Advertisement

އެމްއޭސީއެލް ބަލިކޮށް ވެމްކޯ އިން އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަންކަން ހޯދައިފި

24 އޮގަސްޓު 2023 - 09:07 0

ވެމްކޯ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްއޭސީއެލް ބަލިކޮށް ވެމްކޯ އިން އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަންކަން ހޯދައިފި

24 އޮގަސްޓު 2023 - 09:07 0

ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ފެށި، އަންހެން ފުޓްސަލް މުބާރާތް، އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ފައިނަލުގައި ޓީމު އެމްއޭސީއެލް 3-0 އިން ބަލިކޮށް ކްލަބް ވެމްކޯ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެމްކޯ އިން ވަނީ 3-1 އިން އެމްއޭސީއެލް ބަލިކޮށްފަ އެވެ. އެކަމަކު، ރޭ ކުޅުނު ފައިނަލް މެޗުގައި އެމްއޭސީއެލް އިން ލަނޑެއް ވެސް ޖެހިޔަނުދީ ވެމްކޯ ވަނީ ކުރިހޯދައިފަ އެވެ.

މުބާރާތުގެ ތަޖުރިބާ ހުރި ކުޅުންތެރިން ވެމްކޯ ޓީމުގައި ގިނަ ވުމުގެ ފައިދާ އެ ޓީމުން ވަނީ ފައިނަލުގައި ނަގައިފަ އެވެ.

ވެމްކޯ ކުޅުންތެރިން ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވެމްކޯ އިން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، ސަފިއްޔާ ރަފާ (ރައްޕި) ޖެހި ގޯލުންނެވެ. ވެމްކޯގެ އަނެއް ދެ ގޯލު ޖެހީ ފާތިމަތު ލީސާ އާއި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި އާމިނަތު ފަޒްލާ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރަފާ އެވެ.

ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ފެށި އެއިޓީން ތާޓީ ކްލަސިކް މުބާރާތުގައި އަށް ޓީމު ބައިވެރިވި ނަަމަވެސް މެޗުތައް ނުފަށަނިސް އެމްޕީއެލް ވަނީ ވަކިވެފަ އެވެ. އެހެންވެ، މުބާރާތް ކުރިއަށްދިޔައީ ހަތް ޓީމުގެ މެދުގަ އެވެ. މި މުބާރާތަކީ އަންހެން ފުޓްބޯޅަ އާއި ފުޓްސަލް ކުރިއެރުވުމަށް ބަލާއިރު، ކްލަބް މޯލްޑިވްސްގެ ރަނގަޅު އިސްނެގުމެއްގެ ގޮތުގައި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުން ވަނީ ބުނެފަ އެވެ.

ކްލަބް މޯލްޑިވްސްގެ އަންހެން ބޮޑު މުބާރާތް، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބް ފައިނަލުގައި ބަލިކުރި ޓީމު ފެނަކަ އިންނެވެ. މިއީ ފެނަކަ އިން މި ތަށި އުފުލާލި ދެ ވަނަ ފަހަރެވެ.