Advertisement

ކެމްޕެއިނަށް ހުރަސްއަޅާކަމުގެ ތުހުމަތުކުރުމުން، އެމްޑީޕީގެ ޖަލްސާ ބާއްވަން މާލޭ ސިޓީކައުންސިލުން ހުއްދަ ދީފި

22 އޮގަސްޓު 2023 - 17:30 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ކެމްޕެއިނަށް ހުރަސްއަޅާކަމުގެ ތުހުމަތުކުރުމުން، އެމްޑީޕީގެ ޖަލްސާ ބާއްވަން މާލޭ ސިޓީކައުންސިލުން ހުއްދަ ދީފި

22 އޮގަސްޓު 2023 - 17:30 1

މާލޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާއެއް ބާއްވަން ހުއްދަ ދީފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެމްޑީޕީން މާލޭގައި ބާއްވަން އުޅޭ ޖަލްސާއަށް ސިޓީ ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށް ރައީސް ސޯލިހުގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ މިއަދު ތުހުމަތު ކުރައްވާފަ އެވެ.

ސިޓީ ކައުންސިލުން ރައީސްގެ ކެމްޕޭނަށް ހުރަސް އަޅާކަމަށް ތުހުމަތުކުރައްވައި މާރިޔާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް ދެ ފަހަރުމަތިން ސިޓީ ކައުންސިލުގައި އެދުމުންވެސް އެކަމަށް ހުއްދަ ނުދިނެވެ. އަދި ދެފަހަރަށް އެދުމުންވެސް ޖަލްސާ ބާއްވަން އެދުނު ތަން އެހެން ބޭނުމަކަށް ބޭނުންކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން އެންގި ކަމަށާއި ނަމަވެސް އެތަނުގައި އެއްވެސް ބޭނުމެއް ނުކުރާކަން ކައުންސިލުގެ ބައެއް މެމްބަރުންގެ ފަރާތުން އެނގިފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

މި ތުހުމަތުތަކާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ސިޔާސީ ހަރަކާތްތައް ހިންގުމަށް މާލެސިޓީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ސަރަހައްދުތައް ބޭނުންވެގެން އެދިފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހަޅާފައިވާ ސިޓީ ތަކަށް ޖަވާބު އެރުވުމުގައި ވަގުތުތަކެއް ނަގާފައިވާކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އޭގެ ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނީ އެއްވެސް ބަޔަކަށް ދަތިނުވާނެހެން އެކަން ހަމަޖެއްސުމަށް މަޝްވަރާކުރަމުން ދިއުުމުން ކަމަށެވެ.

އަދި ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ފަރާތްތަކަަށް ދިނުމަށްޓަކާ ކައުންސިލުން މިހާރުވެސް ދަނީ މިފަދަ ހުއްދަތައް ދެމުން ކަމަށާއި އެގޮތުގެމަތިން އެމްޑީޕީ އަށްވެސް އެ ހުއްދަ ދީފައިވާ ކަމަށް ބުންޏެވެ.

މާލޭގެ ސަރަހައްދުތަކުގައި އިވެންޓުތައް ބޭއްވޭނީ ސިޓީ ކައުންސިލުން ހުއްދަ ދީގެންނެވެ. ކަން މިހެން އޮތްއިރު އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރިކޮށް ފެނިގެން ދަނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒެވެ.