Advertisement

ދިރާގުން އަމާން ވެށި އަދި އަމާން ހިޔާއަށް އިންޓަނެޓްގެ ހިދުމަތް ދީފި

27 އޮގަސްޓު 2023 - 11:15 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ދިރާގުން އަމާން ވެށި އަދި އަމާން ހިޔާއަށް އިންޓަނެޓްގެ ހިދުމަތް ދީފި

27 އޮގަސްޓު 2023 - 11:15 0

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރް (އެފްސީއެސްސީ) ތަކުގެ ދަށުން ހިންގާ އަމާން ވެށި އަދި އަމާން ހިޔާއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އަމާން ވެށި އަދި އަމާން ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ގެދޮރު ފޯރުކޮށްދޭ އަދި ގެވެށި އަނިޔާ ތަހައްމަލްކޮށްފައިވާ ފަރާތްތަކަށް ހާއްސަ ހިޔާތަކެއްގެ ގޮތުގައި އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ސެންޓަރުތަކެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ،ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކިޔެވުމަށް އެހީތެރިވުމުގެ ގޮތުން ހަލުވި ސްޕީޑްގައި ދިރާގު އިންޓަނެޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އެހީ ފޯރުކޮށްދޭ ސެންޓަރުތަކުގެ ތެރޭގައި ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ނ. މަނަދޫ، ޅ. ނައިފަރު، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ހިންގާ ސެންޓަރު ހިމެނެ އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ދިރާގުގެ އަމާޒަކީ މި 10 އެފްސީއެސްސީއަސްގައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށާއި ރާއްޖޭގެ ޑިޖިޓަލް ލިޓަރަސީ ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެކުންފުނިން ވަނީ ފާއިތުވި އަހަރުތަކުގައި ވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި ފަދަ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނަށް އަޅާލާ ތަންތަނަށް އެކި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާއަށް އިންޓަނެޓް ފޯރުކޮށްދިނުމާއި ކޮމްޕިއުޓާ ސިސްޓަމްތައް ހަދިޔާ ކުރުމާއި އެ ސެންޓަރުގައި ކޮމްޕިއުޓާ ލެބާއި ލައިބްރަރީ ގާއިމްކުރުން ހިމެނެ އެވެ.

ދިރާގުން ބުނީ ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިވުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސް ކަމުގަ އެވެ. އެގޮތުން އެ ކުންފުނިން މުޅި އަހަރަށް ބަހާލައިގެން ޕްރޮގްރާމް ބޭސްޑް ސަޕޯޓު ފޯރުކޮށްދީ، މި ދާއިރާގައި މަސައްކަތް ކުރާ އެކި އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.