Advertisement

ތައިލޭންޑްގެ ކުރީގެ ބޮޑު ވަޒީރު ގައުމަށް އެނބުރި ވަޑައިގެންނެވުމާ އެކު ހައްޔަރުކޮށްފި

23 އޮގަސްޓު 2023 - 06:11 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޝިނަވަތްރާ ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވީ 2009 އިން ފެށިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ތައިލޭންޑްގެ ކުރީގެ ބޮޑު ވަޒީރު ގައުމަށް އެނބުރި ވަޑައިގެންނެވުމާ އެކު ހައްޔަރުކޮށްފި

23 އޮގަސްޓު 2023 - 06:11 0

ތައިލޭންޑްގެ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަތްރާ 15 އަހަރަށް ފަހު ގައުމަށް އެނބުރި ވަޑައިގެންނެވުމާ އެކު ހައްޔަރުކޮށްފި އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމަނިކުފާނު އެނބުރި ވަޑައިގެންނެވީ ކުރު މުއްދަތެއް ޖަލުގައި ހުންނަވަން ޖެހޭ ޑީލަކަށް އެއްބަސްވެވަޑައިގެންނެވެ.

ޕްރައިވެޓް ޖެޓުގައި އަންގާރަ ދުވަހު ބެންކޮކަށް ތިރިކުރިތާ މާ ގިނަ ގަޑިއިރުތަކެއް ނުވެ، ޝިނަވަތްރާގެ ފިޔު ތައި ޕާޓީގެ ސްރެއްތާ ތަވިސިން ބޮޑު ވަޒީރުކަމަށް ހޮވުނެވެ.

ފިޔު ތައިއިން ވަނީ 2014 ވަނަ އަހަރު އެ ޕާޓީގެ ސަރުކާރު ވައްޓާލުމުގެ ފަހަތުގައި އޮތް އަސްކަރީ ވާދަވެރިންނާ އެކު ކޯލިޝަން ހަދައިފަ އެވެ.

ޝިނަވަތްރާ ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވީ 2009 އިން ފެށިގެންނެވެ. އޭގެ ދެ އަހަރު ކުރިން އެމަނިކުފާނުގެ ސަރުކާރު ވެސް ވައްޓާލީ ބަގާވާތަކުންނެވެ.

ގައުމަށް އެނބުރި ވަޑައިގަންނަވަން ބޭނުންވި ނަމަވެސް، ޝިނަވަތްރާއާ ދެކޮޅަށް ޖިނާއީ ގިނަ މައްސަލަތަކެއް އޮތެވެ. އެކަމަކު އެއީ ސިޔާސީ މައްސަލަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.

އުމުރުން 74 އަހަރުގެ ޝިނަވަތްރާއަށް މަރުހަބާ ކިޔަން ސަޕޯޓަރުން އެއާޕޯޓު ކައިރިއަށް އެއްވި އިރު، އެ ތަނުން ވަގުތުން ދަތުރު ކުރައްވަން ޖެހުނީ ސުޕްރީމް ކޯޓަށެވެ.

އަށް އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު ބެންކޮކް ރިމާންޑް ޖަލަށް ގެންދިޔަ އެވެ. ބެލެވޭ ގޮތުގައި ޝާހީ މައާފަކަށް ޝިނަވަތްރާ އެދިވަޑައިގަންނަވާނެ އެވެ.

އެކަމަށް އެދި ހުށަހެޅުމަށް ގާތްގަނޑަކަށް ދެ މަސް ހޭދަވުން އެކަށީގެންވެ އެވެ. ޖަލު އޮފިޝަލުން ބުނީ ކުރީގެ ބޮޑު ވަޒީރު ހުންނަވާނީ ހާއްސަ ތަނެއްގައި ކަމަށެވެ.