Advertisement

ރ.މީދޫ ޒުވާނުން ރައީސަށް ގޮވައިލީ އަނަސްގެ މަރަށް އިންސާފު ހޯދައިދޭން

23 އޮގަސްޓު 2023 - 19:23 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ެރައީސްް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރ.މީދުއަށް ވަޑައިގެންނެވި ވަގުތު އެރަށުގެ ޒުވާނުން މުޒާހަރާކުރަނީ


ރ.މީދޫ ޒުވާނުން ރައީސަށް ގޮވައިލީ އަނަސްގެ މަރަށް އިންސާފު ހޯދައިދޭން

23 އޮގަސްޓު 2023 - 19:23 0

ރ. މީދޫގެ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސް އަށް މާލޭގައި ގޭންގަކުން ހަމަލާދީ މަރައިލި މައްސަލާގައި އިންސާފު ހޯދައިދޭން ގޮވާލައި މީދޫ ޒުވާނުން މިއަދު އެއަޑު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިއްވައިފި އެވެ.

އަނަަސްގެ މަރަށް އިންސާފު ހޯދައިދޭން ގޮވާލައި މީދޫ ޒުވާނުން މިއަދު އަޑު އުފުލީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަަތުން ރައީސް މިއަދު އެރަށަށް ވަޑައިގެންނެވި ވަގުތުގަ އެވެ.

ރ.މީދުއަށް ފަހު ރައީސް މިއަދު ވަޑައިގެންނެވީ އެއަތޮޅު މަޑުއްވަރީ އަށެވެ. އެ ރަށުގައި އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި އެމްޑީޕީގެ އެ ދާއިރާ ރައީސް، އަދި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ، މީދޫގައި މުޒާހަރާ ކުރި ޒުވާނުންތަކަކާ ރައީސް މިއަދު ބައްދަލުކުރެއްވި ކަމަށާއި އެ ޒުވާނުންގެެ އަޑު އެއްސެވުމަށް ޓަކައި މީދޫން ފުރާވަޑައިގެންނެވުން އެމަނިކުފާނު ލަސްކުރެއްވި ކަމަށެވެ.

ރ.،މީދޫ މުހައްމަދު އަނަސް. އޭނާ މަރައިލި މައްސަލާފައި އިންސާފު ހޯދަން ގޮވާލައި މީދޫ ޒުވާނުން މިއަދު މުޒާހަރާކުރި.


"މިއަދުވެސް މީދޫގައި އޮތް އެންމެ ބޮޑު ޒުވާނުންގެ ކަންބޮޑުވުމަކީ އަނަސްއަށް އިންސާފު ހޯދުމުގެ މައްސަލަ. މިރަށަށް ވަޑައިގަތުން ފަސްކޮށްލައްވާފައި އެ އަޑު އެއްސެވުމަށް ރައީސް ހޭދަކުރެއްވި ކަމަށްޓަކާ ރައީސްއަށް އަޅުގަނޑާ ދާއިރާގެ އެންމެންގެ ނަމުގާ، ހާއްސަ ގޮތެއްގައި ޒުވާނުންގެ ނަމުގައި ޝުކުރު ދަންނަވަން," މޫކޭ ވިދާޅުވި އެވެ.

އަނަސްގެ މަރާލި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ނިންމާލާފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ. ދެން އޮތީ އެ މައްސަލާގައި ހުކުމްކުރުމެވެ.

އަނަސް މަރައިލީ ޖުލައި 31، 2017 ގަ އެވެ. އެ މައްސަލާގާއި މީހަކު މަރައިލުމުގެ ކުށުގެ ދައުވާ ކުޑަކުއްޖެއްގެ މައްޗަށް އުފުލައި، ހަތް މީހެއްގެ މައްޗަށް ވަނީ މީހަކު މެރުމާއި މާރާމާރީގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.

އަނަސް މަރާލީ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އެ މަންޒަރުގެ ވީޑިއޯ ކުރިން އާންމުވެފައިވެ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ވަޅި ހިފައިގެން ތިބި ގްރޫޕެއް އައުމުން މަގުމަތީގައި ހުރި އަނަސް ދުވެފައި ބިރުން ވަންނަނީ ގަރާޖަށެވެ. ގޭންގު މެމްބަރުން އައިސް ގަރާޖު ތެރެއަށް ވަދެ ފަހަރަކު މީހަކު އަނަސް ގަޔަށް ވަޅި ހަރަމުންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނުނެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

އަނަސްއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާ ކޮށްފައިވާ ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.