Advertisement

ޔާމީން ދޫކުރެވޭކަށް ނެތް، ޑިއު ޕްރޮސެސްއަށް ޖާގަ ދޭންޖެހޭ: ރައީސް

23 އޮގަސްޓު 2023 - 11:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. ކުޑަރިކިލުގައި : ވިދާޅުވީ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ލީމަ ކޯޓުތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދުލެއްނުކުރާނެ ކަމަށް - ފޮޓޯ: އެމްޑީޕީ


ޔާމީން ދޫކުރެވޭކަށް ނެތް، ޑިއު ޕްރޮސެސްއަށް ޖާގަ ދޭންޖެހޭ: ރައީސް

23 އޮގަސްޓު 2023 - 11:16 0

ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން އިދިކޮޅުން ގޮވާލި ނަމަވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން އެކަން ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނުގައި ބ. ކުޑަރިކިލަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، ޔާމީން ޖަލުގައި ހުންނެވީ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ލައިގެން ކަމަށާއި އެ ކުށް ބެލުމަށްފަހު ކޯޓުން ހުކުމެއް ކުރުމުން އެއަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ.

"ދައުލަތަށް ލިބެން ހުރި ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަކަށް ލީމަ ފައިސާއެއްވެސް ނުހުންނާނެ، ދެން އެކަންތައްތައް ބަލާފަ ކޯޓުން ނިންމީމަ މި ބުނަނީ ދޫކޮށްލާށޭ، ކިހިނެއްތޯ އެކަން ކުރަނީ އަޅުގަނޑުމެން، ކޯޓުތައް މިނިވަންކަމާއެކު މަސައްކަތް ކުރަނީ، އެބޭފުޅުންގެ ޕްރޮސެސްއަށް އަޅުގަނޑުމެން ޖާގަ ދޭންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ނިޔަތެއް އެމަނިކުފާނުގެ ެނެތް ކަމަށާއި އެ ނިޒާމު މިނިވަންކަމާ އެކު ހިނގުމަކީ ހެޔޮވެރިކަމެއްގެ އެއް ސިފަ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައިވެސް ޝަރުއީ ދާއިރާ ހިނގާނީ މިނިވަންކަމާއެކުގަ، ވެރިޔަކަށް ހުންނަ މީހަކަށް ހުރޭ ވަރަށް ބައިވަރު ބާރުތައް ލިބިފަ، ވެރިޔަކަށް ހުންނަ މީހަކު ބޭނުން ވެއްޖިއްޔާ ހަމައެކަނި ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު އެކަންޏެއް ނޫން ނެގޭނީ އަކީ،" ރައީސް ވިދާޅުވި އެވެ.

ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ޓިނު ނެގި ހާދިސާއަށް ފާޑުވިދާޅުވަމުން ރައީސް ވަނީ ބާރުގެ ބޭނުންކޮށްގެން ހުރިހާ ކޯޓެއްގެ ޓިނު ވެސް ނެގިދާނެ ނަމަވެސް އެމަނިކުފާނަކީ އެ ބާރު އެގޮތަށް ނާޖާއިޒު ގޮތުގައި ބޭނުންކުރާނެ ރައީސެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ބާރުގެ ބޭނުންކޮށްފި ނަމަ ގައުމު ވެއްޓޭނީ ބިރުވެރިކަމާއި ހަމަނުޖެހުމުގެ ތެރެއަށް ކަމަށާއި މި ވެރިކަމުގައި މި ފެންނަ ސުލްހަވެރިކަމާއި އަމާންކަމަކީ މި ސަރުކާރުން އެފަދައިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމުގެ ނަތީޖާކަަން ރައީސް ފާހަގަ ކުރެއްވި އެވެ.

އިދިކޮޅު ލީޑަރު ޔާމީނު މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށް ޖަލުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ހިފުމާއި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެގެންނެވެ.

ޔާމީނުގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އަޑުއެހުންތައް ދަނީ ކުރިއަށެވެ. ޕީޕީއެމުން ޓިކެޓު ދިން ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ ވެސް މި ހުކުމުގެ ސަބަބުންނެވެ. އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.