Advertisement

ކަގި ކަނޑުގައި ނީލަންކީ ކޮފީ ހުސްކުރި ދަޅު

26 އޮގަސްޓު 2023 - 07:45 0

ށ. ކަނޑިތީމު

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ކަގި ކަނޑުގައި ނީލަންކީ ކޮފީ ހުސްކުރި ދަޅު

26 އޮގަސްޓު 2023 - 07:45 0

ށ. ކަނޑިތީމު

ދުވަހުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި އަތިރި މައްޗަށް ނުކުމެލީމެވެ. ކަނޑުން އަންނަ ރާޅުބާނިތައް ހަމަ ލޮލުން ބަލައިލާ, މާކަނޑުން އަންނަ ވަހެއް ކުލައެއް މިލައެއް ނެތް ވައިރޯޅީގައި ބީހިލުމުން ނޫނީ، އަޅުގަނޑުމެންގެ ދުވަހުގެ ވަރުބަލި ކަމެއް ނުފިލަ އެވެ.

ދެފަސް ބެދޭ ހިސާބުގައި މަޑުކޮށްލުމާއެކު މެދު އުމުރަށް ވުރެ މައްޗަށް ގޮސްފައި ހުރި ރަޙުމަތްތެރިއަކާ ދިމާ ވިއެވެ. ލޮލަށް ފެނުނު އިރު "ކޮބާ ކޮފީއަކަށް ދާންވީ ނޫންހޭ" ބުނެފީމެވެ. "ހޭވައްލާ ތައްޔާރެވެ. ދަމާ ބަހީ އެވެ." ރަޙުމަތްތެރިޔާ ބުނެލި އެވެ. ޖެހިގެން ހުރި ކެފޭގެ މައްޗަށް އަރުމުން ދުރުގައި އޮތް ގޮނާފަރުގެ ވިލުނޫކުލަ ސާފުކޮށް ފެނެ އެވެ. ވަދު ފައްތަން ތިބި އޮޑިފަހަރުގެ ހަރަކާތްތައް ފެނެ އެވެ.

އަޅުގަނޑަށް ބޭނުމީ ކަޅު ސައި ތަށްޓެއް، ރަޙުމަތްތެރިޔާ ގެންނާނީ ކޯއްޗެއްތޯ އަހާލީމެވެ. "ކަލޭމެންނަށް ވާނީ ތިވަރު ކޮފީއަށް އަޔަސް ތިބޮނީ ހިތަށް އެރި އެއްޗެއް އަހަރެން ބޯނީ ކަޅު ކޮފީ" ރަޙުމަތްތެރިޔާ ބުންޏެވެ. ކޮފީ ތަށި ގެނެސް މޭޒުމަތީގައި ބަހައްޓާލުމުން ކޮފީތަށި ނަގާ ތުނބުގައި ޖެހުނުލެއް ވުރެ އަވަހަށް ބެހެއްޓި އެވެ. ހަސަނާ އެވެ. މި ރަށުގައި ފުރަތަމަ ކޮފީ ބޯން ފެށީ ތިމަންނައެވެ. އެހެން މީހުން މި ކޮފީގެ އަވައިގައި ޖެހުނީ އަދި މާފަހުންނެވެ. ރަޙުމަތްތެރިޔާ ހަމަޖެހިލާފައި ބުނެލި އެވެ. އެހެންވިއްޔާ ތި ވާހަކަ އަވަހަށް ފަށާށެވެ. ކޮފީއެއްގަ ތިބެގެން ކޮފީގެ ކަންތައް ފެށުނު ގޮތުގެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެވެ.

އެއީ ޒުވާން ދުވަސްވަރެވެ. މި ރަށުގައި އޭރު "ކުޑަދޫ" ކިޔާ ބައްތެއްޔެއް އޮވެ އެވެ. ދަތުރަށްވެ، މާލެ ފުރަންވުމުން އެންގީ މާލެ ދާއިރު ނޫމަރާއަށް ދިއުމަށެވެ. އޭރު އެއީ އާންމުން ދިއުން މަނާ ސިޔާސީ ކުށްވެރިން އަރުވާލާ ރަށެކެވެ. އެހެންކަމުން ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ޖެހުނީކަން އެނގުނެވެ.

ނޫމަރާއިން ބައްތެއްޔަށް އެރުވީ އަބްދުލް މަޖީދު މާހިރު އެވެ. އެ ރަށުގައި އަރުވާލައިފައި ހުރުމަށްފަހު މާލެ ދާން ޖެހިގެންނެވެ. އެ ބޭފުޅާ ބޭނުންފުޅުވެލެއްވީ ބައްތެލީގެ ކޮޅުފަސްކޮޅުގައި ގޮނޑިއެއް ބަހައްޓާ އެ ގޮނޑީގައި އިށީންނެވުމަށެވެ. އޮޑީގެ އެންމެންނާވެސް ވާހަކަ ދައްކަވާ ހައްދަވަ އެވެ.

އިރުއިރުކޮޅާ ފެންހޫނު ކޮށްދޭން ޖެހެ އެވެ. އަތްޕުޅުގައި އޮތް ކުޑަ ދަޅަކުން ކަޅުކުލައިގައި ހުރި އެއްޗެއް އަޅައިގެން ހިއްޕަވަ އެވެ. ރަޙުމަތްތެރިޔާ ގާތުވެސް މީން އެތިފޮދެއް ބޯށޭ ވިދާޅުވެ އެވެ. އެއްގޮތަކަށް ވެސް ރަހުމަތްތެރިޔާއަކަށް ނުދިރެ އެވެ. ރަޙުމަތްތެރިޔާ ބުނެ އެވެ. "މީ އަނދާފައި ހުރި އެއްޗެއް، މީގައި ދެނީ ހިތި ރަހައޭ. އަހަރުމެންނަކަށް ބޯކަށް ނުކެރޭނޭ"

މޫސުން ރީތި ވައިމަޑު ދުވަހެކެވެ. ދެރިޔަލަށް ތިންރިޔަލަށް ވައިވަރު ރަނގަޅެވެ. ނަލަކޮށް ފެންކަފާފައި ދުވެ އެވެ. އަބްދުލް މަޖީދު މާހިރު ދޭތެރެދޭތެރެއިން އޭގެ ތައްޓެއް ހިއްޕަވަ އެވެ. ދަތުރު ކުރަމުން ގޮސް، ހޫނު ފެނަށް އަޅުއްވާ ދަޅު ފުރަތަމަ ހުސްވީ ކަގި ކަނޑަށެވެ. ހުސްވުމާއެކު ދަޅު ކަނޑަށް އެއްލާލެއްވި އެވެ. ހަމަ އެއްލާ ލެއްވުމާއެކު، "ތިޔަ ކުރެއްވީ ކީއްހޭ، ކޮންފަދަ ރަނގަޅު ދަޅެއްހޭ ތިޔަ އެއްލަވާ ލެއްވީ ތިޔަ ދަޅު ވާނީ ނަގާށޭ" މާލިމީ ގާތު ބުނެގެން ވަގުތުން އޮޑި އަނބުރާލައިފި އެވެ. މަޑުމަޑުން ދަޅާ ކައިރިކޮށް ދަޅު ނަގައިފި އެވެ.

ދަޅު ނެގުމުން ކަންތައް ދިޔައީ ގޯހުން ގޯހަށެވެ. ބައްތެލީގައި ތިބި އެންމެން ދަޅު ބޭނުން ވެއްޖެ އެވެ. ދަޅާމެދު ދެބަސްވުން އުފެދި ހަމަ ނުޖެހުން އުފެދިއްޖެ އެވެ. ތަޅާފޮޅުމަކަށް ދިޔުމުގެ ކުރިން ގޮތަކަށް ފާސްވެއްޖެ އެވެ. އެއީ ދަޅު ނީލަން ކިޔާށެވެ. އޭރުން ބޭނުން މީހަކު ނަގައިފާނެ ތާ އެވެ.

ކޮންމެއަކަސް އެންމެ ފަހުން މިގޮތަށް އެއްބަސްވެ ނީލަން ކިޔެވެ. ނީލަން ނިމުނީ ހަނދާން ވާ ގޮތުން ދޮޅު ރުފިޔާ އަށެވެ. ހީކުރި ވަރަށްވުރެ މައްޗަށް އަގު އެރި ނަމަވެސް ލޯމަރާ ލާފައި، ދަޅު ނީލަމުން ނެގީ ރަޙުމަތްތެރިޔާ، ނޫވިލު އިބުރާހިމް ރަޝާދެވެ. އަބްދުލް މަޖީދު މާހިރު ބަހަކުން ބަހެއް ވިދާޅުނުވެ ބައްލަވަން އިންނަވަ އެވެ.

ދުއްވާފައި ދިޔަ ބޮޑު ބައްތެއްޔެއް އަނބުރާލާ, މާކަނޑަށް އެއްލާލި ކުޑަކުޑަ ހުސްދަޅެއް ނަގަން އުޅުމަކީ މިއަދުގެ ޖީލަށް ހައިރާން ކުރުވަނިވި ކަމަކަށް ވިޔަސް އެ ދުވަހު އެއީ އަގުބޮޑު އެއްޗެކެވެ. މީހަކު ބިޑިދަޅެއް ހަދަންވިޔަސް އަދި އަގުބޮޑު ގަހަނާއެއް ލާންވިޔަސް ދަޅުފަދަ އެއްޗިއްސަކީ ގަންނަން ލިބޭ އެއްޗެއް ނޫނެވެ.

އޭގެ އެތައް އަހަރެއް ފަހުން ރަޙުމަތްތެރިޔާ ގުރޫޕެއް ހަދައިގެން ރިސޯޓުތަކަށް މަސައްކަތު ދިޔަ އެވެ. ކަގި ކަނޑުގައި ނީލަން ކީ އެކިވަރުގެ އެކި ސައިޒުގެ ދަޅުތައް އެތަނުގައި ހުއްޓެވެ. އިސާހިތަކު އެ ދަޅުގައި ހުރި އެއްޗެހީގެ ހިތިކަންފިލައި ގޮސް މޮޅު ބުއިމަކަށް ވި އެވެ. އެ ބޭފުޅާ އެވަރަކަށް ހިއްޕެވީ ކީއްވެގެންކަން އެނގުނެވެ. އަދި އެ އެއްޗަކީ ކޮފީކަމާއި ކޮފީއަކީ ކޮންޗެއްކަން ވެސް އެނގުނެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރަޙުމަތްތެރިޔާގެ ގޭގައި ހުސްނުކޮށް ކޮފީ ގެންގުޅެ އެވެ. މަހަށް ފަރަށް ދިޔަޔަސް ކޮފީ ދަޅެއް ނުގެންގޮހެއް ނުވެ އެވެ. މި ރަށުގައި ރަޙުމަތްތެރިޔާ ކޮފީ ބޯންފެށި އިރަކު އެހެން މީހުންނެއް އަދި ކޮފީ ބޯކަށް ނުފަށަ އެވެ. "މިއަދު ރަށުގެ އެކި ދިމަދިމާގައި ކެފޭ އާއި ހަޓުތަކާ ހަދައިގެން ކޮފީ ތިބޮނީ އަހަރުމެން މެދު ނުކެނޑި ކޮފީބޯތާ ފަންސާހަށްވުރެ ގިނަ އަހަރު ވީ ފަހުންނެވެ.”

މާލެ ދަތުރުކުރި ފަހަރަކު ސަރުކާރުގެ އޮފީހަކަށް ދިޔައިރު އެތަނުގައި އަބްދުލްމަޖީދު އިންނެވި އެވެ. ހަމަ ފެނުމާއެކު ގޮވާލައިފައި ގެނެސް ތީ ކޮފީ ދަޅު ނީލަންކީ މީހުން ދޯ އެވެ، ވިދާޅުވެ ހިނިފުޅުވަޑުވާލެއްވި އެވެ. ކުރަން ދިޔަ ކަންތައްތައް ފަސޭހަކަމާއެކު ކޮށްދެއްވި އެވެ.

ޒަމާނަށް އައި ތަރައްގީއާއެކު މިއަދު ކޮފީ ނޭނގޭ މީހަކު ނެތެވެ. މީހަކަށް ގުޅާލިޔަސް ކޮފީއެކެވެ. ފިނި ކޮށްލަން ނުކުތަސް ކޮފީ އެކެވެ. މީހަކަށް ގޮވާލިއަސް ކޮފީ އެކެވެ. ކަމަކާ ހިޔާލު ބަދަލު ކޮށްލިއަސް ކޮފީ އެކެވެ. މި ލިޔުން ކިޔާއިރުވެސް ކޮފީއެކެވެ. އެކަމަކު އެ ދުވަހު ބޭނުންވީ ކޮފީއެއް ނޫނެވެ. ބޭނުންވީ ކޮފީ ހުސްކުރި ދަޅެވެ. ކޮފީ އަށްވުރެ ބޭނުން ބޮޑުވީ ދަޅެވެ.