31 އޮގަސްޓު 2023 - 08:50 0
އަމަން ހަލީމް
31 އޮގަސްޓު 2023 - 08:50 0
މީގެ 12 އަހަރު ކުރިން ވުޖޫދަށް އައި ޒަމާނީ ޓެކްސް ނިޒާމުގެ ސަބަބުން ދިވެހި ދައުލަތް ތަނަވަސްވެ، އިގުތިސާދީ ދުވެލި ހަލުވިކޮށްލި ކަމާ މެދު ބަހުސެއް ނެތެވެ.
ޓެކްސް ނަގަން ފެށުމާ ގުޅިގެން ބައިވަރު މަންފާތަކެއް ލިބި އަދި ލިބެމުން އައި ނަމަވެސް، ޓެކްސް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ލާޒިމުކުރާ ކަންކަން ކުރުން ނުވަތަ ޓެކްސް ކޮމްޕްލަޔަންސް އަކީ ވިޔަފާރިތަކަށް ފަސޭހަ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ޓެކްސް އޮޅިގަނޑަށް ކިރިޔާ ފެތޭ ކުދި ވިޔަފާރިތަކަށް މިކަން ވަނީ ބޮޑު ތަކުލީފެކެވެ. ސަބަބު މިސާލަކުން ކިޔައިދޭނަމެވެ.
މާލޭގައި ހުންނަ ކުޑަކުޑަ ފިހާރައެކެވެ. އާންމު ބަހުރުވައިން ނަމަ ކަންމަތީ ފިހާރައެކެވެ. މިހެން ހުންނަ ފިހާރަތަކުގައި ކޭޝިއަރުންނާއި މަސައްކަތު މީހުން އުޅުނު ނަމަވެސް، ގިނަ ފަހަރު ސޭޓަކީ، އެކައުންޓެންޓަކީ، ވެރިޔަކީ އެކެކެވެ. ބޮޑެތި ފިހާރަތަކާ އެއްވަރަށް ވިޔަފާރި ނުވިޔަސް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް ތިން ހާހަކަށް ރުފިޔާ މިކަހަލަ ފިހާރަތަކަށް ވެސް ލިބެ އެވެ.
އެވަރުގެ އާމްދަނީއެއް ލިބޭ ކޮންމެ ވިޔަފާރިއަކަށް، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ނަގަން ލާޒިމެވެ. ވިޔަފާރި ފައިދާއިން ނަގާ ކޯޕަރޭޓް އިންކަމް ޓެކްސްގެ މިންގަނޑަށް ފެތޭތީ އެވެސް ބަރާބަރަށް ފައިލުކޮށް، ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ފައިދާއެއް ލިބިއްޖެއްޔާމުން އޭގެން 15 ޕަސެންޓު ޓެކުހަށް ދައްކަން ޖެހެ އެވެ.
މީރާއިން ގަބޫލުކުރާ ފެންވަރަށް މި ހުރިހާ ކަމެއް ކުރުމަކީ، އެއްކަލަ ވިޔަފާރިވެރިޔާއަށް ފަސޭހަ ކަމެއް ނޫނެވެ. ދެން ވިކުރާ އާއި ހިސާބުކިތާބު ތައްޔާރަކުރަން ޖެހެނީ ޖީބުން އިތުރު ހަރަދެއް ކޮށްގެން ކޮންމެވެސް މީހަކާ އެކަން ހަވާލުކޮށްގެން ކުރާށެވެ. މިއީ ޓެކުހުގެ އުސޫލުތަކަށް ބޯލެނބުމުގެ ގޮތުން ކުރަން ޖެހޭ ހަރަދެއް ކަމުން މިއަށް ކިޔަނީ ޓެކްސް ކޮމްޕްލަޔަންސް ކޮސްޓު ބޮޑުވުމެވެ.
ޓެކްސް ކޮމްޕްލަޔަންސް ކޮސްޓް ނުވަތަ ޓެކްސް ދެއްކުމުގެ ހަރަދު ބޮޑުވުމަކީ ވިޔަފާރިތަކަށް ހުރަހެކެވެ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ހަރަދު ބޮޑު ވުމަކީ އައު ވިޔަފާރިތައް އިގުތިސޯދަށް ނުކުތުމަށް ހުރަސް އަޅާ ކަމެކެވެ. އެހެންވެ ކުރިއަރާފައިވާ ޓެކްސް ނިޒާމުތަކުގައި އަބަދު ވެސް ބާރު އަޅަނީ އެސްއެމްއީތަކަށް މި ހަރަދުތައް ވީހާ ވެސް ކުޑަކުރުމަށެވެ.
މިކަންކަމަށް ފާރަވެރިވެގެން ތިބި ވެރިކަން ހިންގާ ޕާޓީ އެމްޑީޕީން ވަނީ އަންނަ ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި ދެ މިލިއަން ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތައް، ޖީއެސްޓީ އާއި އިންކަމް ޓެކްސްއިން އިސްތިސްނާކޮށް، ކޮންމްޕްލަޔަންސް ކޮސްޓު ކުޑަ، އިދާރީ ގޮތުން ފަސޭހަ، ޕްރިޒަމްޕްޓިވް ޓެކުހުގެ ނިޒާމެއް ތައާރަފްކުރަން ހިމަނާފަ އެވެ.
ޕްރިޒަމްޕްޓިވް ޓެކްސްއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސް ލުއި ދިނުމުގެ ބޭނުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ގޮތްގޮތަށް ބޭނުންކުރާ ނިޒާމެކެވެ. މި ނިޒާމު އާންމުކޮށް ބޭނުންކުރަނީ ޓެކްސް ކުރަން އުނދަގޫ، ބަރާބަރަށް ހިސާބުކިތާބު ނުބަލަހައްޓާ ނަގުދު ފައިސާއިން ގިނަ މުއާލާތްތައް ކުރާ ފަރާތްތަކަށެވެ. މިފަދަ ނިޒާމުތަކުގައި ވަކި ވަރަކަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތައް ޓެކްސްއިން އިސްތިސްނާ ކުރުމާއި ކަނޑައެޅިފައިވާ ރޭޓެއްގައި ޓެކްސް ދެއްކުން ފަދަ ކަންކަން ހިމެނެ އެވެ.
މިހާރު އޮންނަ ގޮތުން އަހަރެއްގެ ތެރޭގައި ވިއްކާ މުދާ ނުވަތަ 'ޓެކްސަބަލް ސަޕްލައިސް'ގެ އަގު އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ނުވަތަ ގިނަ ވާނެ ކަމަށް ލަފާކުރެވޭ ކޮންމެ ވިޔަފާރިއަކުން އަށް ޕަސެންޓުގައި ޖީއެސްޓީ ނަގަން ޖެހެ އެވެ. އަދި އަހަރުގެ ސާފު ފައިދާ 500،000ރ. ވުރެ މަތި ނަމަ އާމްދަނީން ޓެކްސް ދައްކަންޖެހެ އެވެ.
މިކަންކަން ބަދަލުކޮށް ޕްރިޒަމްޕްޓިވް ޓެކްސް ނިޒާމަކަށް ބަދަލުވެއްޖެ ނަމަ އެއް ކަމަކަށް ކުދި ވިޔަފާރިތަކުގެ ޓެކްސް ބުރަ ކުޑަވެ، ވިޔަފާރީގެ ތެރޭގައި ދައުރުވާ ފައިސާ އިތުރުކުރުމުގެ މަގުފަހި ވެގެން ދާނެ އެވެ. ވިޔަފާރިތައް ކުރިއެރުމަށް ބާރު އަޅަ އެވެ. ހަމައެހެންމެ ކުދި ވިޔަފާރިތައް އޮޑިޓު ކުރުން ފަދަ ކަންކަމަށް ޓެކްސް އިދާރާއިން ހިނގާ ހަރަދު ކުޑަކުރެވޭނެ އެވެ. ރައްޔިތުންނަށް ވާނެ ފައިދާއަކީ ގަންނަ މުދަލަށް ޓެކްސް ދައްކަން ނުޖެހުމެވެ.
މިހެން ބުންޏަސް ޕްރިޒަމްޕްޓިވް ޓެކްސް ނިޒާމުގައި ގޯސްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ޓެކްސް އޮޅިގަނޑަށް ނާރަން ވެގެން ވިޔަފާރި ފުޅާކުރަން ބޭނުން ނުވުމާއި ޓެކުހުން ރެކެން ވިޔަފާރިތައް ބައިކުރުމާއި ޓެކްސް ލުއި ހޯދުމުގެ ބޭނުމުގައި ހިސާބުތައް އޮޅުވާލުން ފަދަ ކަންކަމަށް ވެސް ފުރުސަތު އޮވެ އެވެ. އެކަމަކު މިއީ ހައްތަހާވެސް ހަރުދަނާ އުސޫލުތަކެއް އެކުލަވާލައިގެން މަދުކުރެވޭނެ ކަންކަމެވެ.
ޕްރިޒަމްޕްޓިވް ޓެކްސް ނިޒާމެއް ތައާރަފުކުރުމުގެ ކުރިން ވިސްނަން ޖެހޭ އަނެއް ކަމަކީ އާމްދަނީއަށް ކުރާނެ ނޭދެވޭ އަސަރެވެ. މީރާއިން އާންމުކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 19،583 ފަރާތަކުން ވަނީ ޖީއެސްޓިއަށް ރަޖިސްޓްރީކޮށްފަ އެވެ. އެ ތަފާސްހިސާބުތަކުގައި އެކި ގިންތީގެ ވިޔަފާރިތައް ވަކިކޮށްފައި ނެތުމުން ޓެކްސް އޮޅިގަނޑަށް ނާރާ ވިޔަފާރިތަކުގެ އަދަދާއި އެ ވިޔަފާރިތަކުން ލިބޭ އާމްދަނީއެއް ނޭނގެ އެވެ.
ނަމަވެސް އެހެން ބައެއް މަސްދަރުތަކުން ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮންމެވެސް ވަރެއްގެ އަންދާޒާއެއް ކުރެވިދާނެ އެވެ. މީގެ އެއް މަސްދަރަކީ ކޮވިޑު ބަލިމަޑުކަމުން އެސްއެމްއީތަކަށް ކުރި އަސަރު ދެނެގަންނަން ޔޫއެންޑީޕީ އާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލިހުޑް އެސެސްމަންޓެވެ.
މި އެސެސްމަންޓުގައިވާ ގޮތުން 2019 ގައި ޖީއެސްޓީ ފައިލްކުރި 8422 ވިޔަފާރީގެ ތެރެއިން ތިން ބައި ކުޅަ އެއް ބަޔަކީ ފަސް މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކެވެ. ޖީއެސްޓީ ދައްކާ ކުދި ވިޔަފާރިތައް ގިނަ ނަމަވެސް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބޮޑެތި ވިޔަފާރިތަކުންނެވެ. އެހެންކަމުން ޖީއެސްޓީ އޮޅިގަނޑު މަތިކުރުމުން އާމްދަނީއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައި ނަމަވެސް މާ ބޮޑު ތަފާތެއް އައުމަކީ ނާދިރު ކަމެކެވެ.
މިކަންކަމަށް ބަލާއިރު ޓެކްސް އޮޅިގަނޑު ދެ މިލިއަނަށް މަތިކުރުން ވެގެން ދާނީ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ވެސް މަންފާ ހުރި ކަމަކަށެވެ.
Comment