Advertisement

ސިއްހަތު ތަންނުދިނުން ފަދަ ހުއްޓުމެއް ނާރާ ނަމަ ރައީސް ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ: މާރިޔާ

17 އޮގަސްޓު 2023 - 12:30 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ -- ފޮޓޯ


ސިއްހަތު ތަންނުދިނުން ފަދަ ހުއްޓުމެއް ނާރާ ނަމަ ރައީސް ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ: މާރިޔާ

17 އޮގަސްޓު 2023 - 12:30 0

ސިއްހަތު ތަންދޭ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހަރުގެ ރިޔާސީ ކެމްޕެއިންގައި ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނުގައި ރައީސް އިއްޔެ އއ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގެ ތެރެއިން ހިމަންދޫ އާއި އދ. އަތޮޅަށް މިއަދު ދަތުރުފުޅު ކުރައްވަން ހަމަޖެހުނު ނަމަވެސް، އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ.

މިއަދު ސްޕޯކްސްޕާސަން މާރިޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މިފަހަރުގެ ކެމްޕެއިނުގައި ވެސް ހުރިހާ ރަށަކަށް ރައީސް ވަޑައިގަތުމަކީ އަމާޒެއް ކަމަށެވެ. އަދި ސިއްހަތު ތަންނުދިނުން ފަދަ ކަމެއް ދިމާވެގެން ހުއްޓުން ނާރާ ނަމަ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ހުރިހާ ރަށަކަށް ރައީސް ސޯލިހު ވަޑައިގަތުމަކީ. އެކަމަކު މިކަހަލަ ކަމެއް ދިމާވެގެން އެހެން ހުއްޓުން އެރުން ފިޔަވައި ހަމަ ގައިމުވެސް ރައީސް ސޯލިހު ހުރިހާ ރަށަކަށް ދަތުރުފުޅު ކުރެއްވޭތީ މަސައްކަތް ކުރައްވާނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހަށް ޖެހިފައި ވަނީ މާލެ ތެރޭގައި އުޅޭ "ރޯގާ"އެކެވެ. އެހެންވެ، މީހުންގެ ތެރެއަށް ނުކުމެ އުޅުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިހާބަށް 22 ދުވަސް އޮތް އިރު މާރިޔާ ވިދާޅުވީ، ޑޮކްޓަރު ހުއްދަ ދެއްވިހާ އަވަހަށް އެމަނިކުފާނު އަނެއްކާ ވެސް ކެމްޕެއިނަށް ނުކުންނަވާނެ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި އެވެ. މިފަހަރުގެ ކެމްޕެއިން ށ. އަތޮޅުން ފެއްޓެވި އިރު، މިހާތަނަށް އެމަނިކުފާނު ވަނީ 11 އަތޮޅަކަށް ވަޑައިގެންފަ އެވެ.

ކެމްޕެއިނަށް ރައީސް ސޯލިހު ވަނީ މިހާތަނަށް ހއ, ށ, ނ, ވ, މ, ދ އަދި ގއ.ގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކާއި, އއ. ހިމަންދޫ ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށްތަކާއި, ގދ. ތިނަދޫ ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ފުވައްމުލަކަށް ވެސް ވަޑައިގެންނެވި އެވެ.

ރައީސްގެ އިތުރުން ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.