Advertisement

އާރްއާރްސީ ބަލިކޮށް ވެމްކޯ އިން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި

26 އޮގަސްޓު 2023 - 08:19 0

ވެމްކޯ އިން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އާރްއާރްސީ ބަލިކޮށް ވެމްކޯ އިން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި

26 އޮގަސްޓު 2023 - 08:19 0

ފައިނަލުގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)ގެ މައްޗަށް 5-3 އިން ކުރިހޯދުމަށް ފަހު ކްލަބް ވެމްކޯ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މީގެ ކުރިން ފައިނަލުގައި ކުޅެ ބަލިވެފައިވާ ވެމްކޯ އިން މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައި މި ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި އާރްއާރްސީގެ މައްޗަށް ވެމްކޯ އިން ހޯދީ ފުރިހަމަ މޮޅެކެވެ.

ވެމްކޯ އިން ރޭގެ މެޗުގައި ލީޑުނެގީ އަލީ ޝިޔާހު (ޝިޔަޅޭ) ޖެހި ގޯލުންނެވެ. އޭގެ ފަހުން، އެ ޓީމުގެ އިސްމާއިލް ވަޖީހު (ވައްޖެ) އަށް ރަތް ކާޑެއް ދެއްކި ނަމަވެސް ވެމްކޯ ފެނުނީ ތަފާތު ރޫހެއްގައި ކުޅެލިތަނެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ވެމްކޯ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހުސެއިން ގައްސާން ލަބީބް (ހުސީ) ގޯލެއް ޖަހައި އާރްއާރްސީ އަށް އުންމީދެއް ހޯދައިދިން ނަމަވެސް ވެމްކޯ އޮތް ފޯމު ފެނުނީ ތަފާތުކޮށެެވެ. އެ ޓީމުގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) ވަނީ ގޯލެއް ޖަހައި، އަނެއްކާ ވެސް ހަމަޖެހިލަން ފުރުސަތެއް ދީފަ އެވެ. އަދި ފޭދޫ އިއްބެ އާއި މެޗުގެ މޮޅު ކުޅުންތެރިޔާ، ވެމްކޯގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ގޯލު ޖަހައި، ވެމްކޯ އަށް ބޮޑު ލީޑެއް ހޯދައިދީފަ އެވެ.

ފަހު ވަގުތު އާރްއާރްސީން ކުރިއަށް ޖެހިގެން ދެ ގޯލެއް ޖެހި ނަމަވެސް އެ ޓީމަށް ވެމްކޯއާ ހަމަކުރެވޭ ގޮތެއްނުވި އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ ކެޕްޓަން ޝިޔާހު އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޖުމްލަ އެކު، އަށް ގޯލު ޖެހި ޝިޔާހު އާއި ހުސީ އެވެ. މޮޅު ކޯޗަކަށް ވެމްކޯގެ އަހުމަދު ތޯހާ ހޮވުުނުއިރު، ގަދަ ފަސް ކުޅުންތެރިންނަކީ ވެމްކޯގެ ޝިޔާހު، އަލީ ރެޒާ އަދި އަބްދުﷲ ޒިމާމްގެ އިތުރުން އާރްއާރްސީގެ އަލީ ހާފިޒް (އައްޔަ) އަދި ހުސީ އެވެ.