24 އޮގަސްޓު 2023 - 10:10 1
މުހައްމަދު ނަސީމް
ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
24 އޮގަސްޓު 2023 - 10:10 1
ރާއްޖޭގެ މައި ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމުން ފުރައްސާރަކުރާތީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސީދާ ގޮތެއްގައި ހިތާމަފާޅުކުރައްވައިފި އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ޖުމްހޫރީ ޕާޓީން ރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގަައި ވާހަކަ ދައްކަވަން ފެށްޓަވަމުން ވަހީދު ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ބައެއް ބޭފުޅުން ގަބޫލުނުކުރައްވައިފާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައްކަވާ ވާހަަކަފުޅު ގަބޫލުނުކުރާ މީހުން ނުކުރާ ސަބަބަކީ އެ ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނު ކަމަށް ވާތީ އެވެ.
"އަޅުގަނޑު ދައްކާ ވާހަކަ ބައެއް ބޭފުޅުން ގަބޫލުނުކުރެއްވުމަކީ އެކަށީގެންވާ ކަމެއް. އެއީ އަޅުގަނޑުވީމާ. މިހާރު އަޅުގަނޑަަށް އެކި ނަންނަން ކިޔާކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދިވެހިރާއްޖޭގައި އޮތް ބޮޑު ދެ ސިޔާސީ ޕާޓީގެ ފަރާތުން. އެއް ޕާޓީން އަޅުގަނޑަށް ކަޅު ކާޅު. އަނެއް ޕާޓީން ބާޒު، މިކަހަލަ ނަންނަން ކިޔަމުން އެ ގެންދަނީ،" އަސަރާ އެކު ވަހީދު ވިދާޅުވި އެވެ.
ކުރިމަތިލެއްވި ހުރިހާ ކަމަކާ ވެސް ކުރިމަތިލެއްވީ ހެޔޮނިޔަތުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ދެން ވިދާޅުވެ ދެއްވީ ޕީއެޗްޑީ ހާސިލުކުރައްވައިގެން މީގެ 37 އަހަރު ކުރިން ރާއްޖެއަށް ވަޑައިގެންނެވީއްސުރެ މިހައިތަނަށް ސިޔާސީ މައިދާނުގައި ކުރެއްވި އެކި މަސައްކަތްތަކެވެ. އެހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަންވަން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދިފާއުގައި އަޅުގަނޑު ދަންނަވައިލަން އޮތީ ހަމަ އެކަނި، އަޅުގަނޑު އެއްވެސް ކަމަކާ ކުރިމަތިލީ ހެޔޮހިތުންނޭ. ހެޔޮނިޔަތުގައޭ،" ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީ އުފެއްދި ދުވަސްވަރު އެޕާޓީގައި އިސްކޮށް ކުރެއްވި މަސައްކަތްޕުޅު ތަކުގެ ހަނދާން ވެސް އެމަނިކުފާނު އާކުރެއްވި އެވެ. "ވަރަށް އުނދަގޫކޮށް، އެޕާޓީން ބޭރުކޮށްލި" ކަމަށް ވިދާޅުވި ނަމަވެސް ވަހީދު އޭގެ ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.
"އެމްޑީޕީގެ ފުރަތަމަ މުޒާހަރާގައި، އެންމެ ކުރީގައި ހުރީ އަޅުގަނޑާ އިބްރާހީމް ހުސައިން ޒަކީއާ. ނަމަވެސް ކަން ދިމާވި ގޮތުން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫކޮށް. އަަޅުގަނޑުމެން އެ ޕާޓީން ވެސް ބޭރުކޮށްލީ،" ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމުން ކަންތައް ވީ ގޮތުގެ ހަނދާން އާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގައި އެކަން އެގޮތަށް އޮންނާތީ ކަމަށެވެ. އެކަމަކު އެ ފަހަރު "ބޮޑު ބާގީއަކަށް ހަދައި، މުޅި ރާއްޖޭގައި ގަން ހިންގި" ކަމަށް ވެސް ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ހަނދުމަފުޅު ހުންނާނެ. އަޅުގަނޑު އަރާހާ ރަށަކުން އަޅުގަނޑު ފަހަތުން ދުވެ، ކާޅު ކަތިލައި، މިހުރިހާ ސަކަރާތެއް ގަތް. އެހެންވީމާ އަޅުގަނޑު އެއްވެސް ކަމެއް ކުރި މީހަކަށް ވެސް ނުވޭ. އަޅުގަނޑު އައިސްލާފައި މިއީ ދިޔަ މީހެއް ދެން،" ވަހީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތް ހާލަތު ރައްޔިތުންނަށް އެނގޭނެ ކަމަށާއި ރާއްޖޭގެ ތާރީހުގައި އެފަދަ ހާލަތެއް ދުވަހަކު ވެސް ކުރިމަތިވެފައި ނުވާ ކަމަށް ވަހީދު ސިފަކުރެއްވި އެވެ. އެ ހާލަތުގައި ރާއްޖެ އޮއްވައި ހަވާލުވެ ވަޑައިގެން ކުރެއްވުނު ކަަމަށް ދެކެވަޑައިގަންނަވާ ބައެއް މަސައްކަތްތަކުގެ ހަނދާ ވެސް އާކުރެއްވި އެވެ.
ވަހީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކުރެއްވީ "ބާޒެއް" ހެން ކަމަށް ، ޕީއެންސީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ސިފަކުރައްވާފައި ވަނިކޮށެވެ. އޭގެ ކުރިން އެމަނިކުފާނަށް "ބާޣީ އާއި ކާޅު" ގެ ނަމުން މުހާތަބު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނެވެ.
Comment