28 އޮގަސްޓު 2023 - 11:31 0
މުހައްމަދު އުޝާމް
ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
28 އޮގަސްޓު 2023 - 11:31 0
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ސަރުކާރެއްގައި ގްރޭޓާ މާލެ އޭރިއާގެ އިހުތިސޯސްގެ ތެރޭގައި ކ. އަތޮޅު ތުލުސްދޫ، ހުރާ، އަދި ހިންމަފުށި ހިމަނަން އެ ޕާޓީން ލޯންޗުކުރި "ވެށިފަހި މާލެ މެނިފެސްޓޯ" ގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޕާޓީން ނެރުނު މެނިސްޓޯގައި ބުނެފައިވަނީ ގުޅީފަޅުންނާއި ގިރާވަރުފަޅުން ހިއްކާ ބިމުގެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް މީހުން ރަނގަޅަށް ދިރިއުޅޭން ފަށަން އަދި ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.
އެ ގޮތަށް އަންދާޒާ ކުރި ސަބަބަކީ ހުޅުމާލެ މަޝްރޫއު ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެ އެވެ.
"ހުޅުމާލެ މަޝްރޫއުން ފެންނާން އޮތީ ބިން ހިއްކާ، ތޮށިޖަހާ، ހޮޅި ވަޅުލާ، މަގު ހަދާ، އަދި ދިރިއުޅެން ބޭނުން ވާނެ އެހެނިހެން އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރަން، ބިން ހިއްކަން ނަގާ މުއްދަތުގެ އިތުރުން ރަނގަޅު ދިހަފަނަރަ އަހަރު ހޭދަވާނެ ކަމެއް،" މެނިފެސްޓޯގައި ބުނެފައިވެ އެވެ.
އިލްޔާސް ގަބޫލުކުރައްވާ ގޮތުގައި އެ ފަޅުތައް ހިއްކައި ނިމި، އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ބިނާތައް ގާއިމުވެ ނިމެންދެން މަޑުކޮށްގެން ތިބެފިނަމަ އާއިލާތައް އިތުރަށް ނިކަމެތިވެގެން ދާނެ އެވެ. އެ ގޮތަށް ބަޔާންކުރީ ވެސް ހުޅުމާލެ މަޝްރޫއުގެ ތަޖުރިބާއަށް ބަލާފައި ކަމަށް މެނިފެސްޓޯގައިވެ އެވެ.
އޭގެ ހައްލެއް ގޮތުގައި މެނިފެސްޓޯ ހިމަނާފައި ވަނީ މާލެ އަތޮޅުގައި މިހާރު ވެސް މީހުން ދިރިއުޅޭ ތިން ރަށެއް ގްރޭޓާ މާލެ އޭރިއޭގެ އިހުތިސޯސްގެ ތެރޭގައި ހިމެނުމަށެވެ. އެއީ އަތޮޅުގެ ވެރިކަންކުރާ ރަށް ތުލުސްދޫގެ އިތުރަށް ހިންމަފުއްޓާއި ހުރާ އެވެ.
އެ ގޮތަށް ހަމަޖެއްސުމަށް ފަހު އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 25،000 އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމެވެ.
މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް، އެންމެ ތޮއްޖެހިފައިހުރި ކޮށިތަކުގައި ހުރި ގޯތިގެދޮރަށް އެއްބަސްވެވޭ އަދުލުވެރި ބަދަލެއް ދިނުމަށް ފަހު އެ ގޭގޭގެ މީހުނަށް ގޯތި ނުވަތަ ކޮންޑޮމީނިއަމް ޔުނިޓެއް ފޯރުކޮށްދިނުން ވެސް ސިޔާސަތެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.
އެ ސިޔާސަތުގެ ބޭނުމަކީ، އެ ކޮށިތަކުގައި ކޮންކްރީޓް ގޮޅިތަކަކަށް ދިރިއުޅުން މެހިފައި ތިބި ރައްޔިތުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ހަމަޖައްސައިދިނުމެވެ. އަދި ތޮއްޖެހި ފުރިބާރުވެފައިވާ ކޮށިތައް ހުސްކޮށް، ހާސްކަމާއި ނުތަނަވަސްކަމުން އަރައިގަތުން ކަމަށް އޭގައި ބުނެފައިވެ އެވެ.
Comment