Advertisement

ޕޮލިސް، ފެނަކަ، އެމްއޭސީއެލް އަދި ވެމްކޯ ފައިނަލަށް

15 އޮގަސްޓު 2023 - 10:02 0

ފެނަކަ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޕޮލިސް، ފެނަކަ، އެމްއޭސީއެލް އަދި ވެމްކޯ ފައިނަލަށް

15 އޮގަސްޓު 2023 - 10:02 0

ކްލަބް މޯލްޑިވްސްގެ އެއިޓީން ތާޓީ މުބާރާތުގެ ފައިނަލުން ޓީމު ފެނަކަ އާއި ޕޮލިސް ކްލަބް ފުރުސަތު ހޯދިއިރު، އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ފައިނަލަށް ކްލަބް ވެމްކޯ އާއި އެމްއޭސީއެލް ދަތުރުކޮށްފި އެވެ.

އެ ގޮތުން، އިއްޔެ ހަވީރު އެއިޓީން ތާޓީ ލީގު ބުރުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ވަނީ 2-1 އިން ފެނަކަ ބަލިކޮށްފަ އެވެ. އެކަމަކު، ސިފައިންނަށް ތިން ގޯލުގެ ފަރަގަކުން މޮޅުނުވެވުމުން އެ ޓީމު ކެޓީ އެވެ.

ރޭ ކުޅުނު އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ސެމީ ފައިނަލް ދެ މެޗަށް ބަލާއިރު، ވެމްކޯ އިން ވަނީ 5-0 އިން ކްލަބް އެމްވައިއެސް (ޔޫތު މިނިސްޓްރީ) ބަލިކޮށްފަ އެވެ. ޕްރިޒަން ކްލަބް އަތުން އެމްއޭސީއެލް ވަނީ 5-0 އިން ކުރިހޯދައި، ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.

އެއިޓީން ތާޓީ ފަހު މެޗުގައި ދިވެހި ސިފައިންގެ ކްލަބް އިން ފާތިމަތު އަފްޒާގެ ގޯލުން ލީޑުނެގި އެވެ. ފެނަކަ އިން އެއްވަރުކުރީ ފާތިމަތު އިނާޝާގެ ގޯލުންނެވެ. ސިފައިން މޮޅުވީ މައީޝާ އަބްދުލް ހަންނާން ޖެހި ގޯލުންނެވެ.

އެއިޓީން ތާޓީގެ ލީގު ބުރުގެ މެޗުތައް ނިމުނުއިރު، ތިން ޓީމު ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު، ލަނޑުގެ ތަފާތަށް ބަލާއިރު، ފެނަކަ އެއް ވަނަ ދިޔައީ ފައިދާ ދެ ގޯލާ އެކު އެވެ. ޕޮލިހަށް ފައިދާ ގޯލެއް ނެތްއިރު، ސިފައިން ތިން ވަނަ އަށް ދިޔައީ ގެއްލުން ދެ ގޯލު އޮތުމުންނެވެ.

ރޭ ކުޅުނު އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ސެމީ ފައިނަލުގައި ވެމްކޯ އިން ޔޫތު މިނިސްޓްރީ ކޮޅަށް ލަނޑުތައް ޖަހާފައިވަނީ ފަޒްލާ އިބްރާހިމް ދެ ގޯލުގެ އިތުރުން، މަރިޔަމް މަލްޝާ ޝަމީމް، ފާތިމަތު ޔޫނާ އަހުމަދު އަދި ސަފިއްޔާ ރަފާ އެވެ. އެމްއޭސީއެލް އިން ޕްރިޒަން ކޮޅަށް ގޯލުތައް ޖެހީ ފިރުޝާނާ ނަސީރު ހެޓްރިކެއްގެ އިތުރުން އިނާޝާ އަބްދުލް ރަހީމް އަދި އާޒިނާ މަތީން އެވެ.

ޕޮލިހާއި ފެނަކަ ވާދަކުރާ އެއިޓީން ތާޓީ ފައިނަލް މެޗު އޮތީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ. އަދި އެމްއޭސީއެލް އާއި ވެމްކޯ ކުޅޭ އެއިޓީން ތާޓީ ކްލަސިކް ފައިނަލު އޮތީ 23 ވަނަ ދުވަހުގެރޭގަ އެވެ.