Advertisement

ބޭރު ސިފައިން އަރާ ފުރިފަ އޮތްކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގު ވާހަކައެއް: ރައީސް

24 އޮގަސްޓު 2023 - 10:53 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް ސޯލިހު ކެމްޕޭން ޖަލްސާއެއްްގައި ވާހަކަ ދައްކަވަނީ؛ ނގުރައިދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭކަމަށް ދައްކަނީ ދޮގު ވާހަކައެއް ކަމަށް -- ފޮޓޯ: އިޔާން/އަދަދު


ބޭރު ސިފައިން އަރާ ފުރިފަ އޮތްކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގު ވާހަކައެއް: ރައީސް

24 އޮގަސްޓު 2023 - 10:53 0

ރާއްޖޭގައި ބޭރު ސިފައިން ތިބޭ ކަމަށް ދައްކާ ވާހަކަތަކަކީ "ބުހުތާނު ދޮގެއް" ކަމަށާއި ދިވެހިންގެ ދާހިލީ ކަންކަމަށް ބޭރުގެ އެއްވެސް ބަޔަކަށް ބަސް ނުކިޔޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުގައި އެއަތޮޅު އިނގުރައިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބައެއް ކެންޑިޑޭޓުން ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން، ރާއްޖޭގައި ގިނަ އަދަދަކަށް ބޭރު ސިފައިން ގާއިމްވެ ތިބޭކަމަށް ބުނަމުން ދާކަމަށެވެ.

"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާއިރު އެބަ ވިދާޅުވޭ ތިމަންނަ އަރާއިރުގަ ބޭރު ގައުމެއްގެ ސިފައިން އަރާ ފުރިފައޭ އެރަށުގައި އޮންނަނީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ އެކަހަލަ ވާހަކަ ދެއްކެވުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބޭ ބަޔަކު އެކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާވަރު ކަމެއްނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި، ރާއްޖެއިން ނިންމާ ނިންމުމަކަށް ބަސް ކިޔޭނެ އެހެން ގައުމެއް ނޯންނާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ގުޅުންތަކާ ވަކިވެގަތުމަކީ "ގައުމިއްޔަތުގެ" ގޮތުގައި ބައެއް ސިޔާސީ ވެރިން މީގެ ކުރިން އަދި މިހާރުވެސް ވާހަކަ ދައްކާ ކަމަށާއި އެމީހުން ގެންގުޅެމުން އައީ މުޅިން އެކަހެރިވުމުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުތަކުގެ ވިސްނުން ހުރީ މުޅިން ތަފާތުކޮށް. ގައުމިއްޔަތުގެ ނަމުގައި އެކަން ރައްޔިތުންނަށް ވިސްނައިދީ މުޅިން އެކަހެރިވެ ގައުމު ހިންގުމުގެ ސިޔާސަތެއް އެބޭފުޅުން ގެންގުޅުއްވި. މިއީ ބައެއް ވެރިން ކަންކުރަމުން ދާ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެމެރިކާއިން ރާއްޖޭގައި އެމްބަސީއެއް ގާއިމްކުރުމަށް ތައްޔާރުވަމުން އަންނަކަން އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވީ، ބޭރުގެ ގައުމުތަކުގެ އިތުބާރު ރާއްޖެއަށް ލިބިއްޖެ ކަމަށެވެ. އަދި އެއިން އެއްވެސް ކަމަކަށް ބަދަލު އަތުވެއްޖެ ނަމަ އެތަކެއް ގެއްލުމެއް ރާއްޖެއަށް ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމަކަށް ބަދަލު އަތުވެއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ލިބެން ހުރި ގްރާންޓް އެއިޑާ ލޯނު އެހީއާ އެއްޗިއްސައް ބުރޫ އަރާނެ. އަޅުގަނޑުމެންގެ ސިޔާސަތުތަކަކީ މިއިން ކޮންމެ ކަމަކާ ގުޅި ލާމެހިފައިވާކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން އެތައް ކުރިއެރުމެއް ރާއްޖެއަށް ލިބިފައިވާކަމަށެވެ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ އ.ދ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުނު ކަމެވެ.

"އ. ދ ގެ އާންމު މަޖިލީހުގެ ރިޔާސަތު އަޅުގަނޑުމެން ބަލަހައްޓައިފިން. މިއީ ކުރިއަށް އޮތް 100 އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ދެން ރާއްޖެއަށް ނުލިބޭނެ ފަދަ ފުރުސަތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަކީ ކުދި ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ.