Advertisement

ކޯލިޝަން ނުހަދާނެކަން ތަކުރާރުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ދެވަނަ ބުރަކަށް ތައްޔާރު ނުވާ ކަމަށް

14 އޮގަސްޓު 2023 - 16:43 0

ނިމާ ހަސަން

ނިމާ ހަސަން

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ); އެހެން ޕާޓީއަކާ ކޯލިޝަން ހެދުމުގެ ޝައުގެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: ޕީޕީއެމް


ކޯލިޝަން ނުހަދާނެކަން ތަކުރާރުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ދެވަނަ ބުރަކަށް ތައްޔާރު ނުވާ ކަމަށް

14 އޮގަސްޓު 2023 - 16:43 0

ޕީޕީއެމް/ޕީއެންސީ އިން އިތުރު ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް ޝައުގެއް ނެތްކަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ހާމަ ކުރައްވައިފި އެވެ.

އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި ހއ. ވަށަފަރަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި އަދުރޭ ވިދާޅުވީ އިންތިހާބުގައި ވާދަވެރިން ރަށްރަށަށް ވަޑައިގެން ތަފާތު ވާހަކަތައް ދައްކަމުން އެބަ ގެންދާ ކަމަށެވެ.

"ވާދަވެރިން ރިޔާސީ ކެމްޕޭނުގައި ރަށްރަށަށް ވަޑައިގެން ތަފާތު ވާހަކަ ދައްކަވަމުން އެބަ ގެންދަވާ. އެ ވާހަކަ ދައްކަވާއިރު އެ ބޭފުޅުންނަށް އެ ދެއްކެވޭ ވާހަކައެއް, ނުދެއްކެވޭ ވާހަކައެއް އެނގިވަޑައެއް ނުގަންނަވާ. އެހެންނޫންނަމަ ނުދައްކަވާނެ އެތައް ވާހަކައެއް އެ ބޭފުޅުން އެބަ ދައްކަވާ," ވަކި ބައެއްގެ ނަން ހާމަ ނުކުރައްވާ އަދުރޭ ވިދާޅުވި އެވެ.

ނުސީދާކޮށް އަދުރޭގެ ބަހުގެ ހަމަލާ އަމާޒުކުރެއްވީ, ޑިމޮކްރެޓުންނަށެވެ. އެ ޕާޓީން އިއްޔެ ވަނީ ޑރ. މުއިއްޒުއާއެކު ކޯލިޝަން ހެދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބުނެފަ އެވެ. އޭގެ އިތުރަށް އެ ޕާޓީގެ އިސް ލީޑަރު މުހައްމަދު ނަޝީދު ވެސް ވަނީ, މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ 'ހައްދުފަހަނަޅާނެ' ކަމަށް ވިދާޅުވެފަ އެވެ.

ޑިމޮކްރެޓުންނަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވި ގޮތުގައި, އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް ޑރ. މުއިއްޒު ނޫޅުއްވަ އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަކަށް ތައްޔާރު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"[ވާދަވެރިން] އެބަ ވިދާޅުވޭ ޑރ. މުއިއްޒުއާ އެކީގައި ކޯލިޝަން ހަދާކަށް ތިމަންނަމެން ތައްޔާރެއް ނޫނޭ. އަޅުގަނޑުމެނެއް ނޫޅެމޭ ބަޔަކާ އެކީގައި ކޯލިޝަނެއް ހަދާކަށް. އަޅުގަނޑުމެން މި އިންތިހާބުގެ ދެވަނަ ބުރަކަށް ތައްޔާރެއް ނުވަމޭ. އިންތިޒާރެއް ނުކުރަމޭ." އަމާޒު ހިފާފައި ވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރަންކަން ހާމަކުރައްވާ އަދުރޭ ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހެދުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށެވެ. އަދި ދިވެހި ރައްޔިތުން ވެސް ކޯލިޝަން ސަރުކާރެއް ބޭނުން ނުވާކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެކީގައި ކޯލިޝަން ހެދުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ ކޯލިޝަން ސަރުކާރެއް. ކޯލިޝަން ސަރުކާރެއް ރައްޔިތުން ތަޖުރިބާކޮށްފި. އޭގެ މަންފާއެއް ރައްޔިތުންނަކަށް ނުލިބުނު." ކޯލިޝަން ހަދަނީ ވައްކަން ކުރަން ކަމަށް ތުހުމަތު ކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.