ލީގުގެ މެޗެއްގެ ތެރެއިން އީގަލްސްގެ ފޭދޫ އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޕްލޭނިން މިނިސްޓްރީން ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދާ، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ގުރުނެގުމުގެ އިވެންޓަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗުތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުން މާޒިޔާ ކާމިޔާބުކުރީ ސަސްއާ ވާދަކޮށް 3-0 އިންނެވެ. އަދި ރޭ އީގަލްސް އިން ވަނީ 5-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މިއީ، ފުރަތަމަ ޑިވިޝަނުގައި ބުރު އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. މާޒިޔާ އަށް އަށް މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އަށް ވަނީ އަށް މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ސަސް، ތިން ވަނައިގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.
ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފަނަރަ ވަރަކަށް ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް އިއްޔެ ކުުޅުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ މޮޅުކޮށްދޭން ގޯލުތައް ޖަހައިދިނީ ފުރަތަމަ ހާފުގައި ޖޯސިޗް ބްރަނިމީރް އާއި ބަަލަބަނޮވިކް ވޮޖިސްލާވް އެވެ.
މެޗުގެ 70 ވަނަ މިނިޓްގައި މާޒިޔާ އިން ޖެހި ތިން ވަނަ ގޯލަކީ ސަސްގެ މުހައްމަދު ނިޒާމް (ޕީކޭ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ބަލަބަނޮވިޗްގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕީކޭ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ރޭ ބުރު ކޮޅަށް އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ ބްރެޒިލްގެ ފޯވާޑް، އިވާން ކާލޯސްގެ އިތުރުން ޓީމުގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އެވެ. އަދި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗު އޮންނާނެ އެވެ.
Comment