އެެއާޕޯޓުގެ ރަންވޭގެ މަސައްކަތްތައް ކުރިއަށްދަނީ. މި މަސައްކަތްތައް ތިން ފިޔަވައްސަކަށް ވަނީ ބަހާލާފައި --- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް
ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަކީ ދިގު ތާރީހެއް އޮތް ވާހަކައެކެވެ. ސަރީހަކޮށް ބުނާ ނަމަ އެތައް ސަރުކާރަކުން ހަނިމާދޫ އާއި މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދައްކާފައިވާ ހުވަފެނެކެވެ.
މި ހުވަފެން ފުރަތަމަ ދެއްކީ މި އެއާޕޯޓު ތަރައްގީކުރި ރައީސް މައުމޫން ސަރުކާރުގެ ފަހު ދައުރުގަ އެވެ. ދެން އެ ހުވަފެެން ބަލަން ޖެހުނީ ޖީއެމްއާރާ އެ މަސައްކަތް ހަވާލުކުރަަން އުޅުނު ރައީސް ނަޝީދުގެ ސަރުކާރުގަ އެވެ. އޭގެ ފަހުން ހަމަ އެގޮތަށް، އެތަން ނަމުން 'އިންޓަނޭޝަނަލް' ކުރި ރައީސް ވަހީދުގެ ސަރުކާރާއި ދެވަނަ ދައުރެއްގައި ޖެޓު ޖެއްސޭ ފެންވަރަށް އެއާޕޯޓު ތަރައްގީ ކުރަން ބުނި ރައީސް ޔާމީންގެ ސަރުކާރުގައި މި ހުވަފެން ބަލަން ޖެހުނެވެ.
އެކަމަކު މި ހުވަފެން ހަގީގަތަކަށް ހަދަން މިއިން އެއްވެސް ސަރުކާރަކުން އަމަލީ މަސައްކަތެއް ނުކުރެ އެވެ. އެހެންވެ، ނަމަށް އިންޓަނޭޝަނަލް އިތުރު ވިތާ ދަހަރެއް ވީއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަދިވެސް ހުރީ މީގެ 33 އަހަރު ކުރިން އެޅި މުސްކުޅި ރަންވޭ އާއި މުސްކުޅި ޓާމިނަލެވެ. ނަން ބޯޑު ފުޅާވުން ފިޔަވައި އައި ބަދަލެއް ނެތެވެ.
ނަމަވެސް، މިހާރު ފެންނަ މަންޒަރު ތަފާތެވެ. އެއާޕޯޓަށް ފައިބައިގެން ދާއިރު ނަޒަރު ހިންގާލާ ކޮންމެ ދިމާލަކުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ މަންޒަރު މިހާރު ޔަގީނުން ވެސް ފެނެ އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ހިންގާ ދެ ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއަކީ އުތުރުގައި ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ހިންގާ މަޝްރޫއު އެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުންނެވެ. އަދި ކޮންޓްރެކްޓަރަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް (މިހާރު ކަލްޕަތަރޫ ޕްރޮޖެކްޓްސް) އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮކްޓޫބަރުގެ 22 ގަ އެވެ. އެފަހުން މިވީ ދިހަ މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ރަންވޭ އާއި އިމާރާތްތަކަށް ބޭނުންވާ ބިން ސާފުކޮށް، މި މަޝްރޫއުގެ ދަށުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފަށާފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދީގެން، އަވަހަށް ނިންމަން މަސައްކަތް ކުރަމުން ދަނީ 2.7 ކިލޯމީޓަރުގެ ރަންވޭގެ މަސައްކަތެވެ.
ރަންވޭގެ މަސައްކަތް ކުރިއަށް ދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަނީ ދެކުނުން އޮންނަ '03 އެންޑު'ގެ ނަން ދީފައިވާ 1.2 ކިލޯމީޓަރުގެ ރަންވޭ އެވެ. ދެވަނަ ފިޔަވަހީގައި ތަރައްގީކުރަނީ ރަންވޭގެ އަނެއް ކޮޅުން، '21 އެންޑު'ގެ ނަން ދީފައިވާ 350 މީޓަރުގެ ރަންވޭ އެވެ. ތިންވަނަ ފިޔަވައްސަކީ މި ދެ ރަންވޭ ގުޅާލާ 665 މީޓަރުގެ ރަންވޭ ތަރައްގީކުރުމެވެ.
ތިން ފިޔަވަހީގެ ތެރެއިން ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސައްކަތް އެކުއެކީގައި ކުރިއަށްދާއިރު، ދެ ހަފުތާގެ ތެރޭގައި '03 އެންޑު' ހުޅުވާލެވޭނެ ކަމަށް، ކަލަޕަތަރޫއިން މި މަޝްރޫއަށް ހަމަޖައްސާފައިވާ ޕްރޮޖެކްޓު ޑިރެކްޓަރު އިންދަރު ސިންގު އެ ރަންވޭ މަތީގައި ހުރެ ނޫސްވެރިންނަށް ބުންޏެވެ.
"ބްލާސްޓް ޕެޑުން ފެށިގެން 1200 މީޓަރު ރަންވޭގެ ޑީބީއެމް ލޭޔަރު ނިމިއްޖެ. ޑީބީއެމް ލޭޔަރުގެ މައްޗަށް އަންނާނީ އިތުރު ދެ ފަށަލަ. މި މަސައްކަތް ނިންމަން ނަގާނީ ދެ ހަފުތާ. އެކަމަށް އަހަރަމެން މި އަމާޒު ހިފަނީ. އެންމެ ލަސްވެގެން ވެސް ސެޕްޓެމްބަރު 10 ވަނަ ދުވަހަށް ނިންމާނަން" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރަމުން އަންނަ '03 ސައިޑު': އަންނަ މަހު ރަންވޭގެ މި ބައި ނިންމާ، ބޭނުންކުރަން ފަށާނެ --- ފޮޓޯ/އާރުއޭސީއެލް
ރަންވޭގެ މަސައްކަތް ބައިބަޔަށް ބަހާލައިގެން ކުރަން ޖެހުނީ، ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާ ނުލައި މަސައްކަތް ކުރާށެވެ. ހަނިމާދޫ އެއާޕޯޓު ބަންދުކޮށްގެން މަސައްކަތް ކުރަން ފުރަތަމަ ވިސްނި ނަމަވެސް ރިސޯޓުތަކުން ކަންބޮޑުވުން ފާޅުކުރުމުން އެ ވިސްނުން ބަދަލުކުރީ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުއޭސީއެލް)ގެ ސީއޯއޯ އަހުމަދު އިބްރާހިމް ވިދާޅުވި އެވެ.
"ރިސޯޓުތަކުން އެގޮތަށް އެދޭތީ އަޅުގަނޑުމެން ވާނީ އެއާޕޯޓުގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާނުލައި ޕްރޮޖެކްޓުގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައި," އޭނާ ވިދާޅުވި އެވެ.
މިހާރު ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ހިންގަނީ ދަންވަރު 2:00 އިން ފެށިގެން މެންދުރު 2:00 އަށެވެ. އެހެން ގަޑިތަކުގައި ހަނިމާދޫއަށް ދަތުރުކުރާ ފަސިންޖަރުން ޑައިވާޓުކުރަނީ އެ އަތޮޅު ކުޅުދުއްފުއްޓަށެވެ. ނަމަވެސް '03 އެންޑު' ކޮޅުގެ މަސައްކަތް ނިމި، އެ ރަންވޭ ބޭނުންކުރަން ފެށުމުން އަލުން 24 ގަޑިއިރު އޮޕަރޭޝަންތައް ފަށާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"ނައިޓްލޭންޑިންތަކަށް ބޭނުންވާ ލައިޓުތަކާ އެކީ ރަންވޭ ހުޅުވާނީ. އެއްވެސް ދައްޗެއް ނުވާނެ" އޭނާ ވިދާޅުވި އެވެ.
މިއާ ގުޅިގެން މަސައްކަތް ކުރަން ލިބޭ ވަގުތު މަދު ނަމަވެސް، މަސައްކަތް ރޭވިފައިވާ ގޮތުން މަސައްކަތުގެ ތާވަލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކަލަޕަތަރޫގެ އިންދަރު ބުންޏެވެ. އަދި ނޮވެމްބަރަށް މުޅި ރަންވޭގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާ ދިނެވެ.
އޭނާ ޔަގީންކަން ދިން އަނެއް ކަމަކީ މަސައްކަތުގެ ކޮލިޓީއާ ގުޅޭ ގޮތުންނެވެ. އެގޮތުން އަށް ފަށަލަ އެކުލެވޭ ރަންވޭއިން ފެށިގެން އެތަނުގައި އިމާރާތްކުރަމުން އަންނަ ހުރިހާ ތަންތަނަކީ ކޮލިޓީ ކޮންޓްރޯލް މިންގަނޑުތައް ރަނގަޅަށް ބެލެހެއްޓިގެން، އެއްބަސްވެފައިވާ ގޮތަށް ކުރަމުން އަންނަ މަސައްކަތްތައް އޭނާ ބުންޏެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ އޮކްޓޫބަރަށެވެ. މިހެން ނަމަވެސް، މި އަހަރުގެ ނިޔަލަށް އެއާޕޯޓުގެ ރަންވޭގެ އިތުރުން އެހެނިހެން އިމާރާތްތައް ވެސް ނިމޭނެ ކަމަށް ކަލަޕަތަރޫއިން ބުންޏެވެ.
މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، ފަސިންޖާ ޓާމިނަލުގެ ގިނަ ފުޓިންތައް ބިމަށް ފައްތައި ފައުންޑޭޝަން މަސައްކަތް ދަނީ ކުރިޔަށެވެ. އޭޕްރަން އޮންނަ ސަރަހައްދު އޮތީ ސާފުކޮށް، މަގު ކޮނެ ތާރު އަޅަން ތައްޔާރުކޮށްފަ އެވެ. ހަ ފަންގިފިލާގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ދެ ފަންގިފިލާ އިމާރާތްކޮށް ނިމިއްޖެ އެވެ. ކާގޯ ސަރަހައްދުގެ މަސައްކަތް ވެސް ދަނީ ބާރަށް ކުރިޔަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅަމުން އަންނަ އިމާރާތެއް: ގިނަ އިމާރާތްތަކުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ -- ފޮޓޯ/އާރުއޭސީއެލް
އިންދަރު ބުނި ގޮތުގައި، މި އަހަރުގެ ތެރޭގައި ފަސިންޖާ ޓާމިނަލް ނޫން އެހެން ގިނަ އިމާރާތްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތެވެ. އެގޮތުން އެކަމަށް ބޭނުންވާ ސާމާނާއި މަސައްކަތް ކުރާނެ މީހުންގެ ކަންކަން ބަރާބަރަށް އިންތިޒާމު ކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ. މިހާރު ވެސް މި ސައިޓުގައި 427 މީހަކު މަސައްކަތް ކުރަމުން އަންނަ އިރު، މުސްތަގުބަލުގައި 700 އާ ގާތްކުރާ އަދަދަކަށް މީހުން މި މަސައްކަތުގައި ބައިވެރިވާނެ އެވެ.
ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރާ އިމާރާތްތައް
ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް އެންމެ ވަގުތު ހިނގަނީ ފަސިންޖާ ޓާމިނަލްގެ މަސައްކަތްތައް ނިންމާށެވެ. ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މި އެއް ފަންގިލާގެ ޓާމިނަލުގެ ފުރާޅު ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ކުރަނީ ހަނިމާދޫ ސައިޓުގަ އެވެ. މަޑީގެ ސިފަޔަށް ފަރުމާކޮށްފައިވާ ފުރާޅު ނުވަތަ 'ސްޕޭސް ފްރޭމް' ގެންނަނީ މޮޅު ފަރުމާތަކަށް ދަގަނޑާއި ބިއްލޫރީގެ މަސައްކަތްތައް ކުރާ ޑުބާއީ ކުންފުންޏަކުންނެވެ.
މުޅި އެއާޕޯޓުގެ މަސައްކަތްތައް ނުނިމުނު ނަމަވެސް، އާރުއޭސީއެލްގެ ވިސްނުމަކީ ރަންވޭގެ މަސައްކަތް ނިމުމުން އަންނަ ޖެނުއަރީ މަހު އިންޓަނޭޝަނަލް ދަތުރުތަކަށް ހުޅުވާލުމެވެ. މިއީ އަސްލު އޮޕަރޭޝަންތައް ފަށަންވާ އިރަށް އެއާޕޯޓުގެ އޮޕަރޭޝަންތައް ވިލަރެސްކުރަން ފަސޭހަވެގެން ދޭނެ ކަމަށް ކަމަށް އާރުއޭސީއެލްގެ އިބްރާހިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވެސް މިދަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކާ އެކީ އެ މަސައްކަތް ކުރަމުން. އަމާޒަކީ ހަތަރު ގަޑިއިރާއި ފަސް ގަޑިއިރު ދުރުގައި ހުރި މަންޒިލްތަކުން ރާއްޖެއަށް ފްލައިޓުތައް ގެނައުން" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިމޭ އިރު، މި އެއާޕޯޓަށް އޭ320 އަދި ބޮއިން737 ފްލައިޓުތަކަށް ޖެއްސޭނެ އެވެ. އަދި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. މި މަޝްރޫއު ކާމިޔާބު ވުން ވެގެންދާނީ ވިދިވިދިގެން އައި ސަރުކާރުތަކުން ދައްކަމުން އައި ހުވަފެނުގައި ކުލަ ޖެހިގެންދާ މަންޒަރެވެ.
Comment