Advertisement

ވ. އަތޮޅުގެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހުޅިދޫ ކަނޑައަޅަން އެދިއްޖެ

16 އޮގަސްޓު 2023 - 11:39 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހުޅިދޫއަށް ޕިކްނިކް ދިޔަ ބަޔަކު އެ ރަށު ފަޅު ތެރޭގައި. މި ރަށް އަތުލުމަށް ވ. އަތޮޅު ކައުންސިލުން މުޒާހަރާ ވެސް ކުރި --- ފޮޓޯ: ޝިފާގް/ޓްވިޓާ


ވ. އަތޮޅުގެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހުޅިދޫ ކަނޑައަޅަން އެދިއްޖެ

16 އޮގަސްޓު 2023 - 11:39 0

ވ. އަތޮޅުގެ ރައްޔިތުން އެދޭ ގޮތަށް އެ އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ބޭނުންވާ ރަށެއް ނިންމައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާތީ އެ ރަށަކީ ވ. ހުޅިދޫ ކަމަށް ކަނޑައަޅައިދިނުމަށް އެ އަތޮޅު ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

ވ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ޖުލައި 17, ގައި ވ. ތިނަދޫގައި ހުންނަވައި ރައީސް ވަނި އެ އަތޮޅުގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެއީ އެމަނިކުފާނު 2018 ގައި ވެސް ވެވަޑައިގެންނެވި ވައުދެކެވެ.

އެ ދުވަހު ރައީސް ވިދާޅުވީ ބައެއް ރައްޔިތުން ބޭނުންވަނީ ރަށެއް ހިއްކައިގެން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރަން ކަމަށް ވިޔަސް މީހުން ދިރިއުޅޭ ރަށަކާ ގުޅިފައި އޮންނަ ގޮތަށް ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން އެދޭ ރައްޔިތުން ވެސް އުޅޭ ކަމަށެވެ. އަދި, އެކަމުގައި ގޮތް ނިންމަވާނީ ރައްޔިތުން ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ވ. އަތޮޅު ކައުންސިލުގެ 30 ވަނަ ޖަލްސާގައި ބައިވެރިވި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުންގެ ވޯޓާ އެކު ނިންމީ ހުޅިދޫ އެއީ ޕިކްނިކް އައިލެންޑުގެ ގޮތުގައި ކަނޑައަޅައިދިނުމަށް ރައީސް ސޯލިހުގެ އަރިހުން އެދުމަށެވެ.

ވ. އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެފައިވާ ގޮތުގައި އެ ނިންމުން ރައީސަށް ރައްދު ކޮށްދިނުމަށް އެމަނިކުފާނުގެ ރަނިން މޭޓު މުހައްމަދު އަސްލަމްއާ މިހާރު ވަނީ ހަވާލުކުރެވިފަ އެވެ.

ހުޅިދޫ ދަނޑުވެރިކަމުގެ މަސައްކަތަށް ކަމަށް ބުނެ އާރަށް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް 21 އަހަރުގެ މުއްދަތަކަށް ހުޅިދޫ ކުއްޔަށް ދޫކޮށްފައިވަނީ 2016 އަހަރު އެވެ. އެކަމަކު އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ. އަދި މަސައްކަތްތަކެއް ކުރަން ދީފައި އޮތް މުހުލަތު ވެސް އޮތީ ފަހަނައަޅައި ގޮސްފަ އެވެ.

ހުޅިދޫ ތަރައްގީ ކުރުމަށް އެގްރިމެންޓު ކުރި ފަރާތްތަކުން އެގްރިމެންޓާއި ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓު ކުރެވުނު މުއްދަތު ހަމަވެފައިވާތީ އެ ދެ ރަށް ވ. އަތޮޅުގެ ކައުންސިލަށް ނެގުމަށް އެ ކައުންސިލުން ނިންމީ އެޕްރީލް 28، 2022 ގަ އެވެ.

އެއަށްފަހު އަތޮޅު ކައުންސިލުން ވަނީ އެ ރަށް އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތުގެ ތެރެއިން އެ ރަށަށް އަރައި އަތޮޅު ކައުންސިލް މެމްބަރުންނާއި ބައެއް ރަށްރަށުގެ ރައްޔިތުން އިހުތިޖާޖު ވެސް ކުރި އެވެ. ފުލުހުން އެ ރަށަށް އަރައި އެ މީހުން ފޭބުމަށް ވެސް އެނގި އެވެ. މަޝްވަރާއަށް މުޒާހަރާ ހުއްޓާލި ނަމަވެސް ހުޅިދޫ މައްސަލައަށް އޭރުއްސުރެ އޮތީ ހައްލު ނުލިބި އެވެ.