17 އޮގަސްޓު 2023 - 14:16 0
ނަޖާހު މަސްއޫދު
މީގެ ކުރިން ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމެއްގައި ފަނޑިޔާރު ސުއޫދު: އޭނާ މިއަދު ވަނީ އެ ކޯޓަށް އެޑްމިނިސްޓްރޭޓަރަކު އައްޔަން ނުކުރެވޭތީ ޖޭއެސްސީއާ މެދު ނުރުހުންފާޅުކުރައްވާފައި
17 އޮގަސްޓު 2023 - 14:16 0
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޖުޑިޝަރީގެ އިދާރީ ކަންކަން ނުބެލެހެއްޓޭ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކޯފާވެ، އެ ކޮމިޝަނާ މެދު ނުރުހުންފާޅުކުރައްވައިފި އެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމާ ބެހޭ އުސޫލެއް އެކުލަވާލައި ފެންވަރު ވަޒަންކުރުމަށް ފަހު ވަކި ވަރަކަށް މާކްސް ނުލިބުނު މީހުން ވަޒީފާއިން ވަކިކުރަން ޑީޖޭއޭއިން ނިންމީ އޮގަސްޓް 2020ގަ އެވެ.
އެ މުވައްޒަފުން ވަޒީފާއާ ބެހޭ ޓްރައިބިނަލަށް ހުށަހެޅި މައްސަލައިގައި ނިންމީ އެ މީހުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ނިންމުން ޖޭއެސްސީން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓައިފަ އެވެ. މިއަދު އޮތީ ޖޭއެސްސީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބަލަމުންދާ މައްސަލައިގެ އަޑުއެހުމެކެވެ.
މި މައްސަލަ އެންމެ ފުރަތަމަ ޓްރައިބިއުނަލަށް ހުށަހެޅި އިރު ރައްދުވާ ފަރާތެއްގެ ގޮތުގައި ޑީޖޭއޭ އޮތް އިރު ފަހުން ޖޭއެސްސީއަށް ބަދަލުވީ ކިހިނެއްތޯ ފަނޑިޔާރު ސުއޫދު ޖޭއެސްސީގެ ވަކީލުންނާ ސުވާލުކުރެއްވި އެވެ.
އެ ކޮމިޝަނުގެ ވަކީލު ފަތުހުﷲ އިސްމާއިލް ވިދާޅުވި ގޮތުގައި، ޖުޑިޝަރީގެ އާންމު އިދާރީ ކަންކަން ބެލެހެއްޓުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ޑީޖޭއޭއަކީ އެ މަގުން ކަންކަން ތަރުތީބު ކުރުމަށް އުފައްދާފައިވާ އިދާރާއެއް ކަމަށެވެ. އެހެންވެ އެ ހުރިހާ ކަމެއް ގޮސް ގުޅެނީ ޖޭއެސްސީއާ ކަމަށް ވަކީލު ވިދާޅުވި އެވެ.
މުވައްޒަފުންނާ ބެހޭ އިދާރީ ހިންގުމާ ބެހޭ ގަވައިދުތައް ވެސް ހަދާނީ ޖޭއެސްސީންތޯ ވެސް ސުއޫދު އެއްސެވި އެވެ. ވަކީލު ފަތުހުﷲ ވިދާޅުވީ، އެ ބާރު އޮންނަނީ ޑީޖޭއޭއަށް ދީފައި ކަމަށާއި އެކަމަކު ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ޖޭއެެސްސީއަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އެހެން ވިދާޅުވުމުން ދެން ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވީ، ކޯޓުތަކަށް އަމިއްލައަށް އިދާރީ ހިންގުމާ ބެހޭ ގަވައިދު ހެދުމުގެ ބާރު ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބުނާ 156 ވަނަ މާއްދާ އެވެ. ޖޭއެސްސީގެ ސްޓޭންޑް އެހެން އޮތް އިރު ގާނޫނުއަސާސީގެ އެ މާއްދާ ފެތެނީ ކޮން ތަނަކަށްތޯ ސުއޫދު ސުވާލުކުރެއްވި އެވެ. އެހެން އޮއްވާ ރައްޔިތުންގެ މަޖިލީހުން އެކުލަވާލާ ގާނޫނަކުން އެ ބާރު ނިގުޅައިގަނެވޭނެތޯ އެއްސެވި އެވެ.
ސުއޫދުގެ ސުވާލުތައް ބަދަލުވެގެންދިޔައީ ނުރުހުންފާޅުކުރުމަށެވެ. ދެ އަހަރު ވެގެންދާއިރު، ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލްއަކު އައްޔަން ނުކުރެވޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ކޯޓުގެ އަމިއްލައަށް އެކަން ކުރާނީ ކިހިނެއްތޯ އަދި ޖޭއެސްސީން ބުނާ ގޮތުން ނަމަ ސުޕްރީމް ކޯޓު ނުފޫޒެއްގެ ތެރެއަށް ދަނީތޯ ވެސް ސުވާލު އުފެއްދެވި އެވެ.
"ކޮން ބައެއްތޯ އެކަމަށް ޒިންމާ އުފުލާނީ. ދޮޅު އަހަރު ވެގެން މިދަނީ ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލްއަކު އައްޔަން ކޮށްދޭށޭ އާދޭސްކުރާތާ. މިހެން އާދޭސްކުރާ ގޮތަށް މިކަން ބާއްވަންތޯ މި ގާނޫނުއަސާސީ ދެކޭ ގޮތަކީ،"
އިދާރީ މުވައްޒަފުން އައްޔަން ކުރުން ވެސް ޖޭއެސްސީއަށް އޮންނަ ކަމަށް ބުނާއިރު ކޯޓަށް މުވައްޒަފުން އައްޔަން ނުކުރެވޭ ކަމަށް ވިދާޅުވެ، ދެން ކޯޓު ހިންގަނީ ކިހިނެއްތޯ ސުއޫދު ސުވާލުކުރެއްވި އެވެ.
"ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މިތިބީ؟ މިތަން ހިންގަނީ ކިހިނެއް؟ ދެން ކޮން ވާހަކައެއް ތި ދައްކަނީ. މިއީ ކޮން ކަމެއްތޯ؟ ރަނގަޅު ދުވަހަށް ތިތަން ހިންގޭ ނަމަ ރަނގަޅު ރަނގަޅު، ޑިޕާޓްމެންޓަށް މުވައްޒަފުން އައްޔަން ކުރެވޭ ނަމަ ރަނގަޅު. ޖޭއެސްސީއަށް ޖުޑިޝަރީ ހިންގޭ ނަމަ ރަނގަޅު. އެކަމެއް ނުކުރެވޭ. މިތަނަށް މުވައްޒަފެއް ލެވެނީއެއް ނޫން."
"ދެން މިތަނަށް އައިސް މި ބުނަނީ ތިމަންނަމެންނޭ ހިންގަނީ. އަޅުގަނޑުމެންނަށް ނެތް އަޅުގަނޑުމެންގެ މުވައްޒަފަކު އައްޔަން ކުރެވޭކަށް، މިތަން ހިންގޭކަށް. މިތާ ތިބި ހަތް ފަނޑިޔާރުން ނޫން މީހަކު މިތާކު ނެތް. އިދާރީ މުވައްޒަފަކު ނެތް މިތާކު. ދެން ތި ބުނަނީ ތިމަންނަމެންނޭ ޖުޑިޝަރީ ހިންގަނީ. ތިމަންނަމެންނޭ ހިންގާނީ. އެގޮތަށޭ ގާނޫނުއަސާސީ ދެކެނީ. ދެން ކިހިނެއް ހަދަންވީ؟،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ނުރުހުންފާޅުކުރެއްވުމަށްފަހު ސުއޫދު ވިދާޅުވީ، އިތުރު ސުވާލެއް ނެތް ކަމަށެވެ. ސުއޫދު ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ޖޭއެސްސީން އެއްޗެއް ބުނަން އޮތްތޯ ފަނޑިޔާރު މުހައްމަދު އިބްރާހީމް އެއްސެވުމުން ވަކީލު ފަތުހުﷲ ވިދާޅުވީ، އެ މައުލޫގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ޖޭއެސްސީން މި މައްސަލައިގެ ތެރެއަށް ވަނުމާ ގުޅޭ ގޮތުން އެޑްމިނިސްޓްރޭޓަރުންގެ ވަކީލުން ދެކޭ ގޮތް ވިދާޅުވަމުން ދަނިކޮށް، ދެން ސުއޫދު ޖޭއެސްސީއާ ސުވާލު ކުރެއްވީ، ސުޕްރީމް ކޯޓަށް އިދާރީ އިސް މުވައްޒަފަކު އައްޔަން ކުރެވޭނީ ކޮން ދުވަހަކުތޯ އެވެ.
"މި ކޯޓަކަށް މިނިވަންކަމެއް ނެތް މި ކޯޓުގެ މުވައްޒަފުން ލާކަށް. މި ކޯޓު ހިންގޭކަށް ނެތް. ބަޔަކު ދިނިއްޔާ އަޅުގަނޑުމެން ކައިގެން މި ތިބެނީ. ބަޔަކު ދިނިއްޔާ ފޮތާއި ފަންސުރާ މި ލިބެނީ. ބަޔަކު ދިނިއްޔާ މުވައްޒަފުން މި ލިބެނީ. އެކަމަކު، އަޅުގަނޑުމެންނަކީ މިނިވަން ފަރާތަކޭ ދައުލަތުގެ އެއް ބާރެކޭ މި ބުނަނީ. ކިހިނެއްތޯ ސަސްޓެއިން ކުރަނީ މި އާގިއުމެންޓް،" ސުއޫދު ވިދާޅުވި އެވެ.
އެ ސުވާލަށް ޖޭއެސްސީގެ ވަކީލަށް ޖަވާބެއް ނުދެއްވެ އެވެ. ފަތުހުﷲ ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވަން ދަތިކަމަށެވެ.
Comment