Advertisement

"ނީނާ" ރިވިއު: އިންސާފަށްޓަކައި އަންހެނަކު އެކަނި ކުރާ ހަނގުރާމައެއް

19 އޮގަސްޓު 2023 - 15:46 1

މަރިޔަމް ވަހީދާ

މަރިޔަމް ވަހީދާ


"ނީނާ" ރިވިއު: އިންސާފަށްޓަކައި އަންހެނަކު އެކަނި ކުރާ ހަނގުރާމައެއް

19 އޮގަސްޓު 2023 - 15:46 1

ފިރިފުރާވަރުގެ ކުއްޖެކެވެ. އާންމުކޮށް ދިވެހި މުޖުތަމައުއިން ފެންނަ އަންހެން ކުދީންނާ ފުރަތަމަ ފެނިލުމުން ވެސް އޭނާ ތަފާތެވެ. ތުންފަތުގައި ހެޔޮވަރުގެ ބޮޅެއް އަޅުވާފައި ހުރިއިރު، ބޮލުގެ އިސްތަށިގަނޑު ހުރީ ކުދި ގެތުމުން ގަތައިފަ އެވެ. ދެލޯ އުނގުޅަމުން ގޮސް ލޯގަނޑުން މޫނު ބަލައިލާއިރު، ފެންނަނީ ކޯތާފަތްމަތި ހިސާބަކަށް ދުޅަވެފައި ހުންނަ މަންޒަރެވެ.

މޫނު ބަލައިލުމަށް ފަހު ކޮޓަރިން އޭނާ ނުކުންނައިރު ވެސް މޫނުމަތީން ހިނިތުންވުމެއް ނުފެނެ އެވެ. ކުނި މޫނައިގެން ގޮސް ސިޓިން ރޫމާ ހަމައަށް ދެވޭއިރު ގޭތެރެއިން އިވެނީ ދެމީހެއްގެ ޒުވާބެކެވެ. އެއަށްފަހު އަރައިރުމެކެވެ. ދެން ތަޅާފޮޅުމެކެވެ.

މި ސިފަކޮށްދިނީ މީގެ ތިން އަހަރު ކުރިން އައިފިލްމްސް އިން ޝޫޓުކޮށް ނިންމައި، މިހާރު އޮލިމްޕަހުގެ ރިހި އިސްކިރީނުގައި އަޅުވާފައިވާ ނީނާ ފިލްމުގައި ނީނާގެ ބައި ކުޅޭ، ނުޒުހަތު ޝުއައިބުގެ ފުރަތަމަ ފެނިލުމުގެ ތަންފުކެކެވެ.

ފިލްމީ އުދަރެހުގައި މިހާރު ފިޔަޖަހަމުން އަންނަ ގިނަ ތަރިންތަކެއް ފެނިގެންދާ "ނީނާ" އަކީ ރާއްޖޭގައި މީގެ ކުރިން އާންމުކޮށް ނުފެންނަ ބާވަތުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓު ކޮށްފައިވާ "މާސްޓަޕީސް" އެކެވެ. އެ ފިލްމުން ބެލުންތެރިންނަށް ދޭން ބޭނުންވާ މެސެޖު ކިތަންމެހައި ވެސް ފުރިހަމައަކަށް އޯޑިއަންސަށް ފަހުމުވާކަން ފިލްމުގެ އެންމެ ފަހު 10 ވަރަކަށް މިނެޓު މުޅި ތިއޭޓަރުގައި ހިއްޕާލާ އަތްތިލަބަޑީގެ އަޑުން ހެކިދެ އެވެ.

ފިލްމެއްގެ ޕްރިމިއާ ލަސްވެގެން ދިޔުމުން, ފިލްމުގެ ފޯރި ކުޑަވުން އެއީ އާންމު ހާލަތުގައި ކަން ހިނގާ ގޮތް ނަމަވެސް ދިވެހި މުޖުތަމައުގައި ހުރި ހުރިހާ މައްސަލައަކަށް ހެން އަލިއަޅުވާލާފައިވާ ނީނާ ބަލާފައި ނުކުންނަ އެއްވެސް މީހެއްގެ މޫނުމަތިން ފޫހިކަމުގެ ކަންފުޅެއް ވެސް ނުފެނެ އެވެ. ކޮންމެ ރެއަކު ވެސް ފެންނަނީ އޮލިމްޕަހުގެ ދޮރުމަތީގައި މަޑުކޮށްލައިގެން ތިބޭ ފިލްމުގެ ކާސްޓުންނަށް ބެލުންތެރިންގެ ތައުރީފާއި ތަރުހީބުގެ ބަސްތައް އަމާޒުވާ މަންޒަރެވެ.

ނީނާގެ މެސެޖު ހުރިހާ އަންހެނުންނަށް؛ "ތިޔައީ ހީކުރާ ވަރަށްވުރެ މާބާރުގަދަ ބައެއް،"

ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެ ބިރު ގަންނަވާލި ކޮވިޑު-19 އާއި އޮލިމްޕަހުގެ "ނުނިމުނު" މަސައްކަތާ ގުޅިގެން ސްކިރީނަށް އައުން ލަސްވި އައިފިލްމްސްގެ ދެވަނަ ފިލްމަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ފިލްމެކެވެ.

ފިލްމު ފެށުމުގެ ކުރިން ސްކިރީނަށް އަރުވާފައި ހުރި މެސެޖުން ވެސް ބެލުންތެރިންނަށް އެކަން ސާފުވި އެވެ. ހުރިހާ އަންހެނުންނަށް ނިސްބަތްކޮށް "ތިޔައީ ހީކުރާ ވަރަށް ބުރެ މާ ބާރުގަދަ ބައެއް،" ކަމަށް ބުނެ އަރުވާފައިވާ އެ މެސެޖު ފިލްމުގައި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެ އެވެ.

ފިލްމާ ގުޅޭ ގޮތުން "އަދަދު" ނޫހާ އާ ވާހަކަދައްކަމުން އިއްލެ ބުނީ ފިލްމު އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ވެސް ތަފާތު ވާހަަކައެއްގެ މައްޗަށް ބިނާކޮށް ހިތްވަރުގަދަ އަންހެނެއްގެ ވާހަކަ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.

"އެންމެ ވިސްނީ ދިވެހިންނަށް ކަމުދާ ދިވެހިންނަށް ރިލޭޓު ކުރެވޭނެ ސްޓޯރީލައިނެއް ގެނެސްދޭން. ފިލްމުން ދޭން ބޭނުންވި މެސެޖު ދެވުނު ކަމަށް ގަބޫލު ކުރެވެނީ ފިލްމު ބަލާފައި ނުކުންނަ މީހުން ދޭ ޕޮޒިޓިވް ކޮމެންޓުތަކުން" އިއްލެ ބުންޏެވެ.

އިއްލެ ބުނި ގޮތުގައި ފިލްމު ބަލާފައި ނުކުންނަ ކޮންމެ މީހަކު ވެސް ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކުރާ ކަމަށާއި "މިވަރުގެ ފިލްމެއް މިހާތަނަށް ނުބަލާ" ކަމަށް ބުނާ ކަމަށެވެ.

ފިލްމުގެ ޕްލޮޓަށް ނަޒަރު ހިންގާލުމުން ސަޕޯޓަރުންގެ އެ ވާހަކަތަކަށް ބާރުދޭނެ އެތައް ކަމެއް ފިލްމުގައި ދައްކައިދީފައިވެ އެވެ. ކުރިމަރާނުލައި މި ފިލްމުގެ ވާހަކަދެއްކުން އެއީ ކުރަން އުނދަގޫ ކަމެއް ނަމަވެސް އަވަސް ކަޅިއެއް ފިލްމަށް އެއްލޭތޯ ބަލާނަމެވެ.

ކުރު ގޮތަކަށް ބުނާނަމަ، ފިލްމުން ދައްކައި ދެނީ މުޖުތަމައުގައި ހުރި ނުރަނގަޅު އެތައް ކަމަކާ ދެކޮޅަށް އަނިޔާގެ ހާއްޔަކަށް އުފަން އަންހެނަކު އެކަނި ކުރާ ހަނގުރާމަ އެކެވެ. ގެވެށި އަނިޔާއިން ފެށިގެން ގޮސް މަސްތުގެ ވަބާއާއި ޝަރުއީ ނިޒާމުގެ ދޯހަޅިކަމާއި ތަންފީޒީ އިދާރާތަކުގެ ނުކުޅެދުންތެރިމާ ދެކޮޅަށް ނީނާ ކުރާ ޖިހާދުގައި އޭނާގެ މަދަދުގާރުންނާއި ދުޝްމަނުންގެ ކުރިމަތިލުންތަކެވެ. އިންސާފަށްޓަކައި ނީނާ ކުރާ ހިތްވަރެވެ. ފިލްމުގެ ހުރިހާ މަންޒަރަކުން ވެސް، މި ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެ އެވެ.

ފިލްމުގެ ކުރޫ އަދި ކާސްޓު ފީޑްބެކް

ހުނަރުވެރި ކާސްޓަކާއެކު އުފައްދާފައިވާ "ނީނާ" ފުރިހަމަކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި ކެމެރާގެ ފުރަގަހުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރި މުހިންމު ބަޔަކުވެ އެވެ. އެގޮތުން މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ ތާތި އާދަމް އެވެ. ފިލްމުގެ އެސިސްޓެންޓު ޑައިރެކްޓަރެއްގެ ދައުރު އިފްނާޒް އަދާކުރިއިރު، ޑައިރެކްޓާ އޮފް ފޮޓޯގުރަފީގެ ޒިންމާ އަދާކުރީ ތަޖުރިބާކާރު ކެމެރާމަން، ކަނޑި ވިސާމް އެވެ.

ސެކަންޑު ކެމެރާމަނެއްގެ ގޮތުގައި ހުނަރުވެރި ޒުވާން ކެމެރާމަން ޒިއްޕެ ހަރަކާތްތެރިވިއިރު، ފިލްމުގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ މަޝްހޫރު އާޓިސްޓު، ރުތުބާ އެވެ. ޓެކްނިކަލް އެސިސްޓެންޓުންގެ ބުރަ ޒިންމާ އުފުލާފައި ވަނީ މުނާޒް އަދި ހުސެއިން އެވެ.

މީގެއިތުރުން މި ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގާފައިވާ ލ. އަތޮޅުގެ ގިނަ ރައްޔިތުންގެ އެހީތެރިކަމާއި ވަކިން ހާއްސަކޮށް ފިލްމުގައި މުހިންމު ރޯލެއް ކުޅެފައިވާ ޝިންޓެގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުންކަން "ނީނާ" ގެ މުޅި ޓީމުން ފާހަގަ ކުރި އެވެ.

"ނީނާ" ގެ ހުރިހާ ކާސްޓުންނަށް ބަލާއިރު، އެންމެންގެ އެކްޓިން ވެސް ޖުމުލަ ގޮތެއްގައި ވަރަށް ފުރިހަމަ އެވެ. ފިލްމުގެ ކާސްޓުގެ ގޮތުގައި ފެނިގެންދަނީ ނުޒުހަތު ޝުއައިބް، ޝަރަފް ޢަބްދުﷲ، މަރިޔަމް ލަތީފާ، ނަތާޝާ ޖަލީލް، އަލީ ޔޫޝާއު، ހަމްދާން ފާރޫޤް، އިބްރާހިމް ޝާރިފް، ހަސަން ސާމިހް، ހަސަން ސިނާން، ހަސަން، ހަސަން ޒައިދް، އައިޝާ އަލީ، އަލީ އިނާޒް، ޝަކީލާ އަދި އާދަމް ރިޒްވީ އެވެ.

ނުޒުހަތު ޝުއައިބް (ނުޒޫ)

ނުޒުހަތު ޝުއައިބް


ނުޒޫއަކީ ހަމަ ޔަގީނުން ވެސް މިހާރު ދިވެހި ފިލްމު އިންޑަސްޓްރީއަށް އާ މޫނަކަށް ނުވާނެ އެވެ. އޭނާގެ ހުނަރުވެރި އެކްޓިންގެ ސަބަބުން، އެތައް ބައެެއްގެ މަގުބޫލުކަން ލިބިފައިވެ އެވެ.

"ނީނާ" ގައި ނުޒޫ ކުޅެފައިވަނީ ފިލްމުގެ މެއިން ކެރެކްޓާ، ނީނާގެ ރޯލެވެ. އެ ރޯލަށް ތައްޔާރުވުމުގެ ގޮތުން މާޝަލްއާޓްސް ދަސްކޮށް، އެ ހުނަރު ވަރަށް ފުރިހަމައަށް ފިލްމުގައި ދައްކުވައި ވެސް ދީފައިވެ އެވެ. މި ފިލްމުގައި ނުޒޫ ފެނިގެން ދަނީ ވަރަށް ތަފާތު ތިން ގޮތަކަށެވެ. ނަމަވެސް ފެންނަ ކޮންމެ ގޮތަކުން ވެސް ދައްކުވައިދެނީ ވަރަށް ވެސް ހިތްވަރުގަދަ އަންހެނެއްގެ ގޮތުގަ އެވެ. ހަމަ ޔަގީނުން ވެސް މި ފިލްމު ބެލުމަށްފަހު މުޖުތަމައުއަށް "ނީނާ" ގެ ފަރާތުން ހިތްވަރެއް ލިބިގެންދާނެ ކަން ކަށަވަރެވެ.

ޝަރަފް އަބްދުﷲ

ޝަރަފް ޢަބްދުﷲ


"ނީނާ" އަކީ ހަގީގަތުގައި ޝަރަފް އެންމެ ފުރަތަމަ ކުޅުނު ފިލްމެވެ. މިހާރު އޭނާއަކީ އިންޑަސްޓްރީއަށް އާ މޫނަކަށް ނުވި ކަމުގައި ވިޔަސް، މިފިލްމުގެ ފަހުން ޝަރަފް ކުޅެފައިވާ ފިލްމުތަކާ ޑްރާމާތަކާ އަޅާ ބަލާއިރު، މިފިލްމުގައި އޭނާގެ އެކްޓިން އާ ކަމަކަށް ނުވަތަ ދަށް ކަމަކަށް ވެސް ނުފެނެ އެވެ.

"ހަމްދު" ގެ ރޯލު ވަރަށް ފުރިހަމައަށް އޭނާ އަދާކޮށްފައިވާއިރު، ފުރަތަމަ ފެނިލުމުން ވެސް އޭނާވަނީ ގިނަ އަންހެންކުދިންގެ ހިތްތައް ކަތިލައިފަ އެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. އަނބިމީހާއާއި އާއިލާ ދެކެ އިންތިހާއަށް ވާލޯބި، ޝަރަފް ދައްކުވައިދީފައިވަނީ އޭނާފަދަ ލޯބިވެރިއަކު ނުވަތަ ފިރިއަކު ލިބުމަށް ކޮންމެ އަންހެނަކު ވެސް އެދޭނެހައި ފުރިހަމައަށެވެ. ފިލްމުގައި ޝަރަފްއަށް އަދާކުރަން ޖެހުނު ރޯލުގައި އޭނާ ތަހަންމަލު ކުރާ ވޭނާއި އޭނާ އެންމެ ހާސްވާ ކަންތައްތައް، އޭނާގެ ބަސްތަކުންނާއި އަމަލުން ވަރަށް ފުރިހަމައަށް ހާމަވާން ހުރެ އެވެ.

