އަލްހާން ފަހުމީ؛ އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އަލްހާންގެ ޕާސްޕޯޓު ހިފެހެއްޓީ އެ އިދާރާއިން ތަހުގީގު ކުރަމުން އައި މައްސަލައެއްގައި ކޯޓުގައި އެދުމުން، ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
ނަމަވެސް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަފުސީލުތަކެއް ނުދެ އެވެ.
ކުރިން އަލްހާންގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ކުރަމުން ދިޔަ އޮންލައިން ޓްރޭޑިން ވިޔަފާރީގައި މަކަރު ހަދައި މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަން ފެށި އެވެ. ބެލެވެނީ ޕާސްޕޯޓު ހިފެހެއްޓީ ވެސް އެ މައްސަލާގަ އެވެ.
އަލްހާންގެ ކުންފުންޏަށް އިންވެސްޓް ކުރި އިސްމާއީލް އަނީސް ނަމަކަށް ކިޔާ މީހަކަށް 90،000ރ. ދިނުމަށް މި ފަހުން ސިވިލް ކޯޓުން ހުކުމެއް ވެސް ކޮށްފައިވެ އެވެ. އެއީ އޭނާ އިންވެސްޓް ކުރި ފައިސާއިން އެއްވެސް ވަރަކަށް ފައިދާގެ ފައިސާ ކުންފުނިން ނުފޮނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
އަނީސް ދެއްކި ޗެޓުލޮގުތަކުންނާއި ޓްރާންސްފާ ސްލިޕުތަކުން އެނގޭ ގޮތުގައި، އޭނާ އިންވެސްޓު ކުރި 100،000ރ. އަނބުރާ ދިނުމަށް އެދުމުން އެ ފައިސާގެ ތެރެއިން ކިންގްސް ކެޕިޓަލްއިން އަނބުރާ ދީފައި ވަނީ އެންމެ 10،000ރ. އެވެ. އަދި ބާކީ ފައިސާ 20 ދުވަހުގެ ތެރޭގައި ދޭނެ ކަމަށް ބުނި ނަމަވެސް އެ ފައިސާ ދީފައި ނުވާ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި ޖަވާބުދާރީވާން ކޯޓުން ތަކުރާރުކޮށް ޗިޓު ފޮނުވުމުން ވެސް ކިންގްސް ކެޕިޓަލްގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވެ އެވެ.
ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތު ފުލުހުން އަލްހާނާއި އޭނާގެ ކުންފުންޏަށް ކުރެ އެވެ.
އެ ތުހުމަތުތައް ދޮގުކޮށް އަލްހާން މީގެ ކުރިން ބުނެފައި ވަނީ އެއީ ސިޔާސީ ބޭނުމެއްގައި އޭނާއަށް ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށެވެ.
އެ މައްސަލައިގައި މީގެ ކުރިން ކިންގްސްގެ ބޭންކް އެކައުންޓުތައް ވެސް ބީއެމްއެލްއިން ހިފެހެއްޓި އެވެ. އެކަމަކު، ކިންގްސްއިން އެ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ކޯޓު އަމުރެއް ނެތި އެކައުންޓުތައް ހިފެހެއްޓީ ގޯސްކޮށް ކަމަށެވެ.
Comment