Advertisement

އަބަހާނީ ބަލިކޮށް މޯހަން ބަގާން މި ފަހަރު ވެސް މާޒިޔާ ގްރޫޕަށް

23 އޮގަސްޓު 2023 - 08:55 0


އަބަހާނީ ބަލިކޮށް މޯހަން ބަގާން މި ފަހަރު ވެސް މާޒިޔާ ގްރޫޕަށް

23 އޮގަސްޓު 2023 - 08:55 0

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ އަށް ކުޅުނު ޕްލޭއޮފް މެޗުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް 3-1 އިން ކުރިހޯދައި، އެ ޖާގަ އިންޑިއާ ސުޕަ ލީގުގެ ޓީމު، މޯހަން ބަގާން އިން ހޯދައިފި އެވެ.

މިދިޔަ ދެ ފަހަރު ވެސް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ކާމިޔާބުކުރީ މޯހަން ބަގާން އިންނެވެ. އެއީ، 2021 ވަނަ އަހަރު މާލޭގައި ސެންޓްރަލައިޒްކޮށް ބޭއްވި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަކާއި މިދިޔަ އަހަރު ކޮލްކަތާގައި ސެންޓްރަލައިޒްކޮށް ހޯސްޓްކުރި ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކުން ކުރިހޯދައިގެންނެވެ.

މި ފަހަރު މޯހަން ބަގާން ވާދަކުރާނީ އިންޑިއާގެ އޮޑީޝާ އާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

މޯހަން ބަގާން އިން އަބަހާނީ ބަލިކުރީ ފަހަތުން އަރަ އެވެ. މި މެޗުގައި އަބަހާނީ އަށް ލީޑުނަގައިދިނީ 17 ވަނަ މިނިޓްގައި ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް އެވެ. މޯހަން ބަގާން އިން ނަތީޖާ ހަމަހަމަކުރީ ޖޭސަން ކަމިންސް ޖެހި ޕެނަލްޓީންނެވެ.

މެޗުގެ 58 ވަަނަ މިނިޓްގައި އަބަހާނީގެ މިލާދު ޝެއިހް ސުލެމާނީ އަތުން ބައިކޮޅަށް ވަން ގޯލުން މޯހަން ބަގާން އިން ވަނީ ލީޑުނަގައިފަ އެވެ. އަދި މޯހަން ބަގާން އަށް މެޗުގެ މޮޅު ކަށަވަރުކޮށްދޭން ޕްރެޝަރު ކަނޑުވާލި ގޯލު ޖަހައިދިނީ އާމަންޑޯ ސަޑީކޫ އެވެ.

އަބަހާނީން ޕްލޭއޮފް މެޗަށް ދަތުރުކުރީ ރާއްޖޭގެ ކްލަބް އީގަލްސް އަތުން 2-1 އިން މޮޅުވެގެންނެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން ބުރަށް ފަހު، ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށަން ހަމަޖެހިފައިވަނީ، އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.