މި އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ތަމްސީލުކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ،
މި އަހަރުގެ އޭއެފްސީ ކަޕްގެ ގުރު ނަގައި، ގުރޫޕް ސްޓޭޖުގެ ޝެޑިއުލް ވަނީ ފައިނަލްކޮށްފައެވެ. ދެކުނު އޭޝިއާގެ ކްލަބުތައް ހިމެނޭ ގުރޫޕް ޑީގައި މާޒިޔާ އާއި ބަޝުންދުރާ އިތުރުން ދެން އޮތީ އިންޑިއާގެ ސުޕަ ލީގުގެ ދެ ކްލަބު ކަމަށްވާ އޮޑިޝާ އެފްސީ އާއި މޯހަން ބަގާން ސުޕަ ޖަޔަންޓްސްއެވެ.
މި ގުރޫޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބަޝުންދުރާ ދެކޮޅަށް ނުކުންނައިރު، މި ދެ ޓީމު ވަނީ މި މުބާރާތުގައި މިހާތަނަށް ދެ ފަހަރު ބައްދަލުކޮށްފައެވެ. އެ ދެ މެޗު ވެސް ކާމިޔާބުކުރީ ބަޝުންދުރާއެވެ.
ފާއިތުވި ތިން ސީޒަންގައި ވެސް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި މާޒިޔާ މުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ރަށުން ބޭރުގައި ކުޅޭނީ މޯހަން ބަގާންއާ ދެކޮޅަށެެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި މޯހަން ބަގާން ވަނީ އަމިއްލަ ދަނޑުގައި މާޒިޔާ ބަލިކޮށްފައެވެ.
މާޒިޔާ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކުޅޭ ތިން ވަނަ މެޗު ވެސް އޮތީ ރަށުން ބޭރުގައެވެ. އެއީ އޭއެފްސީ ކަޕްގައި އަލަށް ވާދަކުރާ އޮޑިޝާއާ ދެކޮޅަށެވެ.
ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އޮޑިޝާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުމަށް ފަހު، މާޒިޔާ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބަޝުންދުރާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭނެެއެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ މޯހަން ބަގާންއާ ދެކޮޅަށެވެ.
އޭއެފްސީ ކަޕަށް ޓީމުގެ ވަރުގަދަކުރުމުގެ ގޮތުން މާޒިޔާ އިން ވަނީ ސީޒަން ފެށިއިރު އެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ތެރެއިން މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ފޮނުވާލައި، މުޅިން އާ ފަސް ކުޅުންތެރިން ގެނެސްފައެވެ. އެއީ ސާބިއާގެ މިޑްފީލްޑަރަކާއި ފޯވަޑަކާއި ގާނާގެ މިޑްފީލްޑަރެއް އަދި ޖަޕާންގެ އެޓޭކިން މިޑްފީލްޑަރެކެވެ.
Comment