25 ފެބުރުވަރީ 2024 - 13:43 0
ސާއިފް ޝިޔާދު
ވޮރަޗާތު ޕެތުނުންތަވޮންގު އަދި ޖިރާތު ޕެތުނުންތަވޮންގު. މި ދެ ބަފައިންގެ ކުންފުނިން ރާއްޖޭގައި ކުރި އިންވެސްޓްމަންޓެއް ކާމިޔާބުވެފައި ނުވޭ --- ފޮޓޯ: ރައީސް އޮފީސް
25 ފެބުރުވަރީ 2024 - 13:43 0
އޮފްޝޯ ފައިނޭންސިންގެ ހުއްދައަށް އެދި، ގދ. ތިނަދޫގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީ ކުރަން މި ސަރުކާރުން ހަވާލު ކުރި ޕޭން ޕެސިފިކް ކޮމްޕެނީން ހުށަހެޅި ޕްރޮޕޯސަލް މިދިޔަ ސަރުކާރުން ގަބޫލުނުކުރީ އެ ކުންފުނީގެ މާލީ ގާބިލުކަން ކަށަވަރު ނުކުރެވި ޕްރޮޖެކްޓާ ގުޅޭ އެއްވެސް ތަފްސީލެއް ހިމަނާފައި ނެތުމުންކަން ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.
"އަދަދު" ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ޕްރޮޕޯސަލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅީ ޖުލައި 23, 2023, ގަ އެވެ.
އެ ޕްރޮޕޯސަލްގައި ހުށަހަޅާފައި އޮތީ ތިނަދޫ އޮންނަ ފަޅު ހިއްކައިގެން 3.2 ކިލޯމީޓަރުގެ ރަންވޭއެއް ހިމެނޭހެން ދުނިޔޭގެ އެންމެ ބޮޑު އޯވާވޯޓާ ޕެސެންޖާ ޓާމިނަލާ އެކު އެއާޕޯޓެއް ތަރައްގީ ކުރުމަށެވެ. ސީޕްލޭނަށް 24 ޑޮކާއި ވީއައިޕީ އަދި ޕްރައިވެޓް ޖެޓް ޓާމިނަލެއް ވެސް ޕާކިންގެ ފަހި ޖާގައާއެކު ގާއިމުކުރާނެ ކަމަށް ޕްރޮޕޯސަލުގައި ބުނެފައިވެ އެވެ. އަދި އެއާޕޯޓުގައި އެއާކްރާފްޓް މެއިންޓެނަންސަށް ހަތަރު ހޭންގަރާއި ސިމިއުލޭޓަރު ހުންނަ ފްލައިން ސްކޫލެއް ވެސް ގާއިމުކުރުމަށް ޕްރޮޕޯސަލްގައި އޮތެވެ.
އޭގެ އިތުރުން, އެއީ އެސްއީޒެޑުގެ ތެރެއިން ތަރައްގީކުރާނެ މަޝްރޫއުއެއް ކަމަށާއި މުޅި ޖުމުލަ އިންވެސްޓްމަންޓުގައި 12 ރިސޯޓު ތަރައްގީކުރުން ވެސް ހިމަނާފައިވެ އެވެ. އެއާޕޯޓު ތިނަދޫއާ ގުޅާލާނީ ބްރިޖަކުން ކަމަށާއި ފެރީ ޓާމިނަލްތަކާއި ޕްރައިވެޓް ޖެޓީތައް ގާއިމުކުރާނެ ކަމަށް ވެސް އެ ޕްރޮޕޯސަލުގައި ބުނެފައިވެ އެވެ.
މި ޕްރޮޕޯސަލްގައި އެ ކުންފުނިން ވަނީ ތިނަދޫ އެއާޕޯޓާ ޖެހިގެން ބައިނަލްއަގްވާމީ ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްގީކުރާނެ ކަމަށް ވެސް ހިމަނާފަ އެވެ. އެ ބަނދަރުގައި މުދާ ރައްކާ ކުރުމާއި, ވެއާހައުސިންގެ ހިދުމަތާއި, ރީޕެކޭޖިން އާއި ރީއެކްސްޕޯޓް ކުރުމުގެ ހިދުމަތް ދޭނެ ކަމަށް ބުނެފައިވެ އެވެ. ހަމައެހެންމެ, ހައި-އެންޑް ޓެކްނޮލޮޖީ ޕާކެއް ވެސް ތަރައްގީކުރާނެ ކަމަށް ލިޔެފައި އޮތެވެ.
