Advertisement

އަނިޔާގައި ތިން މަސް! ޕޮގްބާ މިހާރު ހުރީ ފިޓުކޮށް

27 އޮގަސްޓު 2023 - 09:17 0


އަނިޔާގައި ތިން މަސް! ޕޮގްބާ މިހާރު ހުރީ ފިޓުކޮށް

27 އޮގަސްޓު 2023 - 09:17 0

ޓިއުރިން، އިޓަލީ (އޮގަސްޓް 27) - އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ޕައުލް ޕޮގްބާ އަށް ލިބިފައިވާ އަނިޔާ ރަނގަޅުވެއްޖެ ކަމަށާއި، ކުރިއަށް އޮތް މެޗުގައި ޕޮގްބާ ފެންނާނެ ކަމަށް ކޯޗު މެސީމޯ އަލެގްރީ ބުނެފި އެވެ.

ޕޮގްބާ 30, އަށް އަނިޔާވީ ސެރީއާގައި މިދިޔަ ސީޒަންގައި އެ ޓީމް ކްރެމޮނީސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރަަތަމަ 25 މިނެޓުގެ ތެރޭގައި އަނިޔާވެ އޭނާ ފައިބަން ޖެހުނެވެ.

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ޔުވެންޓަސްގެ ޕްރީ ސީޒަން ތައްޔާރީތަކުގައި ވެސް ޕޮގްބާ އަށް ބައިވެރިނުވެވުނެވެ. ނަމަވެސް ތިން މަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނު އަނިޔާއިން ރަނގަޅުވެ ޕޮގްބާ މިހާރު ހުރީ ފިޓުކޮށެވެ.

ޔުވެންޓަސްގެ ކޯޗު އަލެގްރީ ބުނީ އެ ޓީމްގެ ފަރިތަކުރުންތަކުގައި އޭނާ ބޭނުންވާ ފެންވަރުގެ ކުރިއެރުންތަކެއް ޕޮގްބާގެ ފަރާތުން ފެންނަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް މެޗުގައި ޕޮގްބާގެ ބޭނުން ހިފޭނެ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލުން ޔުވެންޓަސް އަށް ޕޮގްބާ ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެ ގޮތުން، 2022ގައި ޔުވެންޓަސްއާ ގުޅުމަށް ފަހު އޭނާ އަށް މިހާތަނަށް އެކުލަބަށް ކުޅެވުނީ އެންމެ 10 މެޗުގަ އެވެ.

ޕްރީ ސީޒަންގެ ބައެއް ދަތުރުތަކުގައި ޕޮގްބާ ބައިވެރިވި ނަމަވެސް އޭނާ ތަމްރީންތައް ކުރިއަށް ގެންދަން ޖެހުނީ ވަކި ހާއްސަ ފިޓްނަސް އިންސްޓްރަކްޓަރަކާއެކުގަ އެވެ.

އަލެގްރީ ބުނީ ޕޮގްބާ އެނބުރި ކުޅުމުގެ ތެރެއަށް އައުމުގައި އަވަސް އަރުވާލަން ބޭނުންނުވާ ކަމަށެވެ. މިހާރު ޕޮގްބާ ހުރީ އޭނާ ބޭނުންވާ ވަރަށް ފިޓުވެ ވަރުގަދަ މެޗު ކުޅެވޭނެވަރުގެ ހާލަތެއްގައި ކަމަށް ވެސް އަލެގްރީ ފާހަގަކުރި އެވެ.

އާ ސީޒަންގެ ފުރަތަމަ މެޗުގައި ޔުވެންޓަސް ވަނީ އުދިނޭސީ އަތުން 3-0 އިން މޮޅުވެފަ އެވެ. އެ ޓީމަށް ދެން އޮތީ ބޮލޮންޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.