Advertisement

މޮރިޝަސް ބަލިކޮށް އަންހެން ޓީޓީ ޓީމަށް މި ފަހަރު ވެސް ރަން މެޑަލް

27 އޮގަސްޓު 2023 - 20:02 0

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ރާއްޖޭގެ ރަފާ ސެޓެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އެމްއޯސީ/ އިސްމާއީލް ތޯރިގް


މޮރިޝަސް ބަލިކޮށް އަންހެން ޓީޓީ ޓީމަށް މި ފަހަރު ވެސް ރަން މެޑަލް

27 އޮގަސްޓު 2023 - 20:02 0

މޮރިޝަސް އަތުން 3-1 މެޗުން މޮޅުވެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިވެންޓުގެ ރަން މެޑަލް ރާއްޖޭން މިއަދު ދިފާއުކޮށްފި އެވެ.

މަޑަގަސްކަރައިގައި އިއްޔެ ފެށި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ގޭމްސްގެ މި ފަހަރުގެ ފުރަތަމަ ރަން މެޑަލް ރާއްޖެ އަށް ކަށަވަރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ، 2019 ގެ ގޭމްސްގައި ވެސް ރަން މެޑަލް ހޯދައިދިން ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް އެވެ. މި ފަހަރު އަލަށް ހިމެނުނުނީ ލައިސާ ފަތުހުﷲ އިސްމާއީލް އެވެ.

މި މެޗުގެ ފުރަތަމަ ގޭމް ރާއްޖެ އަށް ކާމިޔާބުކޮށްދިނީ ރަފާ އެވެ. އޭނާ މޮޅުވީ މޮރިޝަސްގެ ޖަލިމް ނަންދޭޝްވަރީ އަތުން ސީދާ ތިން ސެޓުންނެވެ. އެއީ 11-8، 12-10 އަދި 11-6 އިންނެވެ.

ރާއްޖޭން ލީޑު ފުޅާކުރީ މޮރިޝަސްގެ ހޮސެނަލީ އޫމެހާނީ ޓަޔޭ އަތުން ދީމާ 3-1 އިން މޮޅުވުމުންނެވެ. ފުރަތަމަ ސެޓު 11-6 އިން ހޮސެނަލީ ކާމިޔާބުކުރި ނަމަވެސް މި ގޭމް ދީމާ ކާމިޔާބުކުރީ އަނެއް ތިން ސެޓު 6-11، 9-11 އަދި 2-11 އިން ހޯދައިގެންނެވެ.

ރާއްޖޭގެ ދީމާ ސެޓެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އެމްއޯސީ/ އިސްމާއީލް ތޯރިގް


މެޗުގެ ތިން ވަނަ ގޭމުގައި މޮރިޝަސްގެ ކިނޫ ރުގައްޔާ ވަނީ ރާއްޖޭގެ ލައިސާ އަތުން 3-1 ސެޓުން މޮޅުވެ، އުއްމީދެއް ހޯދައިފަ އެވެ. ފުރަތަމަ ދެ ސެޓު ކިނޫ ގެންދިޔައީ 11-8 އަދި 11-8 އިންނެވެ. ތިން ވަނަ ސެޓު 7-11 އިން ލައިސާ ކާމިޔާބުކުރި ނަމަވެސް ކިނޫ ވަނީ ނަތީޖާ ނެރެން ކުޅުނު ހަތަރު ވަނަ ސެޓު 11-3 އިން ކާމިޔާބުކޮށް ގޭމު ކާމިޔާބުކޮށްފަ އެވެ.

ރާއްޖެ އަށް ރަން މެޑަލް ލިބުނީ މޮރިޝަސްގެ ޖަލިމް އަތުން ފަހު ގޭމުން ދީމާ ސީދާ ތިން ސެޓުން މޮޅުވުމުންނެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-5، 11-4 އަދި 11-8 އިންނެވެ.

ޓީޓީ އަކީ މި ގޭމްސްގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅިވަރެވެ. މިދިޔަ ފަހަރުގެ ގޭމްސްގައި ޓީޓީން ރާއްޖެ އަށް ތިން ރަން މެޑަލް ހޯދައިދިނެވެ. އެއީ ދީމާ ހޯދައިދިން އަންހެން ސިންގަލްސް ރަން މެޑެއްޔާއި، ދީމާ އާއި ރަފާ ހޯދައިދިން އަންހެން ޑަބަލްސް ރަން މެޑަލް އަދި އެ ދެ ކުޅުންތެރިންނާއި ފާތިމަތު ޖުމާނާ ނިމާލް އާއި މުއީނާ މުހައްމަދު ހިމެނިގެން އަންހެން ޓީމު އިވެންޓުގެ ރަން މެޑެއްޔެވެ.