މަރިޔަމް ރަޝީދާ

މަރިޔަމް ރަޝީދާ


މަރިޔަމް ރަޝީދާއަކީ ކާކުކަން ފަހަރެއްގައި މިޒަމާނު ގިނަ ކުދިންނަށް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭނާއަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އާ މޫނެއް ނޫނެވެ. ދިގު 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރި ކަމުގައި ވިޔަސް، އޭނާއަކީ 80ގެ އަހަރުތަކުގައި މި އިންޑަސްޓްރީގައި ވަރަށް ވެސް ނަން ވިދާލި ކުޅަދާނަ އެކްޓްރެސް އެކެވެ.

ފިލްމުގައި ރަޝީދާ ކުޅެފައިވަނީ ލަތީފާގެ ރޯލެވެ. ދަރިފުޅާއި އަދި ވަކިން ހާއްސަކޮށް ދަނބިދަރި ދެކެ އިންތިހާއަށް ލޯބިވާ މަންމައެއްގެ ރޯލު ރަޝީދާ އަދާ ކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. މައިދައިތައެއްގެ ފަރާތުން ދަނބިދަރިއަކަށް ލިބިދޭންޖެހޭ ލޯތްބާއި އަޅައިލުމުގެ ލާމަސީލަކަށް އޭނާ ކުޅެފައިވާ ރޯލު ފުދޭނެ އެވެ.

ހަމްދާން ފާރޫގު

ހަމްދާން ފާރޫޤް


ފިލްމީ ދާއިރާގައި މަޝްހޫރު ފާރޫގު ފެމިލީއަށް ނިސްބަތްވާ ހަމްދާން އަކީ މި ފިލްމުގެ އެންމެ ވަރުގަދަ އެއް އެކްޓަރެވެ.

"ނީނާ" ގައި ހަމްދާން ކުޅެފައިވަނީ "އަލްބޯ" ގެ ރޯލެވެ. ނެގެޓިވް ރޯލަކުން ފެނިގެންދާ އޭނާގެ ކެރެކްޓާއިން މުޅިި ފިލްމަށް ފުރިހަމަކަމެއް ގެނެސްދީފައިވެ އެވެ. މީގެ ކުރިން އާންމުކޮށް މަޑުމައިތުރު ރޯލުތަކުން ފެނިގެންދާ ހަމްދާން މި ފިލްމުގައި އަދާކޮށްފައިވާ ރޯލަކީ އޭނާގެ ކެރިއަރުގައި ވެސް ފެނިގެންދިޔަ އެންމެ ތަފާތު އެއް ރޯލު ކަމުގައި ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ.

"ނީނާ" މިހާރު އޮލިމްޕަހު ސްކްރީނުގައި ދައްކަމުން ދާއިރު، މި ފިލްމުގެ ގިނަ ޝޯތައް މިހާރުވެސް ވަނީ ހައުސްފުލް ވެފަ އެވެ. އެގޮތުން އެންމެ ބާރުބޮޑުވަނީ ހަފްތާ ބަންދުގައިކަން ވެސް ފާހަގަ ކޮށްލެވެ އެވެ. މިފިލްމުގެ ރީތިކަމާާއި އިބްރަތްތެރިކަމުން، ބައެއް މީހުން ދެވަނަ ފަހަރަށް ވެސް މިފިލްމު ބަލާލަން ގޮސްފައިވެ އެވެ.

މުޅިއެކު 30 ޝޯ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "ނީނާ" ގެ އެންމެ ފަހު ޝޯ ދައްކަން ހަމަޖެހިފައި ވަނީ އަންނަ، ސެޕްޓެމްބަރު މަހުގެ 24 ގަ އެވެ.