Advertisement

ފުލުހުން އެންގުމުން ވެސް މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކަށް 21،600ރ.ގެ ޖޫރިމަނާއެއް

27 އޮގަސްޓު 2023 - 11:43 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ފުލުހަކު މާލޭ ސިނަމާލޭ ބްރިޖު ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ:އަދަދު


ފުލުހުން އެންގުމުން ވެސް މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކަށް 21،600ރ.ގެ ޖޫރިމަނާއެއް

27 އޮގަސްޓު 2023 - 11:43 0

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި އޮއްވާ، ބާރު ސްޕީޑުގައި ސައިކަލުގައި ދަނިކޮށް މަޑުކުރަން ފުލުހުން އެންގުމުން ވެސް މަޑުނުކޮށް ދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާކުރި މީހަކު 21،600ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން އެ މީހާގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އުފުލީ، ޑިސެމްބަރު 15، 2020 ގައި އޭނާ ފުވައްމުލަކު ސިޓީ ނައިބުތުއްތު މަގުން އުތުރުން ދެކުނަށް ގާތްގަނޑަކަށް 50 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާފައި ދަނިކޮށް ފުލުހުންނަށް އޭނާ ފެނިގެން ހުއްޓަން ބުނުމުން ވެސް ނުހުއްޓައި ދިޔުމުންނެވެ.

ގާނޫނުލްއުގޫބާތުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްތުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސްއެޅުމަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

މި މައްސަލައިގައި ސައިކަލުގައި ދިޔަ މީހާއާ ދެކޮޅަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގައި ދައުލަތުން ދައުވާކުރި ނަމަވެސް، އޭނާ ދައުވާއަށް އިއުތިރާފުވުމުން އަވަސް ނިޔާގެ އަޑުއެހުން ބާއްވަން މައްސަލަ ކްރިމިނަލް ކޯޓަށް ބަދަލުކުރި އެވެ.

ދައުވާއަށް އިއުތިރާފުވުމުން ލިބޭ ލުޔާއެކު އޭނާއަށް ކަނޑައެޅެން އޮތީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އެ އަދަދު ޖޫރިމަނާއަށް ބަދަލުކުރަން ދައުވާ ލިބުނު މީހާގެ ފަރާތުން އެދުމުން ދައުލަތުން އެކަމާ ދެކޮޅެއް ނަހަދަ އެވެ. އަދި, ދައުވާ ލިބުނު މީހާ ވަނީ ވަޒީފާގައި އުޅޭ ކަމުގެ ލިޔުމާއި ކުރިން ކޮށްފައިވާ ހުކުމަކާ ގުޅިގެން ވެސް ޖޫރިމަނާ ދެއްކި ކަމުގެ ލިޔުން ކޯޓަށް ހުށަހަޅައިފަ އެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ހުކުމްކުރެއްވީ، އޭނާއަށް ކަނޑައެޅެން އޮތް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް 21،600ރ.ގެ ޖޫރިމަނާއަކަށް ބަދަލުކޮށް އެ ފައިސާ ތިން މަސް ތެރޭގައި ދެއްކުމަށެވެ.