Advertisement

ޓީމު ޑީޖޭއޭ އާއި ކްލަބް 220 ފައިނަލަށް

16 އޮގަސްޓު 2023 - 08:49 0

ކްލަބް 220 ކުޅުންތެރިން މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޓީމު ޑީޖޭއޭ އާއި ކްލަބް 220 ފައިނަލަށް

16 އޮގަސްޓު 2023 - 08:49 0

ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް މުބާރާތުގެ ފައިނަލުން ޓީމު ޑީޖޭއޭ އާއި ކްލަބް 220 ފުރުސަތު ހޯދައިފި އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކަށް ބަލާއިރު، ފުރަތަމަ ސެމީގައި ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް އަތުން ޑީޖޭއޭ މޮޅުވީ 8-1 އިންނެވެ. ދެ ވަނަ ސެމީގައި ޕެނަލްޓީ ޖަހައިގެން، ހާރިޖީ އަތުން ކްލަބް 220 ކުރިހޯދީ 5-3 އިންނެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޑީޖޭއޭ އިން ވަނީ 10-2 އިން ޓްރާންސްޕޯޓް ބަލިކޮށްފަ އެވެ. އެކަމަކު، ރޭގެ ސެމީ ފައިނަލްގެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އަބްދުﷲ ރިމާހުގެ ގޯލުން ޑީޖޭއޭ އިން ލީޑުނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން 39 ސިކުންތަށް ވެފައި ހުއްޓައި، އަލީ މޫނިސް ވަނީ ޓްރާންސްޕޯޓަށް އެއްވަރުކޮށްދީފަ އެވެ.

ޑީޖޭއޭ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެކަމަކު، ދެ ވަނަ ހާފުގައި ތަފާތު ރޫހެއްގައި ކުޅެ، ޑީޖޭއޭ އިން ވަނީ މި ހާފުގައި ހަތް ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ގުރައިޝް ހެޓްރިކެއްގެ އިތުރުން ސައުދުﷲ އަހުމަދު ދެ ގޯލާއި މުހައްމަދު އަޖުވަދު ސޮލާހު އަދި އިބްރާހިމް ނައީމް އެވެ.

ހާރިޖީ އާއި ކްލަބް 220 ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ހާރިޖީގެ މުހައްމަދު ހޫދު އެ ޓީމުގެ ގޯލު ޖެހިއިރު، 220 ޓީމުގެ ލަނޑު ޖެހީ އަހުމަދު ސާމިހު އެވެ. ކްލަބް 220 އިން ޕެނަލްޓީ ކާމިޔާބުކުރީ އަލީ އިކްރާމް (އައްޔަ)، ސާމިހު، މައްސޫދު ޝަބީން އަދި އަޝްފާގު ނައީމް އެވެ. ހާރިޖީން މުހައްމަދު ނާޝިދު (ނާއްޓެ) އާއި ހޫދު އަތުން ޕެނަލްޓީ ނާކާމިޔާބުވިއިރު، އަލީ ޒާހިރު އަދި އަހުމަދު ޝިފާއު ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.

ކްލަބް 220 އާއި ޓީމު ޑީޖޭއޭ ކުޅޭ ކްލަބް މޯލްޑިވްސް ކަޕްގެ ކްލަސިކް މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ 20:30 ގަ އެވެ.