ބ. ފެހެންދޫގެ މަގެއް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
ވަށައިގެންވާ ކަނޑުފަޅުގެ ދިރުމާއި ރީތި ދޮންވެލި ބީޗު އޮތް ރަށްތަކެކެވެ. ފަތުރުވެރި ވިޔަފާރީގެ ހަރަކާތްތަކަށް ޝަރުތުތައް ހަމަ އެވެ. ވެރިރަށް މާލޭން ލޯންޗެއްގައި އެއީ ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދަތުރެކެވެ. ނަމަވެސް ފުރިހަމަ ނުވެ އޮތީ އެ ކަމަށް ބޭނުންވާ ބައެއް އުމްރާނީ ބިނާތަކެވެ.
ބ. އަތޮޅުގެ ދެކުނުގައި ގުދުރަތީ ގޮތުން ވަކި އަތޮޅެއް ގޮތަށް އޮންނަ ގޮއިފުޅަފެހެންދޫ މިހާރު ފެންނަނީ މީގެ ފަސް އަހަރު ކުރިން ފެނުނު ގޮތަކަށެއް ނޫނެވެ. ފުޅަދޫ އާއި ފެހެންދޫއަކީ އޭރު ލަކުނޑި ކުޑަ ޖެޓީއަކަށް ޑިންގީ ގާތްކޮށްގެން މީހުން ލަފާފުރުމުގެ ކަންކަން ހަމަޖެހިފައި އޮތް ރަށްތަކެވެ.
ބަނދަރެއް ބޭނުންވި ނަމަވެސް ދެ ރަށުގައި ގެސްޓް ހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކާއި ރަށުގެ މީހުން ބޭނުންވި އެހެން ކަމެއް ވެސް އޮތެވެ. އެއީ ރަށުގެ ރީތި އެއްވެސް ބީޗެއް ހަލާކު ނުވުމުވެ. ސަރުކާރުން ދެ ރަށުގެ ބަނދަރުގެ ކޮންސެޕްޓް ވެސް ތައްޔާރު ކުރީ އެ ގޮތަށެވެ.
ރަށުގެ ފަޅުގައި ވަކި ބިމެއް ހިއްކައި ވާޓަރު ޖަހައިގެން ބަނދަރު ހަދާފައިވެ އެވެ. ބަނދަރު ރަށާއި، މީހުން ދިރިއުޅޭ ރަށާ ގުޅުވައިލީ ކޮންކްރީޓް ބްރިޖެކެވެ. މީގެ ސަބަބުން ބަނދަރު ކައިރީ މުދާ ބާލަން ވެސް ފަސޭހަވެ، ރަށުގެ ގޮނޑުދޮށް އެއްވެސް ވަރަކަށް ހަލާކެއް ނުވެ އެވެ. ފުޅަ-ފެހެންދޫ މީހުން ތިބީ މި ޕްރޮޖެކްޓާއެކު އުފަލުގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވާ މަސައްކަތުގައި ފެހެންދު އާއި ފުޅަދޫއަށް ވަޑައިގަންނަވާތީ ބަނދަރު ކައިރީ ގިނަ އަދަދެއްގެ މީހުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އައިސް ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަ އުފަލެވެ. ފުރަތަމަ ފަސް އަހަރެކޭ އެއް ގޮތަށް ކުރިއަށް އޮތް ފަސް އަހަރު ވެސް ދިޔުމަށް އެދޭތީ އެވެ.
ފުޅަދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަމްޖަދު ބުނީ އޭނާގެ މުޅި އުމުރުގެ ހަނދާނުގައި ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ފަށައިގެން ހިނގާތާ ވެސް ފެނުނީ މި ސަރުކާރުގައި ކަމަށެވެ. އަދި ބަނދަރު ފަދަ މަސައްކަތެއް ނިމިގެން ދިޔަ މަންޒަރު ވެސް ފެނުނީ މި ސަރުކާރުގައި ކަމަށެވެ.
"މިއީ ދެން ތިންސަތޭކައެއްހާ މީހުން އުޅޭ ރަށެއް، މި ރަށަށް ކަމެއް ކޮށްދިނިއްޔާ އެ ކޮށްދިނީ މި ސަރުކާރުން، ބަނދަރު ކީއްކުރަން، މަރުކަޒަށް އެމްބިއުލާންސެއް ވެސް ހޯދައިދިން،" އަމްޖަދު ބުންޏެވެ.
ބ. ފެހެންދޫ ކައުންސިލްގެ ކުރީގެ މެންބަރު އާދަމް އައިމަން ވިދާޅުވީ މީގެ ކުރިން ގެސްޓުން ގޮވައިގެން އެ އަތޮޅަށް ލޯންޗު ދަތުރުކުރާނީ ވެސް ގޮއިދުއަށް އެކަނި ކަމަށެވެ. ފުޅަދޫ އާއި ފެހެންދޫން ވެސް ގެސްޓުން ގެންނާނީ ކުޑަކުޑަ ޑިންގީއެއްގައި ގޮއިދޫއަށް ގޮސް އެ ރަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިލަ ދިޔަވަރުގައި މި ރަށު ފަޅަށް ރަނގަޅު ހެޔޮވަރު ލޯންޗެއް ނުވެސް ވަންނާނެ، ކުރިން މުދާ ވެސް ގެންނާނީ ގޮއިދުއަށް މި ރަށުން ޑިންގީ ގަނޑެއް ގެންގޮސްގެން އޭގައި އުފުލައިގެން، މިހާރު ބަނދަރު އޮތީމަ ގެސްޓުން އަދި މުދާ ވެސް ހިފައިގެން ސީދާ މި ރަށަށް އެބަ އާދޭ،" މިހާރު ގެސްޓް ހައުސެއްގައި މަސައްކަތްކޮށްގެން ރަށުގައި ދިރިއުޅޭ އައިމަން ވިދާޅުވި އެވެ.
އައިމަން ކިޔައިދެއްވި ގޮތުން، ފުޅަދޫއާއި ފެހެންދޫގެ ބަނދަރު ހެދި ފަހުން، ދަތުރުފަތުރުކުރަން ލިބުނު ފަސޭހައާއެކު މިހާރު އެ އަތޮޅަށް އަންނަ ގިނަ ގެސްޓުން ތިން ރަށުގައި ވެސް މަޑުކުރެ އެވެ.
"މިއަދު ވެސް މި އައީ ގެސްޓުންތަކެއް ފުޅަދޫއަށް ގެންގޮސް ލާފައި، މި ރަށުގައި ދެ ދުވަހު މަޑުކޮށްފައި އެއީ، އެ މީހުން އެބަ މަޑުކުރަމޯ ފުޅަދޫގައި ވެސް ދެ ދުވަސް، އެއް ރަށަށް ބުކިން ހަދާފައި އަންނަ ގެސްޓުން ވެސް ހަމަ އަނެއް ދެ ރަށަށް އެބަ ބުކިން ހަދާ،" ސަރަހައްދުގެ ލޯކަލް ޓުއަރިޒަމަށް އައި ކުރިއެރުންތަކާ މެދު ހިތްހަމަޖެހި ހުރެ އައިމަން ވާހަކަ ދެއްކެވި އެވެ.
އިތުރު ފަސް އަހަރުގެ ދައުރެއް ރައީސް ސޯލިހަށް ދެއްވައިފިނަމަ، އެ ފަސް އަހަރު ވެސް އެންމެ މުހިންމު ކަމެއް ދެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވަނީ ސަރަހައްދުގެ ލޯކަލް ޓުއަރިޒަމާއި، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމެވެ.
އެ އަމާޒަށް ދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގަތީ އެ އަތޮޅު ފަޅު ތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމެވެ. ރިސޯޓާއެކު އެ ސަރަހައްދަށް އަންނަ ޓުއަރިސްޓުން ގިނަވާނެ ކަމަށް އެމަނިކުފާނު ތަސައްވުރު ކުރައްވަ އެވެ.
ފުޅަދޫން 2018 ވަނަ އަހަރު މެޖޯރިޓީ ހޯދީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީނަށް 51 ޕަސެންޓް ވޯޓު ލިބިފައިވެ އެވެ. ނަމަވެސް ބަނދަރުގެ މަޝްރޫއާއެކު، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.
ފެހެންދޫން 2018 ގައި ރައީސް ސޯލިހު މެޖޯރިޓީ ހޯދައިފަ އެވެ. އެމަނިކުފާނު އުންމީދު ކުރައްވަނީ ބަނދަރުގެ މަޝްރޫއުތަކުން ސަރަހައްދަަށް ލިބުނު ކުރިއެރުން، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުން ފެންނާނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment