Advertisement

ޓެކްސް ނަގަން ލަފާ ދިނީ އަޅުގަނޑު، ނަޝީދު ހުންނެވީ ވިޔަފާރިވެރިން ދެކެ ބިރުން: ރައީސް

22 އޮގަސްޓު 2023 - 21:27 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ:މުހައްމަދު ސޯލިހު


ޓެކްސް ނަގަން ލަފާ ދިނީ އަޅުގަނޑު، ނަޝީދު ހުންނެވީ ވިޔަފާރިވެރިން ދެކެ ބިރުން: ރައީސް

22 އޮގަސްޓު 2023 - 21:27 0

ދައުލަތުގެ އާމްދަނީ އިތުރުކޮށް ގައުމުގެ އިގުތިސާދު ހަރުދަނާ ކުރުމަށް ޓަކައި ރާއްޖޭގައި ޓެކްސް ނިޒާމު ތައާރަފްކުރުމަށް ރައީސް ނަޝީދަށް ލަފާދެއްވީ އެމަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން އެމްޑީޕީން މިއަދު ބ.ކެންދޫ ގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވިޔަފާރިވެރިންގެ ނުރުހުން ކުރިމަތިވެދާނެތީ ޓެކްސް ނަގަން ފެށުމަށް ރައީސް ނަޝީދު ހުންނެވީ ބިރުން ކަމަށެވެ.

ނަމަވެސް ޓެކްސް އާ ގުޅޭގޮތުން އެމަނިކުފާނާއި ނަޝީދު މަޝްވަރާކުރެއްވުމުން އިމްޕޯޓު ޑިއުޓީއަށް އެކަނި ބަރޯސާވެގެން ގައުމުގެ އިގްތިސާދު ކުރި ނާރާނެ ކަމަށާއި ޓެކްސްގެ ނިޒާމު ތައާރަފްކޮށް ވިޔަފާރިތަކުންވެސް ޓެކްސް ނަގަން ފަށަންވީ ދަނޑިވަޅަކީ އެއީ ކަމަށް ނަޝީދަށް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ވަރަށް ޕާސަނަލް ވާހަކައެއް. އެއީ ޓެކްސް ނަގަން ފަށަން އަޅުގަނޑުމެން އުޅުނު އިރު. (ނަޝީދު) ވިދާޅުވީ އިބޫއޭ ތިމަންނަ ދެެކެ ވިޔަފާރިވެރިން ރުޅި އަންނާނެޔޭ ތިކަން ކޮށްފިއްޔާ. އަޅުގަނޑު ބުނީ ނޫނެކޭ. މީއޭ އެކަން ކުރަންވީ ވަގުތަކީ. އެއްގޮތަކަށްވެސް ސަރުކާރެއް ނުހިންގޭނެޔޭ ސަރުކާރަށް އާމްދަނީ ނުލިބި. ޓެކްސް ނަގަން ފައްޓަންށޭ ޖެހޭނީ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އޭރު އެމްޑީޕީ ސަރުކާރުގެ އެންމެ އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންްވެސް ޓެކްސް ނެގުމާ ދެކޮޅަށް ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެފަދަ ދަތިކަންތައް ހައްލުކުރުމުގެ މަޝްވަރާ އޭރުވެސް ދެއްވި ކަމަށާއި އެމަނިކުފާނުގެ މިހާރުގެ ސިޔާސަތަކީވެސް މަޝްވަރާއާ އެކު ސަރުކާރު ހިންގުން ކަމަށް ވިދާޅުވި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ރާއްޖެއަށް ތައާރަފްކުރީ 2010 ވަނަ އަހަރު އެމްޑީޕީންނެވެ. ޖީއެސްޓީ ތައާރަފްކުރުމާއި ދެކޮޅަށް މަޖިލީހުގެ އެތައް މެމްބަރުން އޭރު ދެކޮޅު ހައްދެވި ނަމަވެސް ޖީއެސްޓީ އަކީ މިހާރު ސަރުކާރަށް އެންމެ ބޮޑު އާމްދަނީ އެއް ލިއްބައިދޭ ޓެކުހެވެ.