އެ ޕްރޮޕޯސަލްގައި އެންމެ ފާހަގަކުރެވޭ ބައެއްގެ ގޮތުގައި އޮތީ އޮފްޝޯ ފައިނޭންސިން ހިދުމަތުގެ ލައިސެންސަކަށް އެދިފައިވާތީ އެވެ. އެއީ, ބޭރު ގައުމުތަކުގެ މީހުންނަށް އެ ހިދުމަތް ދޭން ބޭނުންކުރާނެ ލައިސެންސެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި ކަންކަން ހުށަހަޅާފައިވަނީ އިތުރު އެއްވެސް ތަފްސީލެއް ދިނުމަކާ ނުލަ އެވެ. ޕޭން ޕެސިފިކުން ހުށަހެޅި ފުރަތަމަ ޕްރޮޕޯސަލްގައި ކޮންމެ ކަމަކާ ގުޅޭގޮތުން އޮތީ ދެތިން ޖުމުލަ އެވެ. މަލްޓި މިލިއަން ޑޮލަރުގެ ކުންފުންޏަކުން ހުށަހަޅާނެ ޕްރޮޕޯސަލެއްގެ ފެންވަރު ނެތްކަން އޭގެއިން ބެލެވެ އެވެ.
މި ޕްރޮޕޯސަލްގައި މައުލޫމާތު ނެތުމުން މިދިޔަ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވަނީ އެ ކުންފުނީގެ މަސައްކަތު ތަޖުރިބާ އާއި މާލީ ގާބިލުކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް އެދިފަ އެވެ.
ޕޭން ޕެސިފިކު ކުންފުނީގެ ޗެއާމަން ސޮއިކޮށް ހުށަހެޅި ރިފަރެންސް ސިޓީ އޮތީ އެހެން ކުންފުންޏެއްގެ ލެޓާހެޑުގަ އެވެ. އެ ސިޓީގައި އޮތީ ތައިލޭންޑްގެ އެންމެ ބޮޑު އެއާޕޯޓު ތަރައްގީކުރި އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރާ ޕޭން ޕެސިފިކްގެ ޗެއާމަންއާ ގުޅުން އޮތް ކަމަށެވެ. އަދި, އެ ޓްރާންސްޕޯޓު މިނިސްޓަރަކީ ތައިލޭންޑުގެ ބޮޑުވަޒީރުކަން ތަކްސިން ޝިނަވަޓުރާ ކުރެއްވިއިރު މުޝީރަކަށް ހުންނެވި ބޭފުޅެއް ކަމަށް ވެސް އެ ސިޓީގައި ލިޔެފައިވެ އެވެ.
ތައިލޭންޑުގެ ސިއާމް ކޮމާޝަލް ބޭންކުގައި ޕޭން ޕެސިފިކްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގައި 84,250,181.25 ޑޮލަރު (1.297 ބިލިއަން ރުފިޔާ) ހުރި ކަމަށާއި އެއީ މާލީ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް ބުނެ އެ ބޭންކުގެ ލެޓާހެޑުގައި ޖުލައި 19, 2023, ގެ ތާރީހު އޮތް ސިޓީއެއް ވެސް ހުށަހެޅި އެވެ.
ނަމަވެސް, އެ ސިޓީގެ ސައްހަކަން އޭރު އިކޮނޮމިކް ކައުންސިލަށް ކަށަވަރު ނުވާކަން ލިޔެކިޔުންތަކުން އެނގެ އެވެ. އެކަމާ ގުޅިގެން އޮންލައިންކޮށް އެ ކުންފުނި ލޮކޭޓު ކުރުމަށް ކުރި މަސައްކަތްތައް ވެސް ކާމިޔާބުވެފައި ނުވާކަން އެނގެ އެވެ.
އެހެންކަމުން, ހުށަހަޅާފައިވާ ވިޔަފާރި މޮޑެލް ޕްރޮޕޯސަލުން ސާފުނުވާތީ އާއި މާލީ ގާބިލުކަން ނޭނގޭތީ އެ މަޝްރޫއުއަށް ގްރީން ލައިޓް އެ ސަރުކާރުން ދީފައި ނުވެ އެވެ.
ޕޭން ޕެސިފިކް ކޮމްޕެނީގެ ފަތިފުށް ހޯދުމަށް ފީނާލިއިރު، ކުންފުނި ގޮސް ގުޅެނީ ރާއްޖޭގައި "ބޮޑެތި ޕްރޮޖެކްޓް" ހިންގަން ހަމައެކަނި އީއައިއޭ ހަދާފައިވާ ކުންފުނިތަކަކާ އެވެ. ރާއްޖޭގެ ނަން ބޭނުންކޮށްގެން އިޝްތިހާރުކޮށް ފައިސާ ހޯދާފައިވާކަން ވަނީ އެނގިފަ އެވެ.
އެކަމާ ގުޅޭ ތަހުގީގީ ރިޕޯޓެއް "އަދަދު" ނޫހުން ވާނީ ގެނެސްދީފަ އެވެ. މަތީގައިވާ ލިންކުން އެ ރިޕޯޓު ކިޔާލެވޭނެ އެވެ.
މި ސަރުކާރުން މި ކުންފުންޏާ އެކު ސޮއިކުރީ ކޮން ޕްރޮޕޯސަލަކަށް ބިނާކޮށް ކަމެއް ނޭނގެ އެވެ. އެ މައުލޫމާތު ސަރުކާރުން ހާމަ ނުކުރެ އެވެ.
Comment