28 އޮގަސްޓު 2023 - 10:51 0
އަހުމަދު އާއިދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ގާދިއްފުށީގައި. ވިދާޅުވީ ދެވަނަ ދައުރެއް ނިންމާނީ އަރަނި ބަޖެޓަކާއެކު ކަމަށް - ފޮޓޯ: މިރާން ނާޝިމް / އަދަދު
28 އޮގަސްޓު 2023 - 10:51 0
މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ އެ ދައުރެއް ނިންމަވާނީ އާމްދަނީ ބޮޑުތަނުން އިތުރުކޮށް އަރަނި ބަޖެޓަކާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިހާރު ސަރުކާރުން އެކި ރަށްތަކުގައި ކުރިއަށް ގެންދަނީ ރާއްޖޭގެ އިގްތިސޯދު ދެގުނަ ކުރުމަށް ހިންގަމުންދާ މަޝްރޫއުތައް ކަމަށް ރިޔާސީ ކެމްޕޭނުގައި މިއަދު ތ. ގާދިއްފުށްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމަގަ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ. އެގޮތުން، އެއާޕޯޓުތަކާއި ބަނދަރުތައް އަދި އާރުޓީއެލް ފަދަ ހިދުމަތްތައް ރައީސް ފާހަގަކުރެއްވި އެވެ.
"2018 އިން ފެށިގެން 2028 އާ ހިސާބަށް އިގުތިސާދު ދެގުނަ ކުރެވި އިގުތިސޯދުގެ ސައިޒަކީ 170 ބިލިއަނަށް ވުރެ މައްޗަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެންދެވޭނެ," ރައީސް ވިދާޅުވި އެވެ.
އިގުތިސޯދު ކުރިއަރާ ހަރަކާތްތައް ހިނގަން ފެށުމާއެކު ދައުލަތައް ވަންނަ ފައިސާގެ އަދަދުވެސް މިހާރު އިތުރުވާން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، 2028 އަންނައިރު ދައުލަތުގެ އާމްދަނީ 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަނާ ހަމައަށް އަމާޒުހިފާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ނަތީޖާއަކަށް ވާނީ އަޅުގަނޑުމެން މި ކުރަން ބޭނުންވާ މަސައްކަތްތަކަށް ދައުލަތުގައި ފައިސާ ހުރުން، އަދި އިރާދަކުރެއްވިއްޔާ 2028 ގައި އަޅުގަނޑުމެން ހުށަހަޅާ ބަޖެޓަކީ ބެލެންސް ނުވަތަ އަރަނި ބަޖެޓަކަށް ވެގެންދާނެ" އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އަމާޒަކީ އެއީ ކަމަށާއި އެކަން ހާސިލްކުރެވޭނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބި، ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި އަހަރު ދައުލަތުގެ އާމްދަނީ އުޅެނީ 32 ބިލިއަން ރުފިޔާގަ އެވެ. ދައުލަތް ހިންގުމަށް މި އަހަރު ހިނގާނެ ކަމަށް ލަފާކޮށްފައިވާ ހަރަދު 40.5 ބިލިއަނަށް އަރާއިރު ދައުލަތުގެ ޖުމްލަ ދަރަނި އަހަރު ނިމޭއިރު 101 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ދައުލަތުގެ ދަރަންޏާ ގުޅިގެން އިދިކޮޅުގެ ފާޑުކިޔުންތަކަށް ރައީސް ވަނީ އިއްޔެވެސް ޖަވާބު ދެއްވާފަ އެވެ. އެގޮތުން, އިދިކޮޅު ފަރާތްތަކުން ސަރުކާރު ދަރަނިވެރިވެ ބަނގުރޫޓުވާނެ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުން ވެސް އަރާ ކޮންމެ ރަށެއްގައި ވައުދުތައް ވަމުން ގެންދަވާ ކަމަށެވެ.
"އަނެއްކޮޅުން ބަނގުރޫޓުވެފަ އޮތް ސަރުކާރެއްގެ ވާހަކަ ދައްކަނީ، ފައިސާއެއް ނެތޭ، 2025 ގައި ބަނގުރޫޓުވާނޭ، 2026 ގައި ބަނގުރޫޓުވާނޭ، އެހެން ނަމަވެސް ހަމަ ލިސްޓު ހިފައިގެން އަރާ ވައުދު ވަނީ، މިއީ ހަމަ ސަރުކާރުން ކުރާނެ ހަރަދު ނޫންތޯ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދައިން އިދިކޮޅު ކެންޑިޑޭޓުން ގިނަ، ބޮޑެތި ވައުދުތަކެއް ވަމުން ގެންދަނީ ސަރުކާރުގައި ފައިސާ ހުރިކަން ނުވަތަ ލިބޭނެކަން އެބޭފުޅުންނަށް ވެސް އެނގޭތީ ކަމަށެވެ.
"[ވައުދުތައް ވަނީ] ހަމަ ގައިމުވެސް ފައިސާ ހުރިކަން އިނގިގެން ނޫންތޯ، ނުވަތަ ފައިސާ ލިބޭނެކަން އިނގޭތީ ނޫންތޯ އެބޭފުޅުން އެ ވާހަކަތައް އެ ދައްކަވަނީ، އެހެންނޫނީ އެ ހައްދަވަނީ އިތުރުފުޅެއް," ރައީސް ވިދާޅުވި އެވެ.
އެ ފަދައިން އިދިކޮޅުން ދައްކާ 'ދެކޮޅު ނުޖެހޭ' ވާހަކަތަކާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment