16 އޮގަސްޓު 2023 - 19:18 0
މުހައްމަދު ޖަމްޝަތު ވަހީދު
ރައީސް ސޯލިހު ރޭ މެމްބަރު ޔާސިރު އަދި ކުޅުދުއްފުށީ ކައުންސިލް މެމްބަރުންނާއެކު. -- ފޮޓޯ: އެމްޑީޕީ
16 އޮގަސްޓު 2023 - 19:18 0
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފު އާއި ކައުންސިލްގެ މެމްބަރުން، ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގަތީ ވަގުތީ އުފަލުގެ އަޖަލުގައި ކަމަށާއި އެއީ ޟަމީރުގެ ބަލިކަށި ކަމެއް ކަމަށް، ދަ ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައިފި އެވެ.
މެމްބަރު ޔާސިރު އަދި ކައުންސިލްގެ ހަތް މެމްބަރުން މަޑު ނޫކުލައިން އަލުން ރީނދުލަށް ބަދަލުވެ، އެމްޑީޕީގެ މެމްބަޝިޕް ފޯމް ހަވާލު ކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާކު، ސޯލްޓު ކެފޭ އިމާރާތުގައި ހުންނަ އެ މަނިކުފާނުގެ ކެމްޕޭނު އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
ކުޅުދުއްފުށީގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި މެމްބަރު ޔާސިރާއި ކައުންސިލް މެމްބަރުންނަށް އައި ކުއްލި އެ ބަދަލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ބައެއް ޒުވާނުން ވަގުތީ ފައިދާގެ ދަޅާގައި ވަރަށް އަވަހަށް ޖެހިދާ ކަމަށާއި ކުޅުދުއްފުށި ރައްޔިތުންނަކީ އެހާ އަވަހަށް ޟަމީރު ގުޑާ ބައެއް ކަމަށް ގަބޫލު ކުރެއްވިފައި ނެތް ކަމަށެވެ. ނަމަވެސް އެއިން ބޭފުޅެއްގެ ނަން ވިދާޅެއް ނުވެ އެވެ.
މެމްބަރު ޔާސިރުގެ ނަން ފާހަގަ ނުކުރައްވައި، ނަޝީދު ވިދާޅުވީ ޒުވާނުން މައިދާނަށް ނެރެއްވުމަށް އިންތިހާއަށް މަސައްކަތްތައް ކުރައްވާ ކަމަށާއި އެފަދަ ފުރުސަތު ދެއްވި، އަދި ގާތްކަން ބެހެއްޓެވި އެކަކީ ކުޅުދުއްފުށީ ޒުވާނެއް ކަމަށެވެ.
"އޭގެ ތެރެއިން އެއް ކުއްޖަކު މަޖިލީހުގެ މުގައްރަރަކަށް ހަދައި މަޖިލީހުން ލިބެމުންދިޔަ ހުރިހާ ފުރުސަތެއް އަރުވަމުން ގެންދިޔައިން. އަދި އެ ބޭފުޅާއާ އެކުގައި ހުސް ވަގުތާއި ވީހާވެސް ގިނައިން މަޝްވަރާކޮށް ވާހަކަ ދައްކާ ހަދަމުން ގެންދިޔައިން. އެހެން ނަމަވެސް ވަގުތީ ފައިދާގެ ދަޅައިގައި ޒުވާން އުމުރުގައި ބައެއް ބޭފުޅުން ޖެހިދޭ،" ނަޝީދު ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ތާއިދު ހޯއްދެވުމަށް ކުޅުދުއްފުށީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ތަރައްގީގެ ތަސައްވުރެއް އޮންނާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުން ދޭ ތާއީދު، ވިޔަފާރި މުއާމަލާތަކަށް ހަދައި އޭގެ ތެރެއިން ދެތިން މީހަކަށް މިލިއަނުން ފައިސާ ލިބޭކަށް ރައްޔިތުން ނޭދޭނެ ނަޝީދު ވިދާޅުވި އެވެ.
ޔާސިރު ބަދަލުވި ސަބަބެއް އޭނާ މިހާތަނަށް ހާމަ ވިދާޅެއް ނުވެ އެވެ.
ޔާސިރަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި އެންމެ ފުރަތަމަ މަޖިލީހުން ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ އެ ޕާޓީގެ ހަރަކާތްތަކުން ނުފެނެ އެވެ.
Comment