Advertisement

ގާސިމް ވިދާޅުވަނީ ނަހުލާ މަގާމުން ވަކިކުރިޔަސް ނުވަތަ އިސްތިއުފާ ދިނަސް މައްސަލައެއް ނެތް ކަމަށް

23 އޮގަސްޓު 2023 - 17:39 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގާސިމް އިބްރާހިމް އަދި އޭނާގެ އަނބިކަނބަލުން އައިޝަތު ނަހުލާ. ގާސިމްގެ ކެމްޕޭނުގައި އުޅުއްވަމުން ވެސް ނަހުލާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ނުވޭ --- ފޮޓޯ: ޖޭޕީ


ގާސިމް ވިދާޅުވަނީ ނަހުލާ މަގާމުން ވަކިކުރިޔަސް ނުވަތަ އިސްތިއުފާ ދިނަސް މައްސަލައެއް ނެތް ކަމަށް

23 އޮގަސްޓު 2023 - 17:39 3

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމު ފުރުއްވާ އައިޝަތު ނަހުލާ މަގާމުން ވަކިކުރިޔަސް ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާގެ ފިރިކަލުން އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދެހާސް އަށާވަރަ ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީ އިސްވެ އޮތް ކޯލިޝަނުން ކާމިޔާބުކުރިއިރު ޖޭޕީއަކީ މުހިންމު ބައިވެރިޔެކެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކެބިނެޓު ވަޒީރެއްގެ ގޮތުގައި ނަހުލާ އައްޔަން ކުރެއްވިއިރު މިހާތަނަށް ވެސް ހުންނެވީ އެ މަގާމުގަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ރައީސް ވާދަކުރައްވާއިރު ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ގާސިމް އެވެ. އިންތިހާބަށް އެންމެ 17 ދުވަހަށް ވެފައިވާއިރު ނަހުލާ ގެންދަވަނީ އަމަލީ ގޮތުން ގާސިމްގެ ކެމްޕޭނުގައި ހަރަކާތްތެރިވަމުންނެވެ. ވާދަވެރި ކެންޑިޑޭޓެއްގެ ކެބިނެޓު މަގާމުން އިސްތިއުފާ ނުދީ ނަހުލާ ކެމްޕޭނުގައި އުޅުއްވާތީ އޭނާއަށް ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ގާސިމްގެ އަންހެނުން މިހާރު ވެސް ޓްރާންސްޕޯޓު މިނިސްޓަރޭ, އައިޝާ. ޓްރާންސްޕޯޓު މިނިސްޓަރު ކަމުން, އަޅުގަނޑުމެން މި ވެރިކަން ގެނައީ. މިހާރު ވެސް ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި އެ ހުންނަވަނީ. ގާނޫނާ ހިލާފަށް ކަމެއް އެންގިޔަސް އޭނަ ނުކުރާނެ," މިއަދު ލަންދޫގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެފަދަ ކަމެއް ނަހުލާ ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި ކަށަވަރުކަން އޭނާއަށް އޮތް ކަމަށެވެ.

"އެހެންވީމާ އޭނާ ހުންނާނެ ދުވަހަކު އޭނާ ހުރެފައި އޭނާ ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވީމާ ވަކިވެވަޑައިގަންނަވަންވީ. ނޫނީ ރައީސުލްޖުމްހޫރިއްޔާ ކަނޑާލާނެއެއްނު ދޯ. އެ ނިމުނީނު. ކޮންމެހެން މާ ބޮޑު މައްސަލައެއް އޮތީކީ ނޫން. ބެހެއްޓިޔަސް ނުބެހެއްޓިޔަސް," ގާސިމް ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ނަހުލާ ވަކިކުރާނަމަ ކުރަންވީ ކަމަށާއި އެކަމަކާ އެއްވެސް ވަރަކަށް ނުބެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަހުލާ ސިޔާސީ މައިދާނަށް ނުކުތީ 2018 ގެ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިންނެވެ. ރައީސް ސޯލިހަށް ތާއިދު ހޯއްދެވުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްތަކަށް ދަތުރުކޮށް ކެމްޕޭން ކުރެއްވި އެވެ. އެކަމަށް އިޝާރާތްކޮށް ވެސް ގާސިމް މިއަދު ވާހަކަ ދެއްކެވި އެވެ.

"ކުޑަކުޑަ ކުދިންކޮޅު ދޫކޮށްލާފައި އޭނާ [ރައީސް ސޯލިހު] ހޮވަން ސަލާން ޖަހައިގެން މަގުމަތީގައި ދިޔައީ. ޓްރާންސްޕޯޓު މިނިސްޓްރީ ހަދާފައި ހަވާލުކުރީ އޮނިގަނޑު. އެތަނާ ހަވާލުކޮށްފައި ހުރި މަސައްކަތްތަކާއި ހުރިހާ އެއްޗެއް ކޮށައި ކުދިކޮށްފައި އޮނިގަނޑު އެބަ ހުރި ޓްރާންސްޕޯޓު މިނިސްޓްރީގައި," ރައީސަށް ނުރުހުން އަމާޒުކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރިއާ ހަވާލުކޮށްފައި ވަނީ ކުޑަކުޑަ މެންޑޭޓެއް ކަމަށާއި އަދި ބޮޑު މަސްއޫލިއްޔަތެއް ހަވާލުނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ވާހަކަތައް ނުދައްކަވަނީ ފަސް އަހަރުގެ ދައުރެއް ސަރުކާރަކަށް ލިބޭއިރު ރައްޔިތުންގެ މެދުގައި ހަމަޖެހުން ބާއްވަން ބޭނުންވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.