Advertisement

މުޅި އަހަރު ސީދާ އައިއޯއައިޖީ އަށް ބޮޑު ފޯކަސްއެއް ދީގެން ޓީޓީ ޓީމު ތައްޔާރު!

21 އޮގަސްޓު 2023 - 11:42 2

ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ތަރި ދީމާ އަލީ، ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުޅި އަހަރު ސީދާ އައިއޯއައިޖީ އަށް ބޮޑު ފޯކަސްއެއް ދީގެން ޓީޓީ ޓީމު ތައްޔާރު!

21 އޮގަސްޓު 2023 - 11:42 2

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި މެޑަލް ދިފާއުކުރާނެ ކަމަށް އެންމެ ބޮޑަށް އުއްމީދު ކުރެވޭ އެއް ޓީމު ކަމަށްވާ ޓޭބަލް ޓެނިސް ޓީމުން މުޅި އަހަރު ގޭމްސް އަށް ފޯކަސްކޮށް، މަސައްކަތްތަކެއް ކޮށްގެން ގޭމްސް އަށް ތައްޔާރުވެއްޖެ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ މެޑަލް ދިފާއުކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް ކަމަށާއި، އެކަމަކު އެ ޗެލެންޖަށް ޓީމު ތައްޔާރު ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ އެންމެ ފަހުގެ ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުން ކަމަށެވެ. އެކަމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަން ޝިއުރީ ފާހަގަކުރެއްވި އެވެ.

ޓޭބަލް ޓެނިސް މުޅި ޓީމު ވަނީ އިންޑިއާ އާއި ކްރޮއޭޝިއާގައި ތިން މަހެއްހާ ދުވަހު ތަމްރީނުތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ދެ ޤައުމުގެ ކުޅުންތެރިންނާ އެކު ކުޅެ ތަޖުރިބާތަކާއި، ކުރިއެރުންތައް ހޯދިއެވެ.

"ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު. ކްރޮއޭޝިއާގައި ތަމްރީނުތަކެއް ކުރިއަށްގެންދިޔަ. ދެ ކުޅުންތެރިއަކު އިންޑިޔާގައިވެސް ތަމްރީނުހޯދި. މާލޭގައި ކްރޮއޭޝިއާގެ ކޯޗަކާ ބޭރުން މޮޅު ކުޅުންތެރިން ގެނެސްގެން ތަމްރީނު ހޯދަމުންދަނީ،" ޝިއުރީ ވިދާޅުވި އެވެ.

ޓީޓީ ހޯލު ހުޅުވުމަށް ބޭއްވުނު އިވެންޓްގެ ތެރެއިން ޝިއުރީ ވާހަކަ ދައްކަވަނީ.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އިންޑިއާ އާއި ކްރޮއޭޝިއާގެ ތަމްރީންތަކަށް ފަހު މިދިޔަ މަހެއްހާ ދުވަހު އަންހެން އަދި ފިރިހެން ޓީމްވެސް އެކުގައި ތަމްރީނު ހޯދަމުންދަނީ ރާއްޖޭގަ އެވެ. ކްރޮއޭޝިއާ ކޯޗެއްގެ އިތުރުން ބޭރުގެ ފިޓްނަސް ޓްރޭނަރެއް ވެސް ޓީމާ އެކު މަސައްކަތް ކުރާތީ ފިޒިކަލީ ވެސް ޓީމް ވަރަށް ފިޓްކަން ކުޅުންތެރިން ފާހަގަކުރި އެވެ.

މީގެ އިތުރުން ރާއްޖޭގައި ތަމްރީނު ހޯދަމުންދަނީ ކްރޮއޭޝިއާ އާއި އިންޑިއާ އާއި ޗައިނާގެ ކުޅުންތެރިން ވެސް ރާއްޖެ ގެނެސް އެ ކުޅުންތެރިންނާ ދެކޮޅަށް ވެސް މެޗުތައް ކުޅެމުންނެވެ. ދޭތެރެ ދޭތެރެއިން އެގައުމުތަކުގެ ކުޅުންތެރިން ރާއްޖެ އައިސް ދިވެހި ކުޅުންތެރިން ކުރިއަރުވަން އެހީވާކަން ޝިއުރީ ފާހަގަކުރެއްވި އެވެ.

ޝިއުރީ ވިދާޅުވީ ބޭރުން ކުޅުންތެރިން ގެނަންނީ އަބަދު އެއްބަޔަކާ އެކު ނުކުޅެ، ތަފާތު ލެވެލްގެ ތަފާތު ސްޓައިލްގެ ކުޅުންތެރިންނާ އެކު ކުޅެ ތަޖުރިބާ ހޯދުމުގެ ގޮތުން ހަމަ ކުރިން ޕްލޭންކޮށްގެން ކަމަށެވެ.

ޓީމްގެ ކުޅުންތެރިން ބުނީ ކްރޮއޭޝިއާ އާއި އިންޑިއާގައި ތިން މަހެއްހާ ދުވަހު މުޅި ޓީމް ޕްރެކްޓިސް ކުރުމުގެ ސަބަބުން ކޮލިޓީ، ފިޓްނަސް، ހުނަރު،, މެޗު ޓެކްޓިކްސް ވެސް ވަރަށް ބޮޑަށް އިމްޕްރޫވް ވެއްޖެ ކަމަށެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރަކީ ޓޭބަލް ޓެނިސް އެވެ. އެހެންކަމުން، މި ފަހަރުގެ ގޭމްސްގައި ވެސް އެންމެ އުންމީދު ބޮޑު ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް ހިމެނެ އެވެ.

ނޯޓް


މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.