެ.

ކުލަބު ކެރިއަރުގައި މަންޗިނީ ވަނީ މެންޗެސްޓަ ސިޓީ، ލާޒިއޯ، އިންޓަ މިލާން، ފިއޮރެންޓީނާ އަދި ގެލެޓަސަރާއީ ފަދަ ޓީމްތަކަށް އިރުޝާދުދީފަ އެވެ. އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ސިޓީއަށް ފުރަތަމަ ފަހަރަށް ހޯދައިދިން ކޯޗެވެ.