21 އޮގަސްޓު 2023 - 14:51 0
ނިމާ ހަސަން
ރައީސް ސޯލިހު ރިޔާސީ ކެމްޕޭނުގައި ބ. ގޮއިދުއަށް ފައިބާ ވަޑައިގަންނަވަނީ -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް
21 އޮގަސްޓު 2023 - 14:51 0
ދުނިޔޭގެ އިގުތިސޯދު އެންމެ ރަނގަޅު ދުވަސްވަރު ރައްޔިތުންނަށް ކަންކަން ކޮށް ނުދެވުނު ބަޔަކަށް ދެން ވެސް ނުވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަހުގެ ހަމަލާތައް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރައްވައިފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވުމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދަށް ފާޑު ވިދާޅުވެ ރައީސް ވަނީ މީގެ ކުރިން އެކަން ނުކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.
"ހުރިހާ ރަށެއްގައި އަސާސީ ހިދުމަތް ތިމަންނަމެން ދޭނަމެ. ބަލަ މިއޮތް ހުރިހާ ދުވަހު ނުކުރީ ކީއްވެތޯ. ދުނިޔޭގެ އިގްތިސޯދު އެންމެ ރަނގަޅު ދުވަސްތައް އެއީ," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި 2013 އިން 2018 އަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ދަށްވި ދުވަސްވަރެވެ. އޭރު ތެޔޮ ފީފާއެއްގެ އަގު 48 ޑޮލަރަށް ހުރި ނަމަވެސް, ކޮވިޑާއި ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ތެޔޮ ފީފާއެއްގެ އަގު 140-152 ޑޮލަރަށް އަރައިގެން ދިޔަ އެވެ.
އެމަނިކުފާނު ވިދާޅުވީ, ދުނިޔޭގެ އިގްތިސޯދު ރަނގަޅުވި ދުވަސްވަރު ރައްޔިތުންނަށް ކަންކަން ކޮށްނުދެވުނު ބަޔަކު މިއަދު ނިކުމެ ކަންކަން ކޮށްދޭނެ ކަމަށް ބުންޏަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ.
"އެ ފަސޭހައިގެ ތެރޭގައި ނުކުރެވުނު ބަޔަކަށް މިއަދު ވެރިކަމަށް އައިސް ތިމަންނަމެން ކުރާނަމޭ ބުނީމަކާ ގަބޫލެއް ނުކުރެވޭނެ. ވާނެ ކަމެއް ނޫން އެއީކީއެއް އިނގޭތޯ," މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކަކީ, އޮއްޓަރެއްހުރި, ހަގީގަތެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
ބ. ގޮއިދޫ ބަނދަރު ޖަލްސާގައި ރައީސް, މުއިއްޒަށް ފާޑު ވިދާޅުވި އިރު, އެ އަތޮޅު ފެހެންދުއަށް ވަޑައިގެން ވެސް ރައީސް ވަނީ މުއިއްޒުއާއި, މުއިއްޒުގެ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވަމުން ގެންދަވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ކިރިޔާވެސް ވާދަކުރެވޭ ބަޔަކަށް ތިބީ ޕީއެންސީ އެވެ. މިއަދު ގޮއިދޫގައި ރައީސް ވިދާޅުވި ގޮތުގައި ދެން ރިޔާސީ އިންތިހާބަށް ނިކުމެ ތިބި ކެންޑިޑޭޓުން ތެރޭގައި ސިޔާސީ މަސްރަހުން ފަހަތަށް ދަމުން ދަމުން ގޮސް މުޅިން ނިމުމަކާ ހަމައަކަށް ގޮސް ތިބި މީހުން ވެސް ހިމެނޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގޮއިދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓެއް ވިދާޅުވެ ދެއްވާފަ އެވެ.
ވައުދުތައް:
މި ވައުދުތަކުގެ އިތުރަށް ރައީސް ވަނީ ގޮއިފުޅަފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އާންމު ފަރާތްތަކަށް ހުޅުވާލުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއާއެކު, އެ ސަރަހައްދުގެ އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment