Advertisement

ނޭމާގެ ޓީމު މުމްބާއީއާ އެއް ގްރޫޕަކަށް: އޭނާ އިންޑިއާގައި ކުޅޭނެ

24 އޮގަސްޓު 2023 - 15:04 0

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ނޭމާގެ ޓީމު މުމްބާއީއާ އެއް ގްރޫޕަކަށް: އޭނާ އިންޑިއާގައި ކުޅޭނެ

24 އޮގަސްޓު 2023 - 15:04 0

ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލްގެ ނޭމާ މިހާރު ކުޅޭ ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އާއި އިންޑިއާގެ މުމްބާސީ ސިޓީ އެފްސީ، އޭއެފްސީ ޗެމްޕިއަންސް ލީގުގައި އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

މާނައަކީ، ފުޓްބޯޅައިގެ މި ޖީލުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާގެ ކުޅުން އިންޑިއާ ސަޕޯޓަރުންނަށް ވާދަވެރި މެޗަކުން ހަމަލޮލުން ފެނުމެވެ. މި ދެ ޓީމުގެ އިތުރުން ގްރޫޕް ޑީ ގައި ދެން ހިމެނެނީ އީރާނުގެ ނަސާޖީ މަޒަންދަރަން އާއި އުޒްބެކިސްތާނުގެ ނަވްބަހޯރް އެވެ.

އަލް ހިލާލް އިން މުމްބާއީ ސިޓީއާ ދެކޮޅަށް އިންޑިއާގެ ވިޔަފާރި އާއި ފިލްމުގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި މެޗު ކުޅޭނެ ތާރީހެއް އަދި ނޭގެ އެވެ.

މުމްބާއީ ސިޓީ އަކީ، ޔޫރަޕުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިންގާ އަބޫ ދާބީގެ ސިޓީ ފުޓްބޯލް ގްރޫޕް ހިއްސާވާ ކްލަބެކެވެ. މައިނޯރިޓީ ހިއްސާދާރުންގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރު ވެސް ހިމެނެ އެވެ.

ސްޕެއިނުގެ ބާސެލޯނާ އިން 2017 ވަނަ އަހަރު 222 މިލިއަން ޔޫރޯ އަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެ ފުޓްބޯޅައިގެ ޓްރާންސްފާ ރެކޯޑެއް ހެދި ނޭމާ އަށް އެ ކްލަބުގައި އަނިޔާގެ ސަބަބުން އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އޭނާ ސައޫދީ ޓީމަށް ބަދަލުވީ ދާދި ފަހުންނެވެ.

މަޝްހޫރު އެތައް ކުޅުންތެރިން ބޮޑު އަގުގައި ގަތުމުގެ ސިލްސިލާއެއް ފަށާފައިވާ ސައުދީގެ ކްލަބްތަކުގެ ތެރެއިން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އައް ނަސްރު، ޗެމްޕިއަންސް ލީގުގައި ހިމެނެނީ އީރާނުގެ ޕެސެޕޮލިސް އާއި ގަތަރުގެ އައް ޑުހެއިލް އަދި ތަޖިކިސްތާނުގެ އެފްސީ އިސްތިކްލޯލްއާ އެއް ގްރޫޕެއްގަ އެވެ. ފްރާންސްގެ ކަރިމް ބެންޒެމާގެ ކުޅޭ އައް އިއްތިހާދު ހިމެނެނީ އީރާނުގެ ސެޕަހަން އާއި އިރާގުގެ އަލް ގުވާ އަލް ޖަވިޔާ އާއި އުޒްބެކިސްތާނުގެ އޭޖީއެމްކޭއާ އެއް ގްރޫޕެއްގަ އެވެ.

އޭޝިއާގެ އެންމެ މަތީ ފަންތީގެ ކްލަބްތައް ވާދަކުރާ ޗެމްޕިއަންސް ލީގުން މުމްބާއީ ސިޓީގެ އިތުރުން ޖާގަ ލިބުނު ދެކުނު އޭޝިއާގެ ހަމައެކަނި ކްލަބަކީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ޓީމު ވަނީ ވެސްޓް ރީޖަންގެ ޕްރިލިމިނަރީ ބުރުން ޔޫއޭއީގެ ޝަރްޖާ އަތުން ބަލިވެ ގްރޫޕް ސްޓޭޖަށް ނުހޮވި ކަޓައިފަ އެވެ.

ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ލިބެނީ އޭއެފްސީގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުންނެވެ. އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބްތަކުން ކުރިން ހޯދަމުން އައި ކާމިޔާބީތައް އެގޮތުގައި ހިފެހެއްޓުނު ނަމަ ރާއްޖެ އަށް ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުން ފުރުސަތު އޮތީހެވެ.

ކްރިކެޓަށް މަރުދޭ އިންޑިއާގައި، ފުޓްބޯޅައިގެ ސުޕަ ލީގެއް މީގެ އަހަރުތަކެއް ކުރިން ފެށުމާ އެކު ފުޓްބޯޅައިގެ ފޯރިވަނީ ގަދަވެފަ އެވެ. އެގޮތުން މަޝްހޫރު ބައެއް ތަރިން ރިޓަޔާމަންޓް އުމުރުގައި ސުޕަ ލީގުގައި ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ރޮބާޓޯ ކާލޯސް އާއި އިޓަލީގެ އަލެސަންދްރޯ ނެސްޓާ އާއި އަލެސަންދްރޯ ޑެލް ޕިއޭރޯ އާއި ފްރާންސްގެ ޑޭވިޑް ޓްރެޒެގޭ އަދި ރޮބާޓޯ ޕިރޭޒް ހިމެނެ އެވެ.

އިންޑިއާ އަކީ ފުޓްބޯޅައިގައި އޭޝިއާގެ ކުރީގެ ގަދަބާރެކެވެ. އެގޮތުން އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ދެ ފަހަރު ރަން މެޑެލް ހޯދި އެވެ. އޭޝިއަން ކަޕުގެ ދެ ވަނަ މަގާމް އެއް ފަހަރު އަދި އޮލިމްޕިކްސް ފުޓްބޯޅައިން ސެމީ ފައިނަލަށް އެއް ފަހަރު ދިޔަ އެވެ. އަދި 1950 ވަނަ އަހަރުގެ ވޯލްޑް ކަޕުން ވެސް ޖާގަ ޖޯދި އެވެ. ނަމަވެސް އޭގެ ބޭނުމެއް ނުހިފަ އެވެ.

ނޭމާ އަކީ ޕެލޭ އަށް ފަހު އެ ގައުމުގައި ކުޅޭނެ ބްރެޒިލްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިޔާ އެވެ. ޕެލޭ އެ ގައުމުގައި މެޗެއް ކުޅުނީ 1977 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯލް ކޮސްމޯސްއާ އެކު އެވެ. ކަލްކަތާގެ އީޑަން ގާޑަންސްގައި މޯހަން ބަގާން އާ ދެކޮޅަށް ކުޅުނު އެ މެޗު 2-2 އިން އެއްވަރުވީ އެވެ.