15 އޮގަސްޓު 2023 - 09:48 0
ނަޖާހު މަސްއޫދު
ޝިއާއުގެ މަރާއި ގުޅިގެން އުފުލި އެއްވެސް ދައުވާއަކަށް ޝާހިލް އިއުތިރާަފެއް ނުވޭ -- ފޮޓޯ: މުހައްމަދު އަހުސަން/ރެޑްބުލް
15 އޮގަސްޓު 2023 - 09:48 0
ހ. ޝީރީންވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ސާހިލްއަށް ދައުލަތުން ހަމަޖެއްސި ވަކީލު މައްސަލައިން ތަނާޒުލްވުމުން އޭނާއަށް ދައުލަތުން އެހެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފި އެވެ.
ޝިއާއު މަރާލާފައި އޮތް އެޕާޓްމެންޓް ތެރެއިން ހައްޔަރު ކުރި ސާހިލްގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.
ކްރިމިނަލް ކޯޓުގެ މީީޑިއާ އޮފިޝަލު "އަދަދު"އަށް ވިދާޅުވި ގޮތުގައި، ޝާހިލްއަށް ދައުލަތުން ކުރިން ހަމަޖެއްސި ވަކީލު މައްސަލައިން ތަނާޒުލުވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ޖެހިގެން އައި ދުވަހު އެ މައްސަލައިގެ އޮތް އަޑުއެހުމުގައި ސާހިލް ވަނީ، ވަކީލަކާ އެއްކޮށް މައްސަލަ ކުރިއަށްގެންދަން ބޭނުންވާތީ އެހެން ވަކީލަކު ހަމަޖައްސަން އެދިފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ، އޭނާއަށް ވަކީލަކު ހަމަޖައްސަން އަދި ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި ވަކީލަކު ހަމަޖެއްސޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ ޕީޖީ އޮފީހުން އެ ދުވަހުގެ އަޑުއެހުމުގައި ބުނެފައިވާ ކަމަށެވެ.
ކޯޓުން ބުނި ގޮތުގައި، އެ މައްސަލަ އަދިވެސް އޮތީ، އިބްތިދާއީ މަރުހަލާގަ އެވެ. ވަކީލަކު ހަމަޖެހުމުން ދެން އޮންނަ އަޑުއެހުމެއްގައި ހެކި ރައްކާތެރިކުރުމުގެ އަމުރާ މެދު ގޮތް ނިންމުން އޮންނާނެ ކަމަށް ވެސް ބުންޏެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިދޭން ޖެހޭނެ އެވެ. އެ ވަކީލުންނަށް ހަރަދު ކުރަން ވެސް ޖެހޭނީ ދައުލަތުންނެވެ. އަދި ދިފާއުވާ މީހާގެ މާލީ ތަނަވަސްކަން ހުރި މިންވަރު ބަލާނީ އޭޖީ އޮފީހުން ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިންނެވެ.
(ށ) ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަން ކޮށްދޭން ވާނެއެވެ.
ޝާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ކުރެ އެވެ. މައްސަލައިގެ ބާވަތުން ދައުލަތުން ދެން އުފުލި ދެ ދައުވާ ޕީޖީ އޮފީހުން ވެސް އަދި ކޯޓުން ވެސް ހާމައެއް ނުކުރެ އެވެ.
މި މައްސަލައިގައި އުފުލުނު ދައުވާތަކަށް ޝާހިލް ޖަވާބުދާރީވީ ކިހިނެއް ކަމެއް